ރަހީމް ސްޓާލިން. އޭނާ ވަނީ ފަސް އަހަރުދުވަހަށް ޗެލްސީއާ ގުޅެން އެއްބަސް ވެފައި.-- ފޮޓޯ: އޭއެފްޕީ
13 ޖުލައި 2022 - 11:07
ލޮސް އެންޖެލެސް (ޖުލައި 13) - ޗެލްސީގެ އާ ވެރިޔާ ޓޮޑް ބޯލީ ޗެލްސީ އަށް ގަތް ފުރަތަމަ ކުޅުންތެރިޔާގެ ގޮތުގައި، އެމެރިކާގައި ޕްރީ ސީޒަން ޓުއާގައި ތިބި ޗެލްސީ ޓީމާ ގުޅެން، ރަހީމް ސްޓާލިން އެމެރިކާއަށް ފުރައިފި އެވެ.
އިނގިރޭސި މީޑީއާތަކުން ރިޕޯޓް ކުރާ ގޮތުގައި މެންޗެސްޓާ ސިޓީ އަށް ކުޅެމުން ދިޔަ އުމުރުން 27 އަހަރުގެ ސްޓާލިންގެ ސޮއި ޗެލްސީން ހޯދީ، އެޑޯންސް އާއެކު 50 މިލިއަން ޕައުންޑުގެ އަގަކަށެވެ. އަދި އޭނާ ވަނީ ޗެލްސީއާ އެކު މެޑިކަލް ވެސް ފުރިހަމަ ކޮށްފަ އެވެ.
ޗެލްސީން ރަސްމީކޮށް ސްޓާލިންގެ އެއްބަސްވުން ރަސްމީކޮށް ހާމަ ކޮށްފައި ނުވިޔަސް، ރިޕޯޓްތައް ބުނާ ގޮތުން އޭނާ ޗެލްސީއަށް ސޮއިކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން، ޖޫން 2027 އާ ހަމައަށެވެ. އަދި ކޮންޓްރެކްޓުގައި އިތުރު އެއް އަހަރަށް ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު ވެސް ދީފައި ވެއެވެ.
ސްޓާލިން އަށް ފަހު ޗެލްސީން ދެން އެންމެ ބޮޑަށް މަސައްކަތް ކުރަމުން ދަނީ، ނަޕޯލީގެ 31 އަހަރުގެ ޑިފެންޑަރު ކަލިދޫ ކުލިބަލީގެ ސޮއި ހޯދާށެވެ. ޖޫން މަހު ޓޮޑް ބޯލީ، ކުލިބަލީގެ އެޖެންޓުންނާ މަޝްވަރާތައް ކޮށްފައި ވާއިރު، އިއްޔެ އިޓަލީގައި އާ ބައްދަލުވުމެއް ބާއްވައި، މިހާރު އަންނަނީ އޭނާ ގަންނަން ރަސްމީކޮށް ނަޕޯލީއަށް ހުށަހަޅަން ތައްޔާރު ވަމުންނެވެ.
ނަޕޯލީގެ ޑިފެންޑަރު ކުލިބަލީ، އޭނާ ވަނީ ކުލަބު ބަދަލުކުރަން ބޭނުންވާކަން އަންގާފައި.-- ފޮޓޯ: ގެޓީ އިމޭޖަސް
ނަޕޯލީ އާއެކު ކުލިބަލީގެ ކޮންޓްރެކްޓުގައި އެއް އަހަރު އެބަ އޮތެވެ. ނަމަވެސް ނަޕޯލީއާ އެކު ކޮންޓްރެކްޓް އާކުރަން ކުލިބަލީ ބޭނުން ނުވާތީވެ، ނަޕޯލީ އަށް ވަނީ އޭނާ ވިއްކާލަން މަޖުބޫރު ވެފަ އެވެ.
މީގެ ކުރިން ޗެލްސީން 100 މިލިއަން ޔޫރޯ ދޭން ތައްޔާރަށް ހުރި ކުލިބަލީ އަށް، ޗެލްސީން އަންނަނީ 38 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅަން ތައްޔާރު ވަމުންނެވެ. އަދި ރިޕޯޓްތައް ބުނާ ގޮތުން އިއްޔެގެ ބައްދަލުވުމުގައި ކުލިބަލީގެ އެޖެންޓާ އެކު ވަނީ އަހަރަކު 10 މިލިއަން ޔޫރޯގެ މުސާރައަކަށް، ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ޗެލްސީއަށް ބަދަލުވާޏް އެއްބަސް ވެފަ އެވެ،
"އަހަރެން އުންމީދުކުރަނީ އޭނާ މަޑުކުރާނެ ކަމަށް، އެނާއަކީ އެންމެ މަތީ ފެންވަރުގެ ކުޅުންތެރިއެއް. އަދި ކަލިދޫ [ކުލިބަލީ] ވާނީ މިއަހަރު އަހަރެމެންގެ ކެޕްޓަނަށް. އެކަމަކު އެހެން ކުލަބަކަށް އޭނާ ބަދަލު ވިޔަސް، އަހަރެމެން އޭނާއަށް ޝުކުރު އަދާކުރާނަން،" ނަޕޯލީގެ ކޯޗު ލޫސިއާނީ ސްޕަލޭޓީ ބުނެފައި ވެއެވެ.
ޔުވެންޓަސްގެ ޑިފެންޑަރު މެތިއަސް ޑި ލިޓްވެސް ހޯދަން ޗެލްސީން ބޭނުންވެ އެވެ. ނަމަވެސް އޭނާ ޝައުގުވެރިކަން ހުރީ ޖަރުމަންގެ ބެޔާން މިއުނިކާ ގުޅޭށެވެ.
ޗެލްސީ ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވެފައިވާ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާގެ މަގާމަށް ކުލިބަލީ ގެންނަން މަސައްކަތް ކުރިއަށް ޖައްސާލައިފައި ވާއިރު، 37 އަހަރުގެ ޑިފެންޑަރު ތިއާގޯ ސިލްވާގެ މަގާމަށް، ސެވިއްޔާއަށް ކުޅެމުން އަންނަ ފްރާންސްގެ ޔޫލުސް ކޫންޑޭ ދިގު މުއްދަތަކަށް ގެންދަން ވެސް ކޯޗު ތޯމަސް ޓުޗެލް ޝައުގުވެރި ވެއެވެ. މީގެ އިތުރުން ސިޓީއަށް ކުޅެމުން އަންނަ، ޗެލްސީގެ ކުރީގެ ޑިފެންޑަރު ނޭތަން އަކީ ހޯދަން ވެސް ޗެލްސީން މަސައްކަތް ކުރާކަމަށް ރިޕޯޓްތައް ބުނެ އެވެ.
ރުޑިގާގެ އިތުރުން ޑިފެންޑަރު އަންޑްރެސް ކްރިސްޓެންސެން ވެސް ވަނީ ޗެލްސީ ދޫކޮށް ބާސެލޯނާ އަށް ބަދަލު ވެފަ އެވެ. މިއާ އެކު ޓީމު ވަރުގަދަ ކުރަން ސެންޓަ ބެކުން ކުލަބަށް ގެންނަން ޗެލްސީން މަސައްކަތް ކުރާއިރު، ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ އަށް ބާސެލޯނާގެ އޮފާއެއް ވަނީ ލިބިފަ އެވެ. އަޒްޕިލިކުއެޓާ ވެސް ބާސާއަށް ބަދަލުވާން ބޭނުން ވެއެވެ. ނަމަވެސް ޗެލްސީން އެކަން މަޑުޖައްސާލައިފައި ވަނީ ސެންޓަ ބެކު މަގާމަށް ކުޅޭ ކުޅުންތެރިން ޓީމުގައި މަދުވުމުން ކަމަށް ބެލެވެ އެވެ.
ބާސާ އިން ވަނީ އެޓީމުގެ ފްރާންސް ޑިފެންޑަރު ކްލެމެން ލޯންގްލޭ، ލޯނު އުސޫލުން ޓޮޓެންހަމަށް ފޮނުވާލައިފަ އެވެ. އަޒްޕިލިކުއެޓާގެ އިތުރުން ވާތު ވިންގް ބެކް މާކަސް އޮލޮންސޯގެ ސޮއި ވެސް ބާސެލޯނާ އިން ހޯދުން ގާތް ކަމަށް އިނގިރޭސި ބައެއް މީޑީއާތައް ރިޕޯޓް ކުރެ އެވެ. ދެ ކުޅުންތެރިންގެ ކޮންޓްރެކްޓުގައި ވެސް ބާކީ އެއް އަހަރު އޮތް އިރު، ދެ ކުޅުންތެރިން ވެސް އަދި ތިބީ، ޕްރީ ސީޒަން ޓުއާގައި ޗެލްސީ އާއެކު އެމެރިކާގަ އެވެ.
އެމެރިކާގެ ޕްރީ ސީޒަނުގައި ޗެލްސީން މެކްސިކޯ އާއި އެމެރިކާ ޓީމެއްގެ އިތުރުން، ވާދަވެރި އާސެނަލްއާ ދެކޮޅަށް ވެސް ކުޅެން ވަނީ ހަމަޖެހިފަ އެވެ. އަދި އެމެރިކާ ޓުއާ ނިންމައިފައި އިޓަލީގެ ސެރީ އޭ ކުލަބު އުޑިނޭޒީއާ އެކު އިޓަލީގައި ވެސް މެޗެއް ކުޅޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy