ކުޅިވަރު / ޕީއެސްޖީ

އެމްބާޕޭ ވިއްކާލަން ޕީއެސްޖީ ތައްޔާރުވެއްޖެ

ޕީއެސްޖީގެ އެމްބާޕޭ. ރިޕޯޓްތައް ބުނާގޮތުން އެ ކްލަބުން އަންނަނީ އެމްބާޕޭ ވިއްކާލަން ތައްޔާރުވަމުން

ޕެރިސް (ޖޫން 13) - ހިލޭ ޓްރާންސްފާއެއްގައި ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ޕީއެސްޖީ ދޫކޮށްލަފާނެތީ، ކްލަބުން އޭނާ ވިއްކާލަން ތައްޔާރުވެފައިވާކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕީއެސްޖީއާ އެކު އެމްބާޕޭ ހަދައިފައިވާ އެއްބަސްވުން ހަމަވާނީ އަންނަ ސީޒަނުގެ ނިޔަލަށެވެ. ޕީއެސްޖީ އިން ބޭނުންނަމަ އެ އެއްބަސްވުމަށް އަހަރެއް އިތުރުކުރެވޭނެ އެވެ.

އެމްބާޕޭ، 24، އެއްބަސްވުން އާކުރުމާ މެދު ގޮތެއް ނިންމަން ޕީއެސްޖީ އިން ވަނީ ޖުލައި މަހުގެ ނިޔަލަށް މުއްދަތު ދީފަ އެވެ. އެކަމަކު ރިޕޯޓްތައް ބުނާގޮތުން އެމްބާޕޭ ވަނީ ޕީއެސްޖީގެ އެއްބަސްވުން އާ ނުކުރާނެކަން ކްލަބަށް އަންގައިފަ އެވެ.

އެއްބަސްވުން އާ ނުކޮށް އެމްބާޕޭ ކްލަބުގައި މަޑުކޮށްފި ނަމަ އަންނަ ސީޒަނަށް ފަހު ހިލޭ ޓްރާންސްފާއެއްގައި އެމްބާޕޭ އަށް ކްލަބް ބަދަލުކުރެވޭނެ އެވެ. ބޮޑު އަގުގައި ވިއްކާލެވެން އޮއްވައި ހިލޭ ޓްރާންސްފާއެއްގައި އެމްބާޕޭ ޕީއެސްޖީ ދޫކޮށްލުމަކީ އެ ކްލަބުން ބޭނުންވާ ގޮތެއް ނޫނެވެ.

އެމްބާޕޭ ވިއްކާލަށް ޕީއެސްޖީ ތައްޔާރުވުމާ އެކު ޔޫރަޕްގެ ވަރުގަދަ ކްލަބްތައް ވަނީ އެލާޓަށް އައިސްފަ އެވެ. އެމްބާޕޭ ގެންދިއުމުގެ ޝައުގުވެރިކަން މިދިޔަ އަހަރުތަކުގައި އެންމެ ބޮޑަށް ފާޅުކޮށްފައިވަނީ ރެއާލް މެޑްރިޑުންނެވެ. މިދިޔަ އަހަރު އެމްބާޕޭ ރެއާލްއާ ގުޅޭނެ ކަމަށް ބެލެވުނު ނަމަވެސް ފަހު ވަގުތު އޭނާ ވަނީ ޕީއެސްޖީގައި މަޑުކުރަން ނިންމައިފަ އެވެ.

މިދިޔަ 14 އަހަރު ރެއާލްގެ ކުރި ބެލެހެއްޓި ކަރީމް ބެންޒެމާ ވަނީ އެ ކްލަބް ދޫކޮށް މި މަހު ސައުދީ އަރަބިއާގެ އަލް އިއްތިހާދަށް ބަދަލުވެފަ އެވެ. ބެންޒެމާގެ ބަދަލުގައި ރެއާލުން ވަނީ ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅޭ އިނގިރޭސި ކެޕްޓަން ހެރީ ކޭން އަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ފްރާންސާ އެކު 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި އެމްބާޕޭ މޮނާކޯ ދޫކޮށް ލޯނު އުސޫލުން ޕީއެސްޖީ އަށް ބަދަލުވީ 2017 ވަނަ އަހަރު އެވެ. ޕީއެސްޖީ އިން އެމްބާޕޭގެ އެއްބަސްވުން ބޮޑުއަގުގައި ދާއިމީކުރީ ޖެހިގެން އައި ސީޒަނުގަ އެވެ.

ޕީއެސްޖީ އަށް އެންމެ ގިނަ ލަނޑު ޖަހައިދިނުމުގެ ރެކޯޑް އޮތީ އެމްބާޕޭ އަތުގަ އެވެ. އެ ކްލަބަށް ކުޅުނު 260 މެޗުގައި އެމްބާޕޭ ވަނީ 212 ލަނޑު ޖަހައިފަ އެވެ. ފްރާންސްގެ ގައުމީ ޓީމަށް އެމްބާޕޭ ވަނީ ކުޅުނު 68 މެޗުގައި 38 ގޯލު ޖަހައިފަ އެވެ.

ޕީއެސްޖީގައި ހޭދަކުރި ހަ ސީޒަނުގައި އެމްބާޕޭ ވަނީ އެ ކްލަބާ އެކު ފަސް ފަހަރު ފްރެންޗް ލީގު ކާމިޔާބު ކޮށްފަ އެވެ. އެކަމަކު އެ ކްލަބުން އެންމެ ބޭނުންވާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި އެ މުއްދަތުގައި ނުހޯދުނެވެ.

ޕީއެސްޖީ އިން އެމްބާޕޭ ދޫކޮށްލުމުގެ ފުރުސަތު ބޮޑުއިރު އެޓީމަށް މިދިޔަ ދެ ސީޒަނުގައި ކުޅުނު ލިއޮނެލް މެސީ ވަނީ އެމެރިކާގެ ލީގުގެ އިންޓަ މިއާމީ އަށް ބަދަލުވާން ނިންމައިފަ އެވެ. އެމްބާޕޭގެ އިތުރުން ޕީއެސްޖީ އަށް ކުޅޭ ބްރެޒިލްގެ ތަރި ނޭމާގެ ކުރިމަގާ މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 33%
icon angry icon angry 0%
icon wow icon wow 67%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454