ބެންފީކާ އިން ލީގު ޗެމްޕިއަން ޓްރޮފީ އުފުލާލަނީ. ފޮޓޯ: އޭއެފްޕީ
28 މެއި 2023 - 09:35
މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކައި ޕޯޗުގީސް ލީގު ޗެމްޕިއަންކަން ބެންފީކާ އިން ހޯދައިފި އެވެ.
ބެންފީކާ ލީގު ޗެމްޕިއަންކަން ކަށަވަރުކުރީ ލީގު ފުލުގައި އޮތް ސަންޓަ ކްލާރާއާ ވާދަކޮށް 0-3 އިން ރޭ މޮޅުވެގެންނެވެ.
މެޗަށް ނުކުތްއިރު ވެސް މޮޅަކާ އެކު ބެންފީކާ އަށް ޗެމްޕިއަންކަން އޮތީ ކަށަވަރުވާށެވެ. އެޓީމަށް 87 ޕޮއިންޓް ލިބުނުއިރު ދެ ވަނައިގައި ނިންމާލި އެފްސީ ޕޯޓޯ އަށް ލިބުނީ 85 ޕޮއިންޓެވެ. މި ދެޓީމުގެ ފަހަތުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރުކުރީ ތިން ވަނައިގައި ނިންމާލި ސްޕޯޓިން ބްރާހާ އެވެ.
މި ސީޒަނުގެ ކުރިން ބެންފީކާ އަށް ލީގު ޗެމްޕިއަންކަން ލިބުނީ 2018/2019 ވަނަ ސީޒަނުގަ އެވެ. ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު ބެންފީކާ އިން ޗެމްޕިއަންކަން ހޯދިއިރު ސީޒަނުގެ ހުރިހާ މުބާރާތެއްގައި އެޓީމު ބަލިވީ ހަތަރު މެޗުންނެވެ.
ރޭގެ މެޗުގައި ބެންފީކާގެ ގޯލުތައް ކާމިޔާބު ކޮށްދިނީ ގޮންޒާލޯ ރާމޯސް އާއި ރަފާ ސިލްވާ އަދި ޕެނަލްޓީއަކުން އަލެކްސް ގްރިމަލްޑޯ އެވެ.
ބެންފީކާގެ ކޯޗު ރޮޖާ ޝްމިޑްޓް އަށް ކެރިއަރުގައި ލީގު ޗެމްޕިއަންކަން ލިބުނު މިއީ ދެ ވަނަ ފަހަރެވެ. މީގެކުރިން އޭނާ ވަނީ 2014 ވަނަ އަހަރު ރެޑްބުލް ސަލްޒްބާގަށް އޮސްޓްރިއަން ބުންޑެސްލީގާ ކާމިޔާބުކޮށްދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy