މީދުއާއި ފަރެސްމާތޮޑާ މިއަދު ކުޅުނު މެޗު --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
21 ނޮވެމްބަރ 2024 - 18:40
ފަރެސްމާތޮޑާގެ މައްޗަށް 4-1 ގެ ނަތީޖާ އަކުން މޮޅުވެ، ދ. މީދޫން ގޯލްޑް ކަޕްގައި ގަދަކޮށް ފަށައިފި އެވެ.
ގުރޫޕް އޭ ގެ މި ދެ ޓީމުގެ ކުރިމަތިލުމުގައި މީދޫ ފެނުނީ، ފަރެސްމާތޮޑާ އަށް ވުރެ ހުރިހާ ގޮތަކުން ވެސް ވަރުގަދަ ކޮށެވެ. ގިނަ އަދަދަކަށް 23 އަހަރުންދަށުގެ ކުޅުންތެރިން ހިމެނޭ ފަރެސްމާތޮޑާގެ މައްޗަށް ޑޮމިނޭޓްކޮށްގެން ގޭމް ވެސް ކުޅެން މަސައްކަތް ކުރި އެވެ.
އިބްރާހިމް އިމްރާން ވަނީ މީދުއަށް ދެ ލަނޑު ޖަހައި ދީފަ އެވެ. އެ ޓީމަށް ލީޑް ނަގައި ދިން ގޯލް ވެސް ޖެހީ އޭނާ އެވެ. ހާފްގެ ތެރެއިން އެ ޓީމުގެ އީލާފް އަހްމަދަށް ލިބުނު ބޯޅަ ވަރަށް ބަލާލާފައި އޭނާ ކުރިއަށް ނަގައި ދިނީ އެ ބޯޅަ އަށް އިބްރާހިމް އިމްރާން އަރާނެކަން އެނގިގެންނެވެ.
މީދުއާއި ފަރެސްމާތޮޑާ މިއަދު ކުޅުނު މެޗު --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އޮފްސައިޑް މަޅިން ނެއްޓި އިމްރާން ވަނީ ފަސޭހަ ކަމާ އެކު އެ ބޯޅަ ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން މީދޫ ޓީމުން ލީޑް ފުޅާ ވެސް ކުރި އެވެ. އެ ހާފުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓްގައި އެ ލަނޑު މީދުއަށް ޖަހައި ދިނީ މުޒުދާން ހަސަން އެވެ.
އެ ލަނޑުގައި ވެސް އީލާފްގެ ހިއްސާ ބޮޑެވެ. ލަނޑު ޖަހަން މުޒުދާން އަށް ހުސްފުރުސަތެއް ތަނަވަސް ވީ އީލާފް ދިން ބޯޅައިންނެނެވެ.
ދެވަނަ ހާފުގެ ކުރީކޮޅު މީދޫ އަށް ޕެނަލްޓީއެއް ލިބުނީ އެ ޓީމުގެ މުޒުދާން އަށް، ފަރެސްމާތޮޑާގެ އޭރިއާގެ ތެރެއިން އެ ޓީމުން ކުރި ފައުލާ ގުޅިގެންނެވެ. ލިބުނު ޕެނަލްޓީ އިމްރާން ވައްދާލީ ގޯލްގެ މަތީ ކަނަށެވެ.
މީދުއާއި ފަރެސްމާތޮޑާ މިއަދު ކުޅުނު މެޗު --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެ ޓީމުގެ ފަހު ލަނޑު ޖެހީ ހައްމާމް ރަޝާދެވެ. މެޗުގެ 69 ވަނަ މިނެޓްގައި އެ ޓީމުން ނެގި ކޯނަރު ބޮލުން ގޯލްތެރެއަށް ވައްދާލީ ހައްމާމް އެވެ.
މެޗުގެ 90 މިނެޓް ހަމަވެގެން އިތުރަށް ދެއްކި ވަގުތުގެ ތެރޭގައި ފަރެސްމާތޮޑާގެ ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެރި ޝައިޝުﷲ އަޝްރަފެވެ.
މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ގުރޫޕް ބީގެ ތ. ތިމަރަފުއްޓާއި މާލެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަތިވެރި
21 November 2024
މީތިވެސް ގަލޮޅު ދަނޑުގަތަ ކުޅެނީ؟ އެރަށެއްގަ ހޯމް އެންޑް އަވޭ އުސޫލުން ކުޅޭނަމަ! އެކަމް މިއީ އަސްލު ރަނގަޅު ފެށުމެއް. އަމިއްލަ ބަޔަކު ކުރާއިރު އެހާ ވަސީލަތްތަައް ނުހުންނާނެ ކަންވެސް އެނގޭ!
އަހާލީ
21 November 2024
ނައިބުރައީސް ނުކުޅުއްވާތޯ؟
ނޮ ޕް
22 November 2024
ނުކުޅުއްވާ