މިނިވަން ޗެމްޕިއަންޝިޕްގައި މި ފަހަރު 75 ޓީމް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްބޯޅަ މުބާރާތް ކަމަށްވާ މިނިވަން ޗެމްޕިއަންޝިޕްގައި މި އަހަރު 75 ޓީމުން ބައިވެރިވެއްޖެ އެވެ.


އަންނަ މާޗް މަހު 15 ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ މި މުބާރާތުގައި މި ފަހަރު ވެސް ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ބައިވެރިވެފަ އެވެ. ފާއިތުވި ދެ އަހަރެކޭ އެއްގޮތަށް މި ފަހަރު ވެސް އަތޮޅު މުބާރާތުގެ ފޯމެޓަށް ވަނީ ބަދަލު ގެނެސްފަ އެވެ.

މި މުބާރާތް މި ފަހަރު ކުރިޔަށްދާނީ ދެ ބުރަކަށެވެ. އެއީ އަތޮޅުތަކުގެ ބުރާއި މާލޭގައި ހުރިހާ ޒޯނެއްގެ ޗެމްޕިއަނެއްގެ މެދުގައި ކުޅޭ ޒޯން ލީގު ބުރެވެ. ޕްރިމިއާ ލީގަށް ހޮވޭނީ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅޭ ލީގު ބުރުގެ ގަދަ ހަތަރެކެވެ.

އަތޮޅަކުން އެއް ޓީމު ބައިވެރިވެފައިވާނަމަ އެ ޓީމެއް ޒޯން ބުރަށް ހޮވޭނެ އެވެ. އެގޮތުން ޒޯން ފަހަކުން ވ. އަތޮޅުން ވ. ފުލިދޫ ހޮވިފައިވާއިރު، އއ. އަތޮޅުން މާޅޮސް ވެސް ވަނީ ޒޯން ބުރަށް އޮޓަމެޓިކުން ގޮސްފަ އެވެ. އަތޮޅަކުން ދެ ޓީމު ބައިވެރިވެއްޖެނަމަ ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުން ފައިނަލެކެވެ. އަތޮޅުތަކުން ދެ ޓީމަށް ވުރެން ގިނަ ރަށުން ބައިވެރިވެއްޖެނަމަ މެޗުތައް ކުޅޭނީ ހޯސްޓްކުރާ ރަށެއްގަ އެވެ.

މުބާރާތް ފަށާ ދުވަހުން ފެށިގެން އެ އަތޮޅެއްގެ މުބާރާތާއި ޒޯން މުބާރާތް އެއް މަސް ތެރޭގައި ކުޅެ ނިންމާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ޒޯން ޗެމްޕިއަނުންގެ ބުރާއި ޕްރިމިއާ ލީގަށް ކޮލިފައިވާ ގަދަ ހަތަރު ޓީމު މާލޭގައި ހަތަރު މަހެއްހާ ދުވަހު މަޑުކުރަން ޖެހޭއިރު، އެ ޓީމުތަކަށް ރަނގަޅު މާލީ އެހީއެއް ފޯރުކޮށްދޭނެ ކަމަށް އެފްއޭއެމުން ބުނެ އެވެ. މި ގޮތުން ހަތަރު ކުންފުނި މެދުވެރިކޮށް ޕްރިމިއާ ލީގަށް އަތޮޅު ތަކުން އަންނަ ހަތަރު ޓީމުގެ ތެރެއިން ކޮންމެ ޓީމަކަށް 1.5 މިލިއަން ރުފިޔާ ދިނުމަށް ވަނީ ނިންމައިފަ އެވެ. މިނިވަން ޗެމްޕިއަންޝިޕުގެ ހަތަރު ޓީމަށް ކުންފުނިން ހަރަދު ކުރަން ފަށާނީ ޕްރިމިއާ ލީގާ ހަމައިންނެވެ.

ބައިވެރިވި ޓީމުތައް:

ޒޯން 1: ހއ. (ފިއްލަދޫ، އިހަވަންދޫ، މާރަންދޫ، މުރައިދޫ)، ހދ. (ހަނިމާދޫ، ހިރިމަރަދޫ، ކުޅުދުއްފުށި، ކުމުނުދޫ، ކުރިނބީ، ނޭކުރެންދޫ، ނޮޅިވަރަންފަރު)

ޒޯން 2: ނ. (ކުޑަފަރީ، ޅޮހި، މާޅެންދޫ، މަނަދޫ)، ށ. (ފުނަދޫ، ޅައިމަގު، މިލަންދޫ)

ޒޯން 3: ބ. (އޭދަފުށި، ދަރަަވަންދޫ)، ޅ. (ނައިފަރު، ކުރެންދޫ، އޮޅުވެލިފުށި)، ރ. (ހުޅުދުއްފާރު، އިންނަމާދޫ، މީދޫ، އަލިފުށި، ރަސްމާދޫ، އުނގޫފާރު)

ޒޯން 4: އއ (މާޅޮސް)، އދ. (ކުނބުރުދޫ، މަހިބަދޫ، މަންދޫ)، ކ. (ދިއްފުށި، ގުޅި، ގުރައިދޫ، މާފުށި)

ޒޯން 5: ދ. (ކުޑަހުވަދޫ، މީދޫ)، ފ. (ފީއަލި، މަގޫދޫ، ނިލަންދޫ)، މ. (މަޑުއްވަރީ، މުލި، ނާލާފުށި، ވޭވަށް). ވ. (ފުލިދޫ)

ޒޯން 6: ލ (ގަން، ކުނަހަންދޫ، މާބައިދޫ، މާމެންދޫ، މުންޑޫ)، ތ. (ގާދިއްފުށި، ގުރައިދޫ، ހިރިލަންދޫ، މަޑިފުށި، ތިމަރަފުށި، ވޭމަންޑޫ، ވިލުފުށި)

ޒޯން 7: ގއ. (ދެއްވަދޫ، ކަނޑުހުޅުދޫ، ކޮލަމާފުށި، ކޮނޑޭ، ނިލަންދޫ)، ގދ. (ހޯޑެއްދޫ، ގައްދޫ، މަޑަވެލި، ތިނަދޫ)

ޒޯން 8: ޏ. (ދަނޑިމަގު، ދޫނޑިގަން)، ސ. (ފޭދޫ، ހިތަދޫ، މަރަދޫ ފޭދޫ، މަރަދޫ، މީދޫ)