ކުޅިވަރު / ދިވެހި ޕްރިމިއާ ލީގް

އެމްޓީސީސީ ނޯތު ލީގު/ ދެ ވަނަ ޑިވިޝަން: ކުޑަފަރީއާ އެއްވަރުވެ ހޮޅުދޫއަށް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ

ކުޑަފަރީ އާއި ހޮޅުދޫ ބައްދަލުކުރި މެޗުގެ ކުރިން ދެޓީމުގެ ކެޕްޓަނުން، މެޗު އޮފިޝަލުންނާ އެކު ފޮޓޯއަކަށް ހުއްޓިގެން.-- ފޮޓޯ: އެފްއޭއެމް

އެމްޓީސީސީ ނޯތު ލީގު ދެ ވަނަ ޑިވިޝަނުގައި ހޮޅުދޫ ފުޓްބޯޅަ ކްލަބު އަމިއްލަ ދަނޑުގައި ކުޑަފަރީ ފުޓްބޯޅަ ކުލަބާ ވާދަކުރި މެޗު 3-3 އިން އެއްވަރުވެ، ޕޮއިންޓަކުން ފުދާލަން ޖެހިއްޖެ އެވެ.

ގުރޫޕް ސީ ގައި ހިމެނޭ ކުޑަފަރީ ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވި ނަމަވެސް، ދެން ކުޅުނު މެޗުގައި އެޓީމުން ވަނީ އެންމެން ސިއްސުވާލައި ގުރޫޕުގައި އެންމެ ވަރުގަދަކޮށް ފެނުނު ކެނދިކުޅުދޫ ފުޓްބޯޅަ ކުލަބް ބަލިކޮށްފަ އެވެ.

އިއްޔެ ހަވީރު ހޮޅުދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ކުޑަފަރީ އިން ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހައި މެޗުގެ ވަރަށް ކުރީކޮޅު ލީޑު ވެސް ނަގައިފަ އެވެ. ފުރަތަމަ ލަނޑު 17 ވަނަ މިނިޓުގައި މުހައްމަދު ނާހިޒް ޖަހައިދިން އިރު ދެވަނަ ލަނޑު އެ ޓީމުގެ މުހައްމަދު ވަހީދު ކާމިޔާބު ކޮށްދިނީ 19 ވަނަ މިނިޓުގަ އެވެ.

މެޗުގެ 44 ވަނަ މިނިޓުގައި އަހުމަދު އާސިފް ޖެހި ލަނޑުން، ފުރަތަމަ ހާފު ނިމުމުގެ ކުރިން ހޮޅުދޫ އިން ފަރަގު ކުޑަ ކުރި ނަމަވެސް ވަހީދު ވަނީ 65 ވަނަ މިނިޓުގައި އިތުރު ލަނޑެއް ޖަހައި ހޮޅުދޫ އަށް އަލުން ދެ ގޯލުގެ ލީޑެއް ހޯދައިދީފަ އެވެ.

ހޮޅުދޫ އިން ދެވަނަ ހާފުގައި ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުކުރީ 75 ވަނަ މިނިޓުގަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަހުމަދު ސައްޔާހު އެވެ. ސައްޔާހުގެ ލަނޑުން ފަަރަގު ކުޑަކޮށްފައި ވަނިކޮށް، އެޓީމުން އެއްވަރުކުރި ލަނޑު ޖެހީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ފަސްވަނަ މިނިޓުގަ އެވެ.

ކެނދިކުޅުދޫ އާއި މާޅެންދޫ ބައްދަލުކުރި މެޗުގެ ތެރެއިން. -- ފޮޓޯ: ކެޕްޗާސް

ކެނދިކުޅުދޫގައި ކުޅުނު މެޗުގައި ވާދަކުރީ ސޮސައިޓީ ފޯ މާޅެންދޫ ޔޫތު ޑެވެލޮޕްމެންޓާއި ކެނދިކުޅުދޫ އެވެ. މި ދެޓީމުގެ ފުރަތަމަ ކުރިމަތިލުމެކޭ އެއްގޮތަށް މި މެޗު ވެސް ކެނދިކުޅުދޫ ކާމިޔާބުކުރީ ހަނި ތަފާތަކުންނެވެ.

ކެނދިކުޅުދޫ އިން އިއްޔެގެ މެޗުގައި މާޅެންދޫ ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ކެނދިކުޅުދޫ އިން ލީޑު ނަގާފައި ވަނިކޮށް މާޅެންދޫ އިން އެއްވަރުކޮށް، ލީޑު ވެސް ނެގި އެވެ. ނަމަވެސް ދެ ވަނަ ހާފު ނިމެނިކޮށް ކެނދިކުޅުދޫ އިން އެއްވަރުކުރި ލަނޑު ޖަހައި، ދެވަނަ ހާފުގައި އެޓީމު މޮޅުވި ލަނޑު ޖަހާކަށް މާ ގިނައިރެއް ނުނެގި އެވެ.

މި ނަތީޖާއާ އެކު ކެނދިކުޅުދޫ އަށް ވަނީ ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ. ދެވަނައިގައި އޮތީ ހަތް ޕޮއިންޓް ހޯދާފައިވާ ހޮޅުދޫ އެވެ. ހަތަރު ޕޮއިންޓާ އެކު ކުޑަފަރީ ތިން ވަނައިގައި އޮތް އިރު، ތިން ޕޮއިންޓާ އެކު މާޅެންދޫ އޮތީ ގުރޫޕް ސީގެ ހަތަރު ވަނައިގަ އެވެ.

މެޗުގެ ފުރަތަމަ ލަނޑު 17 ވަނަ މިނިޓުގައި ޖަހައިދިނީ ކެނދިކުޅުދޫގެ އަފްރާހް މުހައްމަދެވެ. ނަމަވެސް ޖެހިގެން އައި މިނިޓުގައި އިބްރާހިމް ނިޔާޒް، މާޅެންދޫ އަށް ނަތީޖާ އެއްވަރު ކޮށްދިން އިރު، ލީޑު ނެގީ 30 ވަނަ މިނިޓުގައި ހަސަން ޖަވާދު ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މާޅެންދޫ އިން ފަހަތުން އަރައި ލީޑު ނެގި ނަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފަސް ވަނަ މިނިޓުގައި މުހައްމަދު ޒުބެއިރު ކާމިޔާބުކުރި ލަނޑާ އެކު ކެނދިކުޅުދޫ އިން ވަނީ ހާފު ނިމުމުގެ ކުރިން ނަތީޖާ އެއްވަރު ކޮށްފަ އެވެ. ކެނދިކުޅުދޫ މޮޅުވި ލަނޑު ދެވަނަ ހާފު ފެށިގެން ދެވަނަ މިނިޓުގައި ޖަހައިދިނީ އަބްދުﷲ ނިހާދެވެ.

ގުރޫޕުގެ މެޗުތައް ހޯސްޓު ކުރާ ކެނދިކުޅުދޫ އާއި ހޮޅުދޫ ބައްދަލުކުރާ ދެވަނަ މެޗު މާދަމާ ހަވީރު ކުޅޭނީ ހޮޅުދޫ ދަނޑުގަ އެވެ. ކެނދިކުޅުދޫ ދަނޑުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ފަސޭހަ ކާމާ އެކު ކާމިޔާބު ކުރީ ކެނދިކުޅުދޫ އިންނެވެ. ކެނދިކުޅުދޫ ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކުޑަފަރީ އާއި މާޅެންދޫ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454