ފަހަތުން އަރައި ރެއާލް އަށް ތިން ޕޮއިންޓް ހޯދައިދިން ލަނޑު ޖެހުމަށް ފަހު އަލަބާ (ވ) އާއި ކެޕްޓަން ބެންޒެމާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
15 އޯގަސްޓް 2022 - 11:21
އަލްމެރިއާ (އޮގަސްޓް 15) - ސްޕެނިޝް ލަ ލީގާގެ ޗެމްޕިއަން ރެއާލް މެޑްރިޑުން އާ ސީޒަންގެ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ފަހަތުން އަރައި 2-1 އިން ޔޫޑީ އަލްމެރިއާ ބަލިކޮށްފި އެވެ.
އަލްމެރިއާ އިން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ހަތް ވަނަ މިނިޓުގައި ވަނީ ރެއާލް މެޑްރިޑް ކޮޅަށް ލަނޑު ޖަހައި ލީޑު ހޯދައިފަ އެވެ. މުޅިން ހުސްކޮށް ކުރިއަށް އަރައި ހޯދި ފުރުސަތެއްގައި އެޓީމުން ލީޑު ނެގި ލަނޑު ޖަހައިދިނީ، 2020 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް އެޓީމަށް ބަދަލުވި ބެލްޖިއަމްގެ ޒުވާން ވިންގާ ލާޖީ ރަމަޒާނީ، 20، އެވެ.
ފުރަތަމަ ހާފު ނިމެނިކޮށް ޓޯނީ ކްރޫޒް ނަގައިދިން ހުރަހަކުން ލޫކަސް ވަޒްކުއޭޒް ލަނޑެއް ޖެހި ނަމަވެސް އޭނާ އޮފްސައިޑުގައި ހުރުމުން އެ ލަނޑު ބަލައެއް ނުގަނެ އެވެ.
ފުރަތަމަ ހާފު ނިމުނީ އަލްމެރިއާ އިން ކުރީކޮޅު ނެގި އެއް ގޯލުގެ ލީޑާ އެކު އެވެ. ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ މި ހާފުގައި ލޫކާ މޮޑްރިޗާއި އެޑެން ހަޒާޑް ކުޅެން އަރުވައިފަ އެވެ ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ 61 ވަނަ މިނިޓުގައި ވަޒްކުގޭޒް ޖެހި ލަނޑުންނެވެ. ވިނީޝިއުސް ޖޫނިއާ ފޮނުވާލި ބާރު ހަމަލާއެއް އަލްމެރިއާގެ ކީޕަރު މަތަކުރުމުން ރީބައުންސް ބޯޅަ ކަރީމް ބެންޒެމާ ހޯދަން އުޅުމުގެ ތެރޭގައި އޭނާ އަތުން ދޫވި ބޯޅަ ހޯދައި، ވަޒްކުއޭޒް ވަނީ އެއްފަހަރުން ގޯލު ތެރެއަށް ފޮނުވާލައިގެން އެއްވަރު ކޮށްދީފަ އެވެ.
ރެއާލް އިން މެޗުގައި އަލްމެރިއާގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް، ކީޕަރު ފެނާންޑޯ މާޓިނޭޒް ވަނީ ރެއާލްގެ ގިނަ ހަމަލާތަކެއް ދިފާއު ކޮށްފަ އެވެ. ފެޑެރީކޯ ވެލްވާޑޭ އާއި ވިނީޝިއުސް އަދި ކްރޫޒް އާއި ބެންޒެމާ ފޮނުވާލި ގިނަ ހަމަލާތަކެއް އޭނާ ދިފާއު ކުރި އެވެ.
މެޗުން މޮޅުވި ލަނޑު 75 ވަނަ މިނިޓުގައި ޖަހައިދިނީ އޭގެ މިނިޓެއް ކުރިން ކުޅެން އެރި ޑިފެންޑަރު ޑޭވިޑް އަލަބާ އެވެ. އޭނާ މި ލަނޑު ޖެހީ ލިބުނު ހިލޭޖެހުމެއްގައި ކުރިމަތީގައި ފާރަށް އެތުރިގެން ތިބި ކުޅުންތެރިންގެ ބޯ މަތިން ފޮނުވާލި ބޯޅަ ގޯލު މަތީ ކަނާ ދިމާލުން ދަނޑީގައި ޖައްސާލާފަ އެވެ.
މިދިޔަ ސީޒަނުގައި ސްޕެނިޝް ލީގު ދެވަނަ ޑިވިޝަން ކާމިޔާބު ކޮށްގެން ލަ ލީގާ އަށް ޕްރޮމޯޓްވި އަލްމެރިއާ އިން ވެސް ލިބުނު މަދު ފުރުސަތުތަކުގައި އިތުރު ލަނޑެއް ޖަހަން މަސައްކަތް ކުރި ނަމަވެސް އެޓީމުން ފޮނުވާލި ހަމަލާތައް ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ދިފާއު ކުރި އެވެ.
މިއީ ރެއާލުން ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. ނަމަވެސް، އެޓީމުން ސީޒަން ފެށީ، ފަސޭހަ ކަމާ އެކު ޖަރުމަންގެ އެއިންޓްރަކް ފްރޭންކްފާޓް ބަލިކޮށް ޔޫއެފާ ސުޕަ ކަޕް މެޗު ކާމިޔާބު ކޮށްގެންނެވެ. ވާދަވެރި ބާސެލޯނާ މި ސީޒަނުގައި ލީގުގައި ކުޅުނު ފުރަތަމަ މެޗު ރެއާލް ވަޔެކާނޯ އާ ދެކޮޅަށް ކުޅުނު މެޗު ނިންމާލީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy