ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ސ. ފޭދޫ ޓީމުން ވިދާލި އިބްރާހިމް މަހުދީ (އިއްބެ) މި ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެން އެއްބަސްވެއްޖެ އެވެ.


ޓީސީގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ) އާއި ކީޕަރު މުހައްމަދު އިމްރާން އަދި އަހުމަދު އަބްދުﷲ (ލިލީ) އެ ޓީމު ދޫކޮށްލާފައިވާއިރު އެ ކްލަބުން އަންނަނީ ޓީމު ވަރުގަދަ ކުރަމުންނެވެ.

އިއްބެ ޓީސީ އަށް ސޮއިކޮށްފައިވާއިރު އެ ކްލަބުން ބުނީ އިތުރު ކުޅުންތެރިން ވެސް އެ ޓީމާ ގުޅޭނެ ކަމަށެވެ.

"އިއްބެ ވަނީ މިހާރު ޓީސީ އަށް ސޮއިކޮށްފައި. އިތުރު ކުޅުންތެރިންނަށް ވެސް ޓީސީން މި އަންނަނީ ފާރަލަމުން،" ޓީސީގެ އޮފިޝަަލަކު "މިހާރަ"ށް ބުންޏެވެ.

މަހުދީ އަށް އެންމެ ފުރަތަމަ ގިނަ ބަޔެއްގެ ލޯ އަމާޒުވީ 2015 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ގދ. ފަރެސްމާތޮޑާ ކޮޅަށް ޖެހި މޮޅު ގޯލާ އެކު އެވެ. މިނިވަން ޗެމްޕިއަންޝިޕްގައި ފާއިތުވި ދެ އަހަރު ވެސް އިއްބެ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އިއްބެ (ވ) ޓީސީ އަށް ސޮއިކުރަނީ.-- ފޮޓޯ: ޓީސީ ސްޕޯޓްސް ކްލަބް

މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި ފޭދޫ ކުޅުނު ދެ މެޗުގައި ވެސް މަހުދީ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި ރާއްޖޭގެ އެންމެ ވަރުގަދަ ސްކޮޑު އޮތް މާޒިޔާ ކޮޅަށް ފޭދޫގެ ހަމައެކަނި ލަނޑު ޖެހީ ވެސް އިއްބެ އެވެ.

އިއްބެ ހޯދުމަށް މީގެ ކުރިން ވެސް ފުރަތަމަ ޑިވިޝަންގެ ބައެއް ކްލަބްތަކުން ވަނީ މަސައްކަތް ކޮށްފަ އެވެ. އެހެން ނަމަވެސް ވަޒީފާގެ ގޮތުން އޭރު އޭނާ ފުރަތަމަ ޑިވިޝަން ކުޅެން ބޭނުންނުވީ އެވެ.

އަންނަ ސީޒަނުގައި ވެސް ޓީސީ އަށް ކޯޗުކޮށްދޭނީ ފާއިތުވި ދެ އަހަރު އެ ޓީމަށް އިރުޝާދު ދިން މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ.

ޓިސީ އަށް މިދިޔަ ސީޒަނުގައި ކުޅުނު ގިނަ ކުޅުންތެރިން އެ ޓީމުގައި މަޑުކުރަން ނިންމާފައިވާއިރު، މި އަހަރު އެ ޓީމުގެ ގޯލު ބަލަހައްޓާނީ ނޭޕާލްގެ އެއް ނަންބަރު ކީޕަރު ކިރަން ޝެމްޝޮން އެވެ.