ރާޅާ އެޅުމުގެ ގައުމީ ޖަމިއްޔާ، ސާފިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު ސޮބާހް (ޗޭ) ގެ ދިރިއުޅުމާ ގުޅޭ ގޮތުން ވެސް ދައްކަން ހުރީ ދިރިއުޅުން އެފުށް މިފުށަށް ޖަހާލި ރާޅުތަކުގެ ވާހަކަ އެވެ. މިދިޔަ އޭޕްރީލް މަހު އޭނާގެ ހަޔާތަށް ނެގި އެންމެ ބިޔަ ރާޅުގައި ދިރިއުޅުން ފުނޑުފުނޑު ވެސް ވެއްޖެ އެވެ.

ޗޭގެ އަނބިމީހާ މަރްޔަމް ސާޖިޔާ (ސާޖު) މީގެ 15 އަހަރު ކުރިން ކިޑްނީ ޓްރާންސްޕްލާންޓެއް ހެދި އެވެ. އެ ކަމުގެ ތެރޭގައި އެންމެ ނާޒުކު ދަނޑިވަޅ ޗޭ ކުރިމަތިލި އެވެ. ސާޖުގެ ބައްޕަ ހަދިޔާކުރި ކިޑްނީގައި 15 އަހަރު ވަންދެން އުފާވެރި ދިރިއުޅުމެއް ސާޖު އާއި ޗެ ހޭދަކުރި އެވެ. ޗޭގެ އެންމެ ބޮޑު ހިތްވަރު އަދި އެންމެ ބޮޑު ސަޕޯޓަރު ކަމަށްވާ އޭނާގެ އަނބިމީހާއާ އެކު ދިރިއުޅުން އިތުރަށް އުފާކޮށްދިނީ ލިބުނު ދަރިފުޅެވެ. އެކަމަކު އެ އުފާވެރިކަން ނިމުމަކަށް ގެނައީ ކިޑްނީ ބަލި ބޮޑުވެ އިންޑިއާގައި ސާޖު އަށް ފަރުވާ ދެމުން ދަނިކޮށް މިދިޔަ އޭޕްރީލް 26 ގައި ނިޔާވުމުނެވެ.

މި ބޮޑު ހިތްދަތިކަމުގެ ކުރިން ވެސް ހުރީ މިފަދަ އެތައް ރާޅެއްގެ ވާހަކަ އެވެ. މަޖީދިއްޔާ ސްކޫލްގައި ކިޔަވަމުން ދިޔަ އިރު ވެސް އޭނާ އެންމެ ބޮޑަށް އިސްކަން ދިނީ ރާޅަށް ދާށެވެ. އޭނާގެ ހުސްވަގުތުތައް ހޭދަކުރީ މާލޭގެ ވަރުނުލާ ރާޅުގަނޑުގަ އެވެ. އެހެންވެ ސްކޫލްގައި އޭނާ ލޭބަލް ކޮށްފައި ވަނީ "ބޭޑް ބޯއީ" އެއްގެ ގޮތުގަ އެވެ. އެކަމަކު މީހަކު ކިޔާ އެއްޗަކަށް އޭނާ ސަމާލުކަމެއް ނުދެ އެވެ. ހިތްޖެހި ލޯބި ވެވުނު ކުޅިވަރުގައި، ރާޅުތަކުގެ ތެރޭގައި އޭނާ ދިޔައީ އުދުހެމުން ފުންމަމުންނެވެ.

ސަޕް ސާފިންގެ ފައިނަލްގައި ވާދަކުރި މުއާޒް (ކ) އާއި ތޮއްލަމް (ވ) އާ އެކު ސާފިން އެސޯސިއޭޝަންގެ ރައީސް ސޮބާހް
ސަޕް ސާފިންގެ ފައިނަލްގައި ވާދަކުރި މުއާޒް (ކ) އާއި ތޮއްލަމް (ވ) އާ އެކު ސާފިން އެސޯސިއޭޝަންގެ ރައީސް ސޮބާހް

އެކަމަކު ޗޭ ބުނި ގޮތުގައި ބިންދާލި ރާޅެއްގެ ދަށުގައިވެ އޭނާ އަށް ލިބުނު އަނިޔާއާ އެކު ދެން އައީ ދިރިއުޅުން ބަދަލުވި ހާލަތެވެ. ރާޅެއްގައި އަޅަނިކޮށް ފުރޮޅާލައި ފަރުގެ ގުންޑޮޅިއަށް މޫނު ވަތަށް އޭނާ ވެއްޓި ހާނީއްކަވި އެވެ.

"ނޭފަތުގެ ތަންކޮޅަކުން އިރައިގެން ގޮސް އެތަންކޮޅު އޮތީ އެލިފައި. ވާތު ކޮނޑަށް ވެސް އަނިޔާވި،" ސާފިން އެސޯސިއޭޝަން އުފައްދައި 2001 ގައި ބޭއްވި ފުރަތަމަ ގައުމީ ރާޅާއެޅުމުގެ މުބާރާތުގައި ވެސް ވާދަ ކުރި ޗޭ ކިޔައިދިނެވެ.

"އޭގެ ކުރިން ވެސް ބޭބެ ބުނާނެ. ރާޅުތަކުގެ ތެރޭގައި ތިހެން އުޅެނިކޮށް މަރު ވެސް ވެދާނެއޭ. އެކަމަކު އޭރު އެހެން ބުންޏަސް އެކަމާ މާ ބޮޑަކަށް ނުވިސްނަން. އެކަމަކު އޭގެ ފަހުން މި އަނިޔާ ލިބުނީމާ ދެން ވިސްނަން ފެށިން."

އޭރު ނަމާދުކުރުމާއި ދީނީ އެހެން ވާޖިބުތަކާ މެދު ވިސްނާލާނެ ފުރުސަތެއް ވެސް ސިކުނޑި އަށް ނުދީ، ޗޭ ދިރިއުޅެމުން ގެންދިޔައީ އޭނާގެ އަމިއްލަ ދުނިޔެއެއްގަ އެވެ. އެކަމަކު ރާޅެއްގެ ދަށުވެ ލިބުނު އެ އަނިޔާގެ ސަބަބުން ދީނީ ކަންތައްތަކާ މެދު ވިސްނަން މަޖުބޫރުވި ކަމަށް، ދީނީ އަދި އިޖުތިމާއީ ޖަމިއްޔާ ޕީސް ފައުންޑޭޝަންގެ ޖެނަރަލް ސެކެރެޓަރީގެ މަގާމު ވެސް އަދާކުރަމުން އަންނަ ޗޭ ބުންޏެވެ.

"އެއީ ފުރަތަމަ ވެސް ދީނީ ފޮތްތައް ކިޔަން ފެށި ހިސާބު. އޭރު ޝައިހުންނާ އެޕޮއިންޓްމެންޓް ހަދައިގެން ބައްދަލުކޮށް ދީނީ ގޮތުން ހިތުގައި އުފެދޭ ސުވާލުތައް އަހަމުން ގެންދިޔައިން. ދެން ވީޑިއޯ ކެސެޓް ހޯދައިގެން އެ އަޑު އަހައިގެން ދީނީ މައުލޫމާތު އެއްކުރަމުން ދިޔައީ،" ޗޭ ބުންޏެވެ.

ޗޭ މިހާރު އަށް އިންޓަވިއު ދެނީ
ޗޭ މިހާރު އަށް އިންޓަވިއު ދެނީ

ފޮތްތަކާއި ޝައިހުންގެ ފަރާތުން ލިބެމުން ދިޔަ މައުލޫމާތުތަކާ އެކު އޭނާގެ ސިކުނޑި ހުޅުވެމުން ދީނުގެ ކަންކަމުގެ ތެރެއަށް ހިތް ޖެހެމުން ދިޔަ އެވެ. ޗޭ ބުނި ގޮތުގައި ފަރުޟް ނަމާދުތަކަށް އަހަމިއްޔަތުކަން ދެވެން ފެށުނީ އެ މައުލޫމާތުތަކުންނެވެ. އޭރު ހަރުލާފައި ހުރި ނުރަނގަޅު އާދަތައް ދޫކޮށްލުމުގައި އޭނާ ބޮޑު ގުރުބާނީއެއް ވި އެވެ. ބައެއް ކަންކަން އޭނާ އަށް ގަބޫލުކުރެވެން ދިގު މައްދަތެއް ނެގި ކަމަށް ވެސް ޗޭ ބުންޏެވެ.

ޒުވާނުންނާ ރައްޓެހި ގޮތަށް ދީން ހުށަހަޅައިދޭން ކުރާ މަސައްކަތް

މި އިންޓަވިއުގެ އަނެއް ބަޔަކީ، ޕީސް ފައުންޑޭޝްގައި އޭނާގެ މަސައްކަތެވެ. މެލޭޝިއާއިން އެކައުންޓިން އަދި ފައިނޭންސް ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ ޗޭ ބުނި ގޮތުގައި ޒުވާނުން ދީނާ ދުރަށް ދާ އެންމެ ބޮޑު ސަބަބަބަކީ ދީނީ ގޮތުން އުފެދޭ ޝައްކުތަކަށް އެކަށީގެންވާ ޖަވާބު ހޯދައި ނުދެވުމެވެ.

"ދީނާ މެދު އެކި ޝައްކުތައް އުފެދި ފަހަރަކު ސުވާލެއް ހިތުގައި އުފެދި އެއިން ސުވާލަކަށް ޖަވާބު ނުލިބި ސުވާލަކަށް ފަހު ސުވާލެއް އުފެދެމުން ގޮސް ދީނާ ދުރަށްދާން ޖެހެނީ،" ގައުމީ ޔުނިވަސިޓީން އިސްލާމިކް ސްޓަޑީޒްއިން ޑިގްރީ ވެސް ހާސިލްކުރި ޗޭ ބުންޏެވެ.

ޕީސް ފައުންޑޭޝަންގެ އިވެންޓެއްގައި ޗޭ ކުޑަކުދިންނަށް ޕްރޮގްރާމެއް ހިންގަނީ
ޕީސް ފައުންޑޭޝަންގެ އިވެންޓެއްގައި ޗޭ ކުޑަކުދިންނަށް ޕްރޮގްރާމެއް ހިންގަނީ

"ކުދިން އެކަހަލަ ސުވާލު ކުރީމާ ޖަވާބު ނުދެވި އިސްލާމް ޓީޗަރުންނަށް ވެސް ގިނަ ފަހަރަށް މި ބުނެވެނީ އެފަދަ ސުވާލުކުރަން ވެސް ނުވާނޭ. އެކަމަކު ހަގީގަތުގައި އެފަދަ ސުވާލުތަކަށް ދޭނެ ޖަވާބު އެބަހުރި."

މިސާލެއް ދައްކަމުން ޗޭ ކިޔައި ދިނީ ކުޑަކުއްޖަކު އޭނާއާ ކުރި ސުވާލެކެވެ.

"މިއަދު [މިދިޔަ ބުރާސްފަތި ދުވަހު] ވެސް ކުޑަ ކުއްޖަކު އަޅުގަނޑު ކައިރީގައި އެހި ޗޭބެއޭ ﷲ ވަރަށް ބޮޑުވާނެ ހެއްޔޭ،" ޕީސް ފައުންޑޭޝަންގެ ދަށުން 'ޑޫ ޔޫ ނޯ ﷲ' ގެ ނަމުގައި ކުޑަ ކުދިންނަށް ހާއްސަ ޕްރޮގްރާމެއްގައި ފެސިލިޓޭޓާއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ ޗޭ ބުންޏެވެ.

"އެކުއްޖާއާ ގުޅޭ ގޮތަށް އެ ކުއްޖާ އަށް ފަހުމު ވާނެ ގޮތަށް އަޅުގަނޑު ކިޔައި ދިނީ ހަދީސެއް،" ޗޭ ބުންޏެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް (ވ) އާ އެކު ސާފިން އެސޯސިއޭޝަނުން ބޭއްވި ބައްދަލުވުމެއްގައި ޗޭ ބައިވެރިވަނީ --- ފޮޓޯ: ޔޫތު މިނިސްޓްރީ
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް (ވ) އާ އެކު ސާފިން އެސޯސިއޭޝަނުން ބޭއްވި ބައްދަލުވުމެއްގައި ޗޭ ބައިވެރިވަނީ --- ފޮޓޯ: ޔޫތު މިނިސްޓްރީ

އޭނާ ބުނި ގޮތުގައި ޒުވާނުން ދީނާ ދުރަށްދާ އަނެއް ސަބަބަކީ، ދިރިހުރި މިސާލުތަކެއް ޒުވާނުންނަށް ދައްކައިނުދެވުމެވެ.

"މިސާލަކަށް ގައުމީ ކެޕްޓަން އަކުރަމް [އަބްދުލްޣަނީ]، [އަލީ އަޝްފާގް]. ސެޑިއޯ މާނޭ. މާޝަލް އާޓްސްގައި ކަބީބް [ނުރުމަގޮމެޑޯވް]، މި އެތުލީޓުންނަކީ މުސްލިމުންގެ ތެރެއިން ވެސް ނަމޫނާ އެތުލީޓުން. އަދި ކުޅިވަރުގައި ވެސް ފާހަގަކުރެވޭ އެތުލީޓުން. މި އެތުލީޓުންގެ ފަރާތުން ޒުވާނުންނަށް ފިލާވަޅުތައް ބުނެ ދިނީމާ ދިނާ މެދު ޒުވާނުންގެ ހިތުގައި ޝައުގު އުފެއްދިދާނެ،" ތަޖުރިބާއާ އެކު ޗޭ ބުންޏެވެ.

ސާފިން އެސޯސިއޭޝަންގެ މަސައްކަތަށް ބުރޫ އެރުމެއް ނެތް

ސާފިން އެސޯސިއޭޝަން ރަޖިސްޓްރީ ކުރުމަށް، ކުރީގެ ނައިބު ރައީސް މުހައްމަދު ވަހީދުއްދީން އާއި ހުސައިން ސޮލާހް އަދި ޗޭ، އޭރުގެ ސްޕޯޓްސް މިނިސްޓްރީ އަށް ވަޑައިގަތުމުން، މިނިސްޓްރީން ބުނީ، އެއީ ކުޅިވަރެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން މިނިސްޓްރީ އަށް ދިޔައީމާ އޭރު މިނިސްޓަރަކަށް ހުންނެވި ބޭފުޅާ ވިދާޅުވި ތިއީ ކުޅިވަރެއް ނޫނޭ. ތިއީ ދެވި ހިފާފައި ތިބި ބަޔަކު ކޮންމެ ދުވަހަކު ފަރުމައްޗަށް ގޮސް ކުރާ ކަމެކޭ،" ޗޭ ކިޔައި ދިނެވެ.

ސާފިން އެސޯސިއޭޝަންގެ ދަށުން ނިމިދިޔަ ހަފުތާ ބަންދުގައި ހުޅުމާލޭގައި ބޭއްވީ އުމުރުން ހަގު ކުދިންނަށް ރާޅާ އެޅުމުގެ ހުނަރުތައް ދަސްކޮށް ދިނުމުގެ ޕްރޮގްރާމެކެވެ. ސާފިން އެސޯސިއޭޝަންގައި ރައީސްކަމުގައި ޗޭގެ ދައުރު ފާހަގަކުރެވިފައި ވަނީ މިހާތަނަށް އެ ކުޅިވަރުގައި އެންމެ ގިނަ މުބާރާތްތަކާއި ޑިވެލޮޕްމެންޓް ޕްރޮގްރާމްތައް ހިންގުނު ދައުރުގެ ގޮތުގަ އެވެ.

އޭނާ ބުނި ގޮތުގައި ސާފިންއާ މެދު މީހުން ދެކޭ ގޮތް އޭނާއަށް ބަދަލުކުރެއްވިއްޖެ އެވެ. ގިނަ މަސައްކަތްތަކެއް ކުރެއްވިއްޖެ އެވެ. ދީނީ ގޮތުން ޒުވާނުން ހޭލުންތެރިކުރުމުގެ މަސައްކަތުގައި އުޅެމުން ސާފިން އެސޯސިއޭޝަންގެ މަސައްކަތައް ބުރޫ އެރިޔަކަ ނުދެ އެވެ. ސާފިން ކޮމިޔުނިޓީގެ ފަރާތުން ވެސް އޭނާ އަށް އެ އިހުތިރާމް އެބައޮތެވެ.

މިދިޔަ ނޮވެމްބަރު މަހު ބޭއްވި ގައުމީ ރާޅާ އެޅުމުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ޗޭ (ވ) އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (ކ) --- ފައިލް ފޮޓޯ: ރައީސް އޮފީސް
މިދިޔަ ނޮވެމްބަރު މަހު ބޭއްވި ގައުމީ ރާޅާ އެޅުމުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ޗޭ (ވ) އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (ކ) --- ފައިލް ފޮޓޯ: ރައީސް އޮފީސް

"ފާހަގަ ކުރެވޭ ކަމެއް ސޮސައިޓީގެ އެހެން ކޮމިޔުނިޓީތަކަށް ވުރެ ސާފިން އެތުލީޓުން ވެސް އަޅުގަނޑުގެ ވިސްނުމަށް އަދި ދީނީ ކަންކަމަށް މާ ބޮޑަށް އިހުތިރާމް ކުރޭ. މި ކޮމިޔުނިޓީގައި ދީނަށް ޖޯކު ޖެހުމެއް ނޯވޭ. އެންމެން ވެސް ވަރަށް ރެސްޕެކްޓިވް. އަޅުގަނޑުގެ މަސައްކަތަކީ ސާފިން އެސޯސިއޭޝަންގެ އޮޕަރޭޝަން. ސާފިންގެ ޑިވެލޮޕމެންޓްގެ މަސައްކަތް،" ޗޭ ބުންޏެވެ.

ޗޭ ބުނި ގޮތުގައި ސާފިން އެސޯސިއޭޝަންގެ ރައީސްކަމަށް އޭނާ ކުރިމަތިލީ، އެ ކޮމިޔުނިޓީގެ ބައެއް ފަރާތްތަކުން އެދިގެންނެވެ. އެސޯސިއޭޝަން ގާތްގަނޑަކަށް ހުއްޓިފައި ވަނިކޮށް އެ އެސޯސިއޭޝަންގެ ރައީސްކަމާ ޗޭ ހަވާލުވެ ކުރަމުން އަންނަ މަސައްކަތްތަކާ މެދު އޭނާ ހިތްހަމަ ޖެހެ އެވެ.

ސާޖު ނެތުން ހަޔާތަށް ބޮޑު ފަޅުކަމެއް

ޗޭ އާއި ސާޖުގެ ކައިވެންޏަށް 20 އަހަރު ފުރެން އޮތީ މިދިޔަ ޖޫން މަހު އެވެ. ޗޭގެ ކޮންމެ މަސައްކަތެއްގައި އެންމެ ބޮޑު ސަޕޯޓެއް ދިން ބައިވެރިޔާގެ މަރުގެ ހިތްދަތިކަމުން އަދިވެސް އޭނާ އަށް އަރައި ނުގަނެވެ އެވެ. އިންޓަވިއުގައި އެ ވާހަކަ ދައްކަން އޭނާ އަށް އުނދަގޫވި އެވެ.

"ކުރީގައި ރާޅާ އަޅައިގެން އަންނަ އިރު ވެސް އަހާލާނެ ކޮބާ އެ ދުވަހުގެ ރާޅު ކިހިނެއްހޭ. ޕީސް ފައުންޑޭޝަންގެ އިވެންޓެއްގައި އުޅޭ އިރު ޓެކްސްޓްކުރާނެ ކޮބާ ކިހިނެއްހޭ. ސާފިން އެސޯސިއޭޝަނާއި ޕީސް ފައުންޑޭޝަންގެ މަސައްކަތުގައި ވެސް އަޅުގަނޑުގެ އެންމެ ވަރުގަދަ ޕިލާ އަކީ ސާޖު،" ސަލަފް ޖަމިއްޔާގެ ޖެނަރަލް ސެކެރެޓަރީއެއްގެ ގޮތުގައި 10 އަހަރު ހޭދަކުރި ޗޭ ބުންޏެވެ.

"ސާޖު ނެތުން އަދިވެސް އަރައި ނުގަނެވޭ. ފިގާ ނުކުރެވޭ. ވަރަށް ބޮޑަށް މިސްވޭ ސާޖުގެ އެ ސަޕޯޓާއި އެ ދޭ ހިތްވަރު."

ސާޖު އާއި ޗޭ: މި ޖޫން މަހަކީ އެދެމެފަރިންގެ ކައިވެންޏަށް 20 އަހަރު ފުރެން އޮތް މަސް
ސާޖު އާއި ޗޭ: މި ޖޫން މަހަކީ އެދެމެފަރިންގެ ކައިވެންޏަށް 20 އަހަރު ފުރެން އޮތް މަސް

ކިޑްނީ ބަލީގައި ސާޖުގެ ޓްރާންސްޕްލާންޓް ހެދީ 2008 ގަ އެވެ. ސާޖު އަށް ކިޑްނީ ދިނީ އޭނާގެ ބައްޕަ އެވެ. އެ ޓްރާންސްޕްލާންޓަށް ގާތްގަނޑަކަށް 15 އަހަރު ފަހުން ސާޖު ވަކިވެ ދިއުމަކީ ޗޭ އާއި މުޅި އެ އާއިލާ އަށް ލިބުނު ފަޅުކަމެކެވެ. އެކަމަކު އެ ބިޔަ ރާޅުގައި ވެސް ހިތްވަރު އެލުވާނުލައި އޭނާ ފައްސިޔަކޮށް އެ ދަނީ ކުރިއަށެވެ.

ކުރިއަށް އޮތީ ސާފިން އެސޯސިއޭޝަންއިން ބާއްވާ ގައުމީ ސާފިން ލީގުގެ ކ. ހިންމަފުށީ ސީރީޒްގެ މުބާރާތެވެ. "ގާމާދޫ ކޮޅު" ރާޅުގެ ނަމުގައި ބާއްވާ މުބާރާތް އޮންނާނީ އަންނަ މަހު 4-8 އަށެވެ. ޕީސް ފައުންޑޭޝަންގައި އޮތީ "ލަކުސަނާ" ގެ ނަމުގައި ދ. ކުޑަހުވަދޫގައި ބާއްވާ މުޖުތަމައުގެ ހުރިހާ ފަންތިއަކަށް ހާއްސަ ކުރާ އިޖުތީމާއި އަދި ދީނީ ޕްރޮގްރާމެކެވެ.