އިނާން، ކ. ގުރައިދޫއަށް އުފަން އުންމީދީ ރާޅާއެޅުންތެރިޔާގެ އުންމީދަކީ ބައިނަލްއަގުވާމީ މުބާރާތަކުން މެޑަލް އެއް ހޯދުން.-- ފޮޓޯ: މޯލްޑިވްސާފްފޮޓޯގްރާފާ
08 ފެބުރުއަރީ 2023 - 06:46
ރާޅާއަޅާ ހިތުން އޭނާގެ ބޭބެ އަދި ކުރީގެ ރާޅާ އެޅުންތެރިޔާ އަހުލާމް އަލީ، ކައިރީގައި ކިޔައިގެން ރާޅުގަނޑު ތެރެއަށް މުހައްމަދު އިނާން އަބްދުލް ހަންނާން ފުންމާލި އިރު އޭނާ ރަނގަޅަށް ފަތަން ވެސް ނޭނގެ އެވެ. ބޮޑެތި ރާޅުތަކު ތެރޭގައި އުޅެން ބިރުގަތެވެ. ނަމަވެސް، ފުރަތަމަ ދުވަހު ބޯޑުމަތީ ކޮޅަށް ހުރެ އެއް ފަހަރު ރާޅަކާ އެޅުނެވެ.
މިއީ މިހާރު އުމުރުން 14 އަހަރުގެ އިނާން ރާޅާ އެޅުމުގައި އެންމެ ފުރަތަމަ ދުވަހުގެ ހަނދާނެވެ. އޭރު އޭނާ އަށް ވާނީ ހަތް އަހަރެވެ.
"ރާޅަށް އެރުނު ފުރަތަމަ ދުވަހު ރާޅުތައް ބޮޑެތިކަމުން ރޯން ވެސް ރޮވުނު،" އެ ދުވަހުގެ ހަނދާންތައް އޭނާ ސިފަކޮށްދިނެވެ.
އެކަމަކު ރާޅާ ހޭނޭކަށް މާ ގިނަ ދުވަހެއް ވެސް ނުނެގި އެވެ. އަމިއްލަ ރަށް، ކ. ގުރައިދޫގެ މެދުފަރު (ރިޕްޓައިޑް) އާއި ފޮކްސީ ޕޮއިންޓުގައި ފަރިތަ ކޮށްގެން މިހާރު އިނާނަކީ ޖެހިލުން ކުޑަ، އުންމީދީ ރާޅާއެޅުންތެރިއެކެވެ. މިހާރު އޭނާ އަށް އެންމެ ކަމުދާ ރާއްޖޭގެ ސާފް ޕޮއިންޓަކީ ބޮޑެތި ބެރަލް ރާޅުތަކުގެ އިތުރުން ގިނަ ސެޓް ރާޅުތަކެއް ލިބޭ ލ. މާބައިދޫ މެޝިންސް ރާޅު ޕޮއިންޓެވެ.
އެމްއެސްއޭ އިން މިދިޔަ އަހަރު ބޭއްވި ޖޫނިއާ ޗެމްޕިއަންޝިޕް ގައި އިނާޏް ރާޅާއަޅަނީ.-- ފޮޓޯ: އެމްއެސްއޭ
ރާއްޖޭގެ ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) ގެ ހުރިހާ މުބާރާތެއްގައި މިހާތަނަށް ވާދަކުރަމުން އަންނަ އިނާން ވަނީ މިދިޔަ އަހަރުގެ ރަންނަމާރި ޗެލެންޖްގެ އޯޕަން ޑިވިޝަނުގައި ވައިލްޑް ކާޑް ސްލޮޓުގައި ބޮޑެތި މީނުންނާ އެކު ރާޅާ އަޅައިފަ އެވެ. ބޮޑެތި މީހުންނާ އެކު މުބާރާތެއްގައި ވާދަކޮށްލުން އިނާން އަށް ވީ ތަފާތު އިހުސާސެއް ގެނުވައިދިން ކަމަކަށެވެ.
"ޓޯނަމަންޓުގައި ހުސް ޖޫނިއާސް އާ ދެކޮޅަށް ވާދަ ކޮށްފައި ބޮޑެތި މީހުންނާ ދެކޮޅަށް ވާދަ ކޮށްލަން ފުރުސަތު ލިބުނީމަ އަސްލު ބޮޑު ހިތްވަރެއް ލިބުނު ކަމަކަށް ވީ. ވަރަށް އުފާވޭ އެ ފުރުސަތު،" އިނާން ބުންޏެވެ.
އިނާން ރާޅާއަޅަން ފެށި ދުވަސްވަރު.--
އިނާން އަކީ ރާއްޖޭގެ ޖޫނިއާ ރާޅާއަޅާ ޓީމުގެ އެތުލީޓެކެވެ. އެމްއެސްއޭ އިން ވަނީ ޖޫނިއާ ޓީމަށް ކޯޗެއްގެ ގޮތުގައި ބޭރުގެ ތަޖުރިބާކާރެއް ކަމަށްވާ ދެކުނު އެފްރިކާގެ ކްލައިޑް މާޓިން ހަމަޖައްސައިފަ އެވެ. ޖޫނިއާ ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ދަނީ މާލޭގެ ރާޅުގަނޑު ސަރަހައްދުގަ އެވެ. ނަމަވެސް އިނާން އަކީ މާލޭގައި ދިރިއުޅޭ ކުއްޖަކަށް ނުވާތީ މާލޭގެ ފަރިތަކުރުންތަކުގައި ބައިވެރިވުން އެއީ ދަތި ކަމެކެވެ.
"ކޯޗާ އެކު ވަރަށް ފަރިތަ ނުކުރެވޭ، އެކަމަކު ސްކޫލް ބަންދު ދުވަހަކާ ދިމާކޮށް ދަން ތިން ދުވަސްވަރު ކޯޗު ކައިރީގައި ޕްރެކްޓިސް ކޮށްލާފައި އަންނަނީ ރަށަށް،" ރާއްޖޭގެ މޫދު ކުޅިވަރު ސާމާނަށް ހާއްސަ ބްރޭންޑް ސީ ސްޕޯޓްސްގެ އެއް އެމްބެސެޑަރު އިނާން ބުންޏެވެ.
"ރަށުގައި ރާޅަށް ދާއިރު، އިނާން ގެންގުޅޭ ގޯޕްރޯ އިން ވީޑިއޯ ކުރަން ރާޅާއަޅަމުން. ދެން ވީޑިއޯތައް ފޮނުވާނީ ކޯޗަށާއި އަންމަޑޭ (އަހުމަދު އާގިލް) އަށް."
އަންމަޑޭ (ވ) މިދިޔަ އަހަރުގެ ލީގު އިވެންޓެއް ކާމިޔާބު ކުރުމުން އިނާން (ކ) މަރުހަބާ ކިޔަނީ.-- ފޮޓޯ؛ އެމްއެސްއޭ
ރާއްޖޭގެ ރާޅާއެޅުންތެރިންގެ ތެރޭން ރާއްޖޭގެ ޗެމްޕިއަން އަހުމަދު އާގިލް (އަންމަޑޭ) އަކީ އިނާންގެ އެންމެ މަގުބޫލް އެތުލީޓެވެ. އަންމަޑޭ އާއެކު މުބާރާތެއްގައި އަޅާލަން ލިބުމަކީ އޭނާގެ އެއް ހުވަފެނެވެ.
އިނާން ބުނާގޮތުގައި ރާޅާއެޅުމުން ކުރިއަށް ދާން އެންމެ ބޮޑު ސަޕޯޓެއް ލިބެނީ މައިންބަފައިންނާއި ބޭބެ އަހުލާމްގެ އިތުރުން، ތުލުސްދޫގެ ރައްޔިތުންނެވެ. ކޮންމެ ހަފުތާ ބަންދެއްގައި ރާޅާ އަޅަން އޭނާ ތުލުސްދޫގައި ހޭދަ ކުރެ އެވެ. އޭގެ ތެރެއިން ވެސް ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަންދަރުސަވާ އިބްރާހިމް ރަޝީދު (އަންދަރޭ) ގެ ދަރިފުޅު ހުޝާމް (ހުޕާ) ފާހަގަ ކޮށްލެވެ އެވެ.
"ދޮންބެ [އަހުލާމް އަލީ] ގެ ވަރަށް ގާތް ރައްޓެހި ރާޅާއެޅުންތެރިން އުޅޭނެ ތުލުސްދޫގައި. މި ރަށަށް (ކ. ގުރައިދޫ) އަށް ރާޅާއަޅަން އައި ދުވަހެއްގައި ފުރަތަމަ ދިމާވީ، ދެން އިނާން ވެސް ދޮންބެ އާއެކު ތުލުސްދު އަށް ރާޅާއަޅަން ދާން ފަށައިފިން،" އޮލިމްޕިކްސް ގައި އެންމެ ފުރަތަމަ ފަހަރަށް ބޭއްވި ސާފިން އިވެންޓުން ރަން މެޑަލް ހޯދި ބްރެޒިލްގެ އިޓާލޯ ފެރޭރާ އަށް ސަޕޯޓް ކުރާ އިނާން ބުންޏެވެ.
"ތުލުސްދޫ އަށް ރާޅާއަޅަން ގޮސް އުޅުމުގެ ތެރޭގައި ހުޕާ އާ ދިމާވީ. ހުޕާ އާއި ހުޕާގެ އަންހެނުން ވަރަށް ބޮޑު އެހީތެރިކަމެއް ދޭ އަޅުގަނޑު މިކަމުން ކުރިއަށް ދާން. ހުޕާ އަކީ ހަމަ އަމިއްލަ ބޭބެއެއް ފަދަ މީހެއް."
ހިންމަފުށީގައި ބޭއްވި މުބާރާތުގެ ޖޫނިއާ ކެޓަގަރީން ދެވަނަ ހޯދި އިނާން (ކ)، އެއްވަނަ ހޯދި ޒަޔާން އާއެކު.-- ފޮޓޯ: އެމްއެސްއޭ
އިނާން އަކީ މިދިޔަ އަހަރުގެ ލީގުގެ 18 އަހަރުން ދަށުގެ ޖޫނިއާ ހަތަރު އިވެންޓުގައި ވެސް ވާދަކޮށް ރޭންކިންގެ ދެވަނައިގައި ނިންމި އެތުލީޓެވެ. އޭނާ ވަނީ ޖޫނިއާ ޗެމްޕިއަންޝިޕް ގައި 14 އަހަރުން ދަށާއި 18 އަހަރުން ދަށުގެ ހަތަރުވަނަ ހޯދައިގެން މި އަހަރުގެ ޖޫނިއާ ގައުމީ ޓީމުގައި ވެސް ހިމެނިފަ އެވެ.
"ކަމެއް ކުރަން އެދޭނަމަ އެކަމެއް ހާސިލް ކުރެވޭނީ ދިމާވާ ހުރަސްތަކާ ކުރިމަތި ލައިގެން މަސައްކަތްތަކެއް ކޮށްގެން. ކާމިޔާބީ އަށް ވާސިލް ވާން ޝައުގުވެރިކަމާ އެކު މަސައްކަތް ކުރުމުގެ ހިތްވަރު ހުންނަން ވާނެ،" ކ. ހިންމަފުށީގައި މިދިޔަ އަހަރު ބޭއްވި ލީގުގައި ޖޫނިއާ ބައިން ދެވަނަ ހޯދި އިނާން ބުންޏެވެ.
ރާޅާއެޅުމުގައި އިނާން ދެކޭ ހުވަފެނަކީ ކުރިއަށް އޮތްތަނުގައި ރާއްޖޭން ބޭރުގެ މުބާރާތެއްގައި ވާދަކޮށް، ރާއްޖެ އަށް މެޑަލް އެއް ހޯދައިދިނުމެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމީދު 1
08 February 2023
މަރުހަބާ. އެކަމަކު ބިރު ފަހަނާ އެޅީމާ ކަމަކު ނުދާނެ.
ތުލުސްދޫ މީހާ
08 February 2023
ވަރަށް ބޮޑަށް އުފާވެއްޖެ ތުލުސްދޫއިން ތިޔަ ހިއްވަރުގަދަ ފަހުލަވާނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށްފައިވާތީ. ކުރިއަށްއޮތްތަނުގައިވެސް ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބޭނެކަމަށް ޔަގީންކުރޭ. ތިޔަ ހިއްވަރަށް ހާސްފަށުން ސާބަސް.