ކުޅިވަރު / ދެވަނަ ޑިވިޝަން ފުޓްބޯޅަ

ގަލޮޅު ދަނޑުގައި އާ އަހަރުގެ ފުރަތަމަ މޮޅު ލޮރެންޒޯ އަށް

ބިސްބުރު ސްޕޯޓްސް ކްލަބާއި ލޮރެންޒޯ ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން މެޗު ފެށުމުގެ ކުރިން.-- ފޮޓޯ: ލޮރެންޒޯ ސްޕޯޓްސް ކްލަބް

04 ޖެނުއަރީ 2024 - 10:39

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ލޮރެންޒޯ ސްޕޯޓްސް ކްލަބުން ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކޮށް 4-1 އިން މޮޅުވެއްޖެ އެވެ.

ގަލޮޅު ދަނޑުގައި ކުޅުނު އާ އަހަރުގެ ފުރަތަމަ މެޗުގެ ހަތަރުވަނަ މިނިޓުގައި ލޮރެންޒޯ ސްޕޯޓްސް އިން ވަނީ ލީޑު ނަގައިފަ އެވެ. އާދަމް ނުޒެއިރު ދިން ބޯޅަ އަހުމަދު ހާމީ ނަޖާހު ފޮނުވާލުމުން ގޯލަށް ވަނީ އިދިކޮޅު ކީޕަރު ވިސާމް އަބްދުﷲ އަތުގައި ޖެހިފަ އެވެ.

ފުރަތަމަ ހާފުގައި ބިސްބުރުން ވަނީ ޕެނަލްޓީއަކުން ނަތީޖާ އެއްވަރު ކޮށްފަ އެވެ. ލޮރެންޒޯގެ ކެޕްޓަން އަހުމަދު ޔާޒީ ނާޒިމް، ބިސްބުރުގެ ނަޝީދަށް ކުރި ފައުލަކަށް ލިބުނު މި ޕެނަލްޓީ 35 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ މުހައްމަދު ފާރިޝް ހަސަން އެވެ.

ދެވަނަ ހާފުގައި ލޮރެންޒޯ އިން ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރި އެވެ. އެގޮތުން ނަސޫހު ސައީދަށް ލިބުނު ގިނަ ފުރުސަތުތަކުގައި އޭނާ އަށް އެންމެ ރަނގަޅަށް ބޭނުމެއް ނުހިފުނެވެ. އޭރިއާ ތެރެއިން ލާސްޓް ޑިފެންޑަރު ނައްޓާލާފައި ފޮނުވާލި ބޯޅަ ވެސް ދިޔައީ ގޯލު މަތިން ބޭރަށެވެ.

ފުރަތަމަ މެޗަށް ލޮރެންޒޯ ސްޕޯޓްސް ނެރުނު ފުރަތަމަ 11.-- ފޮޓޯ: ލޮރެންޒޯ ސްޕޯޓްސް ކްލަބް

ލޮރެންޒޯ އިން އަލުން ލީޑު ނެގީ 64 ވަނަ މިނިޓުގަ އެވެ. ނަސޫހު ނަގައިދިން ކޯނަރު ބޮލުން ގޯލަށް ފޮނުވާލައިގެން މި ގޯލު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއް ގޮތުގައި އެރި މުހައްމަދު ޒިހާން ހުސެއިން އެވެ. އޭގެ މިނިޓެއް ފަހުން އަވަސް ކައުންޓާއެއްގައި އާދަމް ނުޒެއިރު ތިރިތިރިން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގޯލަށް ފޮނުވާލައިގެން އެޓީމުގެ ތިންވަނަ ގޯލު ޖަހައިދިނީ ދެވަނަ ޑިވިޝަންގެ ތަޖުރިބާކާރު ފޯވާޑް ޒާހިދު އިބްރާހިމް އެވެ.

ދިވެހި ޕްރިމިއާ ލީގުގައި ފޯކައިދޫ އާއި ކްލަބް ގްރީން ސްޓްރީޓްސްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި އިސްމާއިލް އާސިފްގެ ކޯޗުކަމުގައި ކުޅޭ ލޮރެންޒޯ އަށް މެޗުގެ ހަތަރުވަނަ ގޯލު 81 ވަނަ މިނިޓުގައި ޖަހައިދިނީ ބަދަލަކަށް ކުޅެން ނުކުތް ޒުވާން ފޯވާޑް އަހުމަދު ރިލްވާން އެވެ. ކައުންޓާ އެޓޭކުގައި މުއީޒް ދާއޫދު ޖައްސާލި ބޯޅަ އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރުގެ ފައި ދަށުންނެވެ.

މިއީ މިއަހަރު ގަލޮޅު ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ. މިދިޔަ 2023 ގެ އެންމެ ފަހު މެޗަކަށް، އާދިއްތަ ދުވަހުގެ ހަވީރު ނިއު ރޭޑިއަންޓާއި ދަ ގްރާންޑޭ ބައްދަލުކުރާ މެޗު ތާވަލް ކުރެވުނު ނަމަވެސް ވިއްސާރައާ ގުޅިގެން އެ މެޗު ޖެހުނީ ފަސްކުރާށެވެ.

މިފަހަރުގެ ދެވަނަ ޑިވިޝަން މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ގަލޮޅު ދަނޑުގައި، ހަވީރުގެ ވަގުތުގަ އެވެ. ފައިނަލް މެޗު ތާވަލް ކުރެވިފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހަށެވެ.

ގުރޫޕް ސީ ގައި ލޮރެންޒޯ އާއި ބިސްބުރާ އެކު ދެން ހިމެނެނީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކްލަބް ޕީކޭގެ އިތުރުން އެންމެ ފަހުގެ ތިންވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ލެގޫންސް ސްޕޯޓްސް ކްލަބެވެ. މި ގުރޫޕްގެ ފުރަތަމަ މެޗުގައި ވިކްޓަރީން ވަނީ ޕީކޭ ބަލިކޮށްފަ އެވެ. ލެގޫންސް އަދި މެޗެއް ނުކުޅެ އެވެ.

މުބާރާތުގައި މިއަދު ހަވީރު ނުކުންނާނީ އެލްޓީ ސްޕޯޓްސް ކްލަބާއި އެންމެ ފަހުގެ ތިންވަނަ ޑިވިޝަންގެ ފައިނަލްގައި ލެގޫންސް އަތުން ބަލިވި މަސް އޮޑި ސްޕޯޓްސް ކްލަބެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454