މިނިވަން ޗެމްޕިއަންޝިޕް މާޗު މަހު، ބައިވެރިވާން ހުޅުވާލައިފި

އަތޮޅުތަކަށް ހާއްސަ ކޮށްގެން ފުޓްބޯޅަ އެސޯސިއޭޝަނުން ބާއްވާ މިނިވަން ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.


ފާއިތުވި ދެ އަހަރާ ހިލާފަށް މި އަހަރުގެ މުބާރާތް ފެށުން އެފްއޭއެމުން އަވަސްކުރީ ރާއްޖޭގެ ފުޓްބޯޅަ ފޯމެޓަށް ގެނައި ބަދަލާ ގުޅިގެންނެވެ. އެއީ މި މުބާރާތުގެ ގަދަ ހަތަރު ޓީމަށް ދިވެހި ޕްރިމިއާ ލީގުން ޖާގަ ދޭން ނިންމާފައިވާތީ އެވެ.

އަންނަ މާޗް މަހުގެ 15 ވަނަ ދުވަހު ފަށަން ނިންމާފައިވާ މި މުބާރާތުގައި ބައިވެރިވުމަށްޓަކައި އެފްއޭއެމަށް ލިޔުމަކުން އެންގުމަށް ދީފައިވާ އެންމެ ފަހުގެ މުއްދަތަކީ މި މަހުގެ 29 ވަނަ ދުވަހެވެ. މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކުން ލިސްޓުގައި 21 އަހަރުން ދަށުގެ ހަތް ކުޅުންތެރިން ހިމަނަން ޖެހެ އެވެ.

މި ފަހަރުގެ މުބާރާތް ކުރިޔަށްދާނީ ތިން ބުރަކަށެވެ. އެއީ އަތޮޅުތަކުގެ ޓީމުތަކުގައި ކުޅެވޭ ބުރާއި ޒޯން ބުރާއި މާލޭގައި ލީގު އުސޫލުން ކުޅޭ ފަހު ބުރެވެ. ފުރަތަމަ ބުރުގައި އަތޮޅަކުން ދެ ރަށަށް ވުރެ ގިނައިން ބައިވެރިވެއްޖެނަމަ މެޗުތައް ކުޅޭނީ ހޯސްޓްކުރާ އެއް ރަށެއްގަ އެވެ. ޒޯން މުބާރާތް އޮންނާނީ ހޯމް އަވޭ އުސޫލުންނެވެ.

ހުރިހާ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ލީގު ބުރު އޮންނާނީ މާލޭގަ އެވެ. އެ ބުރުގެ ގަދަ ހަތަރު ޓީމަށް މި އަހަރުގެ ޖުލައި މަހު ފަށާ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭނެ އެވެ.

މިނިވަން ޗެމްޕިއަންޝިޕަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއަކަށް ބެހިގެން މިހާރު ކުރިޔަށްދާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތެވެ. މި މުބާރާތް އެންމެ ފުރަތަމަ 2015 ވަަނަ އަހަރު ބޭއްވިއިރު، އެ ފަހަރުގެ ޗެމްޕިއަން ސ. ފޭދޫ ވަނީ މިދިޔަ އަހަރުގެ ގައުމީ މުބާރާތުގައި ވާދަކޮށްފަ އެވެ. މިދިޔަ އަހަރުގެ ޗެމްޕިއަން ބ.އޭދަފުށްޓަށް މި ފަހަރުގެ ގައުމީ މުބާރާތުގެ ސީދާ ޖާގައެއް ނުލިބޭނެ އެވެ.