ޕެރިސް (ޖޫން 29) - ޕީއެސްޖީއާ އެކު އެއްބަސްވުން އާ ނުކޮށް އުމުރުން 19 އަހަރުގެ ނެދަލެންޑްސް މިޑްފީލްޑަރު ޒަވީ ސިމޮންސް، ނެދަލެންޑްސްގެ ޕީއެސްވީއާއެކު ދާއިމީ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޒަވީ އެންމެ ފުރަތަމަ އޮތީ ޕީއެސްޖީއާއެކު އެއްބަސްވުން އާކޮށް، ލޯނު އުސޫލުން އަންނަ ސީޒަނަށް ޕީއެސްވީ އަށް ދާށެވެ. ނަމަވެސް ފަހު ވަގުތު ޒަވީ ވަނީ ޕީއެސްޖީގެ ކޮންޓްރެކްޓަށް ނޫނެކޭ ބުނެ، ދާއިމީ އުސޫލުން ޖޫން 2027 ގެ ނިޔަލަށް ހިލޭ ޓްރާންސްފާގައި ޕީއެސްވީ އަށް ބަދަލުވެފަ އެވެ.

ސްޕެއިންގެ ބާސެލޯނާ އިން އުމުރުން 16 އަހަރުގައި ތިން އަހަރު ދުވަހަށް ޒަވީ ޕީއެސްވީ އަށް ބަދަލުވީ 2019 ގައި ތިން އަހަރު އެއް މިލިއަން ޔޫރޯ ލިބޭ ޑީލެއްގަ އެވެ. ނަމަވެސް ޒުވާން އުމުރުގައި ޔޫރަޕުގެ ފުޓުބޯޅައިގެ ބޮޑޫ އެސެޓަކަށް ވާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރި ޒަވީ އަށް ޕީއެސްޖީގައި މާ ގިނައިން ކުޅުމުގެ ފުރުސަތެއް ނުލިބެ އެވެ.

ޒަވީ ސިމޮންސް، ޕީއެސްވީ އަށް ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި.-- ފޮޓޯ: ޒަވީ ސިމޮންސް/ޓްވިޓާ
ޒަވީ ސިމޮންސް، ޕީއެސްވީ އަށް ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި.-- ފޮޓޯ: ޒަވީ ސިމޮންސް/ޓްވިޓާ

ޒަވީ ޕީއެސްޖީގެ ސީނިއާ ޓީމަށް ފުރަތަމަ މެޗެއް ކުޅުނީ މިދިޔަ އަހަރު ފްރާންސްގެ އެފްއޭ ކަޕްގަ އެވެ. މިހާތަނަށް ޕީއެސްޖީ އަށް އޭނާ ވަނީ 11 މެޗު ކުޅެދީފަ އެވެ. ޕީއެސްޖީއާ އެކު ކޮންޓްރެކްޓް އާކޮށް ލޯނު އުސޫލުން އޭނާ ގެންދަން ޕީއެސްވީން އެއްބަސްވިޔަސް ޒަވީ ބޭނުންވީ ނެދަލެންޑްސްގެ ކުރީގެ ފޯވާޑާ މިހާރު ޕީއެސްވީގެ ހެޑް ކޯޗު ވެން ނިސްޓެލްރޫއީގެ ދަށުން، ފުރަތަމަ 11 ގައި ކުޅުމުގެ ފުރުސަތު ހޯދާށެވެ.

"ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ އެކު ކޮންޓްރެކްޓް އިތުރު ކުރުމުގެ ފުރުސަތު އޭނާ [ޒަވީ ސިމޮންސް] އަށް އޮތް. އެކަމަކު ޕީއެސްޖީ އަށް މިދިޔަ ސީޒަނުގައި ނުވަ މެޗު ކުޅެދިން ކުޅުންތެރިޔާ ބޭނުންވީ ޕީއެސްވީ އަށް ބަދަލުވާން،" ބަޔާނުގައިވެ އެވެ.

ޒަވީގެ މިދިޔަ ސީޒަނުގެ ކުޅުން އެނަލައިޒް ކުރުމަށް ފަހު، އޭނާގެ ފަރާތުން ކްލަބަށް މުހިއްމު ކުޅުންތެރިއަކަށް ވެވިދާނެ ކަމުގެ ފެންވަރު އެބަހުރި ކަމަށް އެ ޓީމުގެ ފުޓުބޯޅަ ޑިރެކްޓަރު ޖޯން ޑިޔޮން ވަނީ ބުނެފަ އެވެ.

"މިދިޔަ ސީޒަނުގައި ޒަވީ ގައުމީ ޓީމަށް ވެސް ކުޅުނު ހުރިހާ މެޗެއް އަހަރެމެން ބެލިން. އޭގެ އިތުރުން، ލައިޕްޒިގާއި ޕެރިހާއި ބްރޫޖެސް އާއި މެންޗެސްޓާ އަދި ސެވިއްޔާގައި ކުޅުނު (ޔޫއެފާ) ޔޫތު ލީގު މެޗުތައް ވެސް ބެލިން،" ޕީއެސްވީގެ ފުޓުބޯޅަ ޑިރެކްޓަރު ބުންޏެވެ.

"އެ މެޗުތަކުގައި އަހަރެމެންނަށް ގަބޫލު ކުރެވުނު. ކުޅުންތެރިއެއްގެ ގޮތުގައި ޓީމަށް މުހިއްމު ކުޅުމެއް ޒަވީ އަށް ދެއްކިދާނެކަން އޭނާ ސާބިތު ކޮށްދިން. އޭނާ ވެސް އަހަރެމެންނާ އެކު ކުރިއަށް ދާން ބޭނުންވޭ."

ޒަވީ އަކީ ޕީއެސްޖީގެ އެކަޑެމީގައި ތަމްރީނު ހޯދުމަށް ފަހު، އެ ޓީމު ދޫކޮށް ދިޔަ މަޝްހޫރު ޒުވާން ކުޅުންތެރިންގެ ތެރެއިން އެކެކެވެ. ފްރާންސްގެ ކިންގްސްލީ ކޯމަން މިހާރު ބެޔާން މިއުނިކަށް ކުޅެމުން އަންނައިރު، ކްރިސްޓޮފާ އެންކޫންކޫ ވަނީ އާރުބީ ލައިޕްޒިގުގެ މުހިއްމު ކުޅުންތެރިއަކަށް ވެފަ އެވެ. ބޮޑެތި ކްލަބުތަކުން އޭނާ އަށް ފާރަލަމުން ދަނިކޮށް އެންކޫންކޫ ވަނީ އެ ޓީމާ އެކު ކޮންޓްރެކްޓް އާކުރަން އެއްބަސް ވެފަ އެވެ. ބެޔާން ލެވަކޫސަން އަށް މިހާރު ކުޅެމުން އަންނަ ފްރާންސް ވިންގާ މޫސާ ޑެމްބެލޭ ވެސް ޕީއެސްޖީ ދޫކޮށްލީ އެ ޓީމުގައި ކުޅުމުގެ ފުރުސަތު މަދުވުމުގެ ސަބަބުންނެވެ.

މިދިޔަ ސީޒަނުގެ ނެދަލެންޑްސް ލީގުގެ ދެވަނަ ހޯދި ޕީއެސްވީ އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކޮލިފައިންގައި ވާދަކުރާނެ އެވެ. ޕީއެސްވީން ވަނީ އެ ޓީމަށް މިދިޔަ ދެ ސީޒަނުގައި ކުޅުނު، ޖަރުމަންގެ ފޯވާޑް މާރިއޯ ގޮޓްޒޭ ހަތަރު މިލިއަން ޔޫރޯ އަށް، ޖަރުމަންގެ އެއިންޓްރަކްޓް ފްރޭންކްފާޓަށް ވިއްކާލައިފަ އެވެ.

ފްރޭންކްފާޓް މިދިޔަ ސީޒަނުގައި ޖަރުމަން ބުންޑެސްލިގާގެ 11 ވަނައިގައި ނިންމިޔަސް އެ ޓީމު ވަނީ ޔޫއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށް، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުން ޖާގަ ހޯދައިފަ އެވެ.