މިދިޔަ އަހަރުގެ މުބާރާތެއްގައި ސައްޔިދު ރާޅާ އަޅަނީ، އޭނާ އަކީ އޯޕަން ކެޓެގަރީ ގައި ވާދަކޮށް އެންމެ ދުރަށް ދަތުރުކުރި އެންމެ ޒުވާން ރާޅާއެޅުންތެރިޔާ-- ފޮޓޯ: އެމްއެސްއޭ
31 ޖެނުއަރީ 2023 - 06:46
ގައުމީ މުބާރާތުގައި އޭނާ ރާއްޖޭގެ އެއް ވަނަ ރާޅާއެޅުންތެރިޔާއާ އެކު އެއް ހީޓެއްގައި ވާދަކޮށްފި އެވެ. އޭނާ ދެން އެންމެ ބޭނުން ވަނީ ދުނިޔޭގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދައިފައިވާ އެމެރިކާގެ ޖޯން ޖޯން ފްލޮރެންސް އާ އެކީ އެއް ހީޓެއްގައި ވާދަކޮށްލުމަށެވެ. ދިވެއްސަކަށް އެކަން ހާސިލްކުރެވިދާނެ ހެއްޔެވެ؟
ސައްޔިދު ސަލާހުއްދީނަކީ މިދިޔަ އަހަރުގެ ރަންނަމާރި ޗެލެންޖްގައި ވައިލްޑް ކާޑް ސްލޮޓް ލިބުނު ޒުވާން އެތުލީޓުންގެ ތެރެއިން މުބާރާތުގައި އެންމެ ދުރަށް ދަތުރުކުރި އެތުލީޓެވެ. އޭނާ ކެޓީ ކުއާޓާ ފައިނަލްގައި ރާއްޖޭގެ މިހާރުގެ އެއް ވަނަ އަހުމަދު އާގިލް (އަންމަޑޭ) އަތުން ބަލިވެގެންނެވެ.
އުމުރުން 15 އަހަރުގެ ސައްޔިދު ބުނި ގޮތުގައި މުބާރާތެއްގައި އަންމަޑޭއާ އެކު އެއް ހީޓެއްގައި އަޅަން ޖެހުމަކީ އަމިއްލަ ނަފްސު ވަޒަން ކޮށްލަން ލިބުނު ފުރުސަތެކެވެ. އަދި ކުރިއަށް ދާން ލިބުނީ އިތުރު ހިތްވަރެއް ކަމަށް ވެސް އޭނާ ބުންޏެވެ.
މިދިޔަ އަހަރުގެ އެމްއެސްއޭ މުބާރާތެއްގެ ތެރެއިން ސައްޔިދު.-- ފޮޓޯ: އެމްއެސްއޭ
"ވަރަށް އުފާވޭ. އަމިއްލަ ކުރިއެރުން ވަޒަން ކޮށްލެވިއްޖެ ހަގީގަތުގައި. އަސްލު ސައްޔިދު އަމިއްލައަށް ކިހާ މޮޅުތޯ، އިތުރަން މަސައްކަތް ކުރަން ވީ ކިހާވަރަކަށްތޯ ބަލާލަން ލިބުނު ފުރުސަތެއް އެއީ. ވަރަށް ބޮޑަށް މޯޓިވޭޓް ވެސް ވި އިތުރަށް މަސައްކަތް ކުރަން،" ރާއްޖޭގެ ފުރަތަމަ ޖޫނިއާ ސާފިން ގައުމީ ޓީމުގައި ހިމެނުނު ސައްޔިދު ބުންޏެވެ.
"ދެން ވަރަށް ބޭނުންވޭ މުބާރާތެއްގައި ޖޯން ޖޯން ފްލޮރެންސާ އެކީ ހީޓެއްގައި ވާދަކޮށްލަން. ސައްޔިދު އެންމެ ސަޕޯޓްކުރާ އިންޓަނޭޝަނަލް ރާޅާއަޅާ އެތުލީޓަކީ އޭނާ."
މިދިޔަ އަހަރުގެ ޖޫނިއާ ޗެމްޕިއަންޝިޕްގައި ސައްޔިދު ވަނީ 16 އަހަރުން ދަށުގެ ބައިން ތިން ވަނަ ހޯދައިފަ އެވެ. ސައްޔިދު ދެކޭ ގޮތުގައި ރަންނަމާރި ޗެލެންޖްގެ އޯޕަން ކެޓެގަރީގައި ވާދަކޮށް ކުއާޓާ ފައިނަލާ ހަމައަށް ދެވުން އެއީ އޭނާއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ. މިދިޔަ އަހަރުގެ ދިވެހި ސާފް ލީގުގައި ސައްޔިދު ހިމެނެނީ ޖޫނިއާ ރޭންކިންގެ ފަސް ވަނައިގަ އެވެ. މި އަހަރު އޭނާގެ އަމާޒަކީ ޖޫނިއާ ރޭންކިންގެ އެއް ވަނަ ހޯދުމެވެ.
ބޮޑެތި ރާޅުތަކަށް ލޯބިކުރާ ސައްޔިދު އެންމެ ހަނދާންވާ އެއް ދުވަހަކީ ހިންމަފުށީގައި ކުރި ފްރީ ސާފް އެއްގައި ބޮޑު ރާޅެއްގައި ބެރަލް ކޮށްލާފައި ތިން ޓާން އެއް ނަގައި ރީތި ލޭންޑިން އެއް ކޮށްލެވުނު ދުވަހެވެ. އޭނާ ބުނިގޮތުގައި ބޮޑެތި ރާޅުތަކުގައި ބޮޑެތި ޓާން ނަގާލެވޭ ވަގުތުތަކަކީ ރާޅާއަޅާއިރު އެންމެ އުފާވާ ވަގުތުތަކެވެ. އަދި މުބާރާތެއްގައި އަށް ޕޮއިންޓްގެ ރާޅެއް އަޅާލެވިގެން ކޯޗްގެ ތައުރީފް ލިބުނު ދުވަހަކީ ވެސް ވަރަށް އުފާވި ދުވަހެއް ކަމަށް ސައްޔިދު ބުނެ އެވެ.
ސައްޔިދު އެންމެ ފުރަތަމަ ބައިވެރިވީ 2021 ވަނަ އަހަރު މާލޭގައި ބޭއްވި ފަރަމަންތާ ޗެލެންޖުގަ އެވެ. އެ މުބާރާތުން ކެޓީ ސެމީ ފައިނަލާ ހަމައިންނެވެ. އޭގެ ފަހުން ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން މިހާތަނަށް ބޭއްވި ހުރިހާ މުބާރާތެއްގައި ވެސް އޭނާ ވަނީ ބައިވެރިވެފަ އެވެ.
ރާއްޖޭގައި ސައްޔިދު އެންމެ ރާޅާއަޅާ ހިތްވާ ސާފް ސްޕޮޓަކީ މ. މުލީގެ މަޝްރޫމްސް އާއި އެތެރޭ ރާޅުގަނޑު ހިސާބެވެ. މިހާތަނަށް ބައިވެރިވި މުބާރާތްތަކުން އޭނާ އެންމެ ހިތްހަމަ ޖެހިގެން ރާޅާއެޅީ ވެސް މިދިޔަ އަހަރު މުލީގައި ބޭއްވި މުލީކޮޅު ރާޅުގަނޑު މުބާރާތުގަ އެވެ.
މިދިޔަ އަހަރުގެ ދިވެހި ސާފް ލީގު މުބާރާތެއްގައި ސައްޔިދު ރާޅާ އަޅަނީ.-- ފޮޓޯ: އެމްއެސްއޭ
ރާޅާއެޅުމުގައި ސައްޔިދު އެންމެ ބޭނުން ވަނީ ވޯލްޑް ސާފް ލީގުގައި ވާދަކުރާ 36 އެތުލީޓުންގެ ތެރޭގައި ހިމެނި އެންމެ މޮޅު އެތުލީޓުންނާ އެކު ވާދަކޮށްލާށެވެ. ކުރިއަށް ދާން ވިސްނާނީ ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރަމުންނެވެ.
ރާޅާއެޅުމުގެ އިތުރުން ސައްޔިދަކީ ހޭންޑްބޯލް އާއި ބާސްކެޓްބޯޅަ އަދި ސްވިމިންގައި ވެސް ކާމިޔާބު އެތުލީޓެކެވެ. މިދިޔަ އަހަރުގެ ފެތުުމުގެ ފައުމީ މުބާރާތުގައި ވާދަކޮށް ފައިނަލަށް ދިޔުމުގެ އިތުރުން 16 އަހަރުން ދަށުގެ ގައުމީ ބާސްކެޓްބޯޅަ ޓީމަށް ވެސް ސައްޔިދު ހޮވުނެވެ. އެހެން ނަމަވެސް ސައްޔިދު އޭނާ ސިފަކުރަން ބޭނުންވަނީ ރާޅާއަޅާ އެތުލީޓެއްގެ ގޮތުގަ އެވެ.
ބާސްކެޓްބޯޅާ ޓީމަށް ހޮވުނު ނަމަވެސް އޭރު ސްވިމިން ޓީމުން ޖާގަ ލިބިފައި ވުމާ އެކު ސްވިމިން ކޯޗުގެ ލަފަޔަށް އެ ފުރުސަތު ދޫކޮށްލީ އެވެ. ނަމަވެސް ސައްޔިދު އެންމެ ކުރާ ހިތުން ކުރާ ކަމަކީ އަބަދުވެސް ރާޅާއެޅުން ކަމަށް އޭނާގެ މަންމަ ވެސް ބުންޏެވެ.
ފެތުމުގެ މުބާރާތެއްގައި ސައްޔިދު (ވ) ފަތަނީ.
"ސައްޔިދު ބޭނުން ވާނެ ހުރިހާ ކުޅިވަރެއްގައި އުޅެން، ސްކޫލްގެ ހުރިހާ ކުޅިވަރަކަށް ވެސް ދާން ބޭނުންވާނެ. ކުރިން ސާފިން މުބާރާތްތައް ވެސް ނޯންނާނެ އެކަމަކު ފަހުން އެމްއެސްއޭ އިން މުބާރާތްތައް ބާއްވަން ފެށީމާ ސައްޔިދު މިހާރު ހުރީ ސާފިންއާ އެކު ކުރިއަށް ދާން ނިންމައިގެން،" ސައްޔިދުގެ މަންމަ ދީމާ ނަސީމް ބުންޏެވެ.
އިސްކަންދަރު ސްކޫލްގެ ގްރޭޑް 9 ގައި ތައުލީމު ހާސިލްކުރަމުން އަންނަ ސައްޔިދު ބުނީ ކިޔެވުމާއި ކުޅިވަރު ބެލެންސް ކުރަނީ ތާވަލެއް ހަދައި އެއަށް އަމަލު ކޮށްގެން ކަމަށެވެ. އަދި ފިޓްނަސް ހިފަހައްޓަން އޭނާ ކުރާ އެންމެ މުހިއްމު ކަމަކީ ހެނދުނު ގަޑީގައި ކަސްރަތު ކުރުމެވެ.
"ފިޓްނަސް ހިފަހައްޓަން އަޅުގަނޑު ކޮންމެ ދުވަހަކު ވެސް ފަތިސްނަމާދު ކޮށްލައިގެން އެކްސަސައިޒް ކުރަން. ރާޅާއެޅުމާ އެހެން ކުޅިވަރުތަކުގައި ވެސް ވަރަށް ފަސޭހަ، ވަރަށް ތާޒާވޭ،" ސައްޔިދު ކިޔައިދިނެވެ.
ސައްޔިދު (ކ) އޭނާގެ ކާފަ އާދަމް ނަސީމް ހަދިޔާކުރި ސާފް ބޯޑު ހިފައިގެން، ބޮޑުބޭބެ އަޒްލީ (ވ) އާއެކު.
ސައްޔިދު ރާޅާއެޅުމަށް ޝައުގުވެރިވީ އޭނާގެ ބޮޑުބޭބެ، ރާޅާއެޅުންތެރިޔާ އަޒްލީ ނަސީމް ރާޅާއަޅާތަން ފެނިގެންނެވެ. އެންމެ ފުރަތަމަ އޭނާ ރާޅަށް ގެންދިޔައީ ވެސް އަޒްލީ އެވެ.
"އަޅުގަނޑުގެ އަންކަލް އަޒްލީ ވަރަށް ކުރިން ވެސް މޫދަށް ގެންގޮސް އުޅޭނެ. މޫދަށް ގޮސް އަންކަލް ރާޅާއަޅާތަން ފެނުނީމައި މިކަމަށް ޝައުގު އުފެދުނީ. ދަސްކޮށްގެން ގާތްގަނޑަކަށް ސައްޔިދަށް ހަތް ވަރަކަށް އަހަރުގައި ބޮޑު ބޯޑުގައި ރާޅާއަޅަން ފަށައިފިން،" ރާޅާއެޅަން ފެށުނު ގޮތް ކިޔައިދެމުން އޭނާ ބުންޏެވެ.
"މި ކުޅިވަރުގައި ފެމިލީގެ އިންވޯލްވްމަންޓް އޮތީމައި ވަރަށް ހިތްހަމަ ޖެހޭ. އަންކަލް އަޒްލީ ގެ އިތުރުން ބްރަދާ-އިން-ލޯ އުބައިދުﷲ އާއި އަންމަޑޭބެ ވެސް ރާޅާ އަޅާނެ. ފެމިލީގެ ސަޕޯޓް ލިބޭ ވަރަށް ބޮޑަށް. ބްރަދާ-އިން-ލޯ ގެ ބެސްޓް ފްރެންޑް ޝައްބު ގެ އެހީ ވެސް ލިބޭ. އަޅުގަނޑަށް އެންމެ ބޮޑު ސަޕޯޓެއް ލިބެނީ މަންމަގެ ފަރާތުން،" އޭނާ ބުންޏެވެ.
މީގެ އިތުރުން ސްވިމިން ކޯޗު ޒާހިދު އާއި ކާފަ އާދަމް ނަސީމްގެ ގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށް އޭނާ ބުންޏެވެ.
"ކާފަ ފުރަތަމަ ސާފިން ބޯޑު ދިނީ. ބައެއް ޓިޕްސް ވެސް ދޭނެ. ސްވިމިންގައި އެންމެ ކުޑައިރުން ފެށިގެން ވެސް އަޅުގަނޑަށް ކޯޗު ކޮށްދެމުން އަންނަނީ ޒާހިދު ކޯޗު. ކޯޗުގެ ފަރާތުން ވަރަށް ބައިވަރު ކަންކަން ދަސްވޭ، ކުޅިވަރުގައި ފިޓްނެސް ހިފަހައްޓައި މައިންޑްސެޓް ރަނގަޅު ކުރުމާއި ޑިސިޕްލިން ވާން ވެސް،" ސައްޔިދު ބުންޏެވެ.
ރާއްޖޭގެ ރާޅާއެޅުންތެރިންގެ ތެރެއިން ސައްޔިދަށް އެންމެ ރީތިކޮށް ރާޅާއަޅަނީ ހުސެއިން އަރީފް (އިބޫ) އެވެ. ނަމަވެސް އަލްޒީ އަށް އޭނާގެ ހިތުގައި ވަނީ ހާއްސަ މަގާމެކެވެ. އެއީ އޭނާގެ ބޮޑުބޭބެއަކަށް ވެފައި، އެންމެ ފުރަތަމަ އޭނާ ރާޅަށް ގެންދަން ފެށި މީހަކީ ވެސް އަޒްލީ އަށް ވުމުންނެވެ.
ސައްޔިދު ދެކޭގޮތުގައި ރާޅާއެޅުމާއި އެހެން ކުޅިވަރުތަކުގައި ވެސް ކުރިއަށް ދާން އެންމެ ބޭނުންތެރި ކަމަކީ ކޮންސިސްޓެންސީ ހިފެހެއްޓުމެވެ. ފަރުވާތެރިކަމާ އެކު ގަވާއިދުން ފަރިތަކުރުމެވެ. މިކަމުގައި ކުރިއަށް ދާން ބޭނުންވެފައި ތިބި ކުދިންނަށް ވެސް ސައްޔިދު ބުނެލަން އޮތީ އެ ވާހަކަ އެވެ.
"ކޮންސިސްޓެންޓް ވާށޭ ވެވޭ އެންމެ ބޮޑަކަށް. އެއް ދުވަހުން ނަތީޖާއެއް ނުފެންނާނެއޭ، ގަވާއިދުން ފަރިތަކުރި ވަރަކަށް ނަތީޖާ ފެންނަން ފަށާނީ،" އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިނާ
31 January 2023
އަންކަލް އަޒްލީ ގެ ސްޓައިލް އާ ވަރަށް އެއްގޮތް ސައްޔިދު.