އިއްބެ: ތަފާތު ދައްކަމުން އަންނަ ޒުވާން ތަރިއެއް

ޒުވާން ހުނަރުވެރިން ރާއްޖޭގެ ފުޓްބޯޅަ ދަނޑުން ފާއިތުވި އަހަރުތަކުގައި އަންނަނީ ފެންނަމުންނެވެ. އޭގެ ތެރެއިން އުއްމީދުތަކާ އެއްވަރުގެ ކުރިއެރުން ހޯދަނީ މަދު ކުޅުންތެރިންނެވެ. އެއް ލެވެލަކުން އަނެއް ލެވެލަކަށް ގޮސް ކޯޗުންގެ އިތުބާރު ހޯދެނީ މަދު ކުޅުންތެރިންނަކަށެވެ. ޓީސީ ސްޕޯޓްސް ކްލަބްގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަކީ އޭގެ ތެރެއިން ކުޅުންތެރިޔެކެވެ. ފާއިތުވި ތިން އަހަރަށް ބަލާއިރު އޭނާގެ ފަރާތުން ބޮޑު ކުރިއެރުމެއް ފެނިއްޖެ އެވެ.


އިއްބެ (22)، ކެރިއަރު ފެށީ ނިއު ރޭޑިއަންޓުންނެވެ. އޭނާ އަކީ 2013 ވަނަ އަހަރު ހުރިހާ މުބާރާތެއް ކާމިޔާބުކުރި ސްކޮޑުގައި ހިމެނޭ ކުޅުންތެރިޔެކެވެ. އެހެން ނަމަވެސް އެ ކާމިޔާބީއަކާ އޭނާގެ މާ ބޮޑު ހިއްސާއެއް ނެތެވެ. އެއީ އޭނާ އަށް ކުޅުމުގެ ފުރުސަތު ލިބިފައިނުވާތީ އެވެ. އެހެން ނަމަވެސް އިއްބެ ވަނީ ނިއު އަށް ޔޫތު ޗެމްޕިއަންޝިޕް ކުޅެފަ އެވެ. އިއްބެ ނިއު ދޫކޮށްލީ 2014 ވަނަ އަހަރު އެ ޓީމަށް އޭއެފްސީ ކަޕް މެޗެއް ކުޅެދިނުމަށް ފަހު އެވެ.

އިއްބެ (ކ) އެ ޓީމުގެ އިންޝާދުއާ އެކު ޝެއިހް ކަމާލް ކަޕް ޓްރޮފީ ހިފައިގެން.-- ފޮޓޯ: އެފްއޭއެމް

"އަބަދު ވެސް ގަބޫލުކުރަނީ މަސައްކަތް ކޮށްފިއްޔާ ކާމިޔާބު ލިބޭނެކަމަށް. އެގޮތަށް ހިތްވަރާ އެކު މަސައްކަތް ކުރަން އަބަދުވެސް ބޭނުންވަނީ،" އިއްބެ ބުންޏެވެ.

އިއްބެ ޓީސީއާ ގުޅުނީ 2015 އަހަރު އެވެ. ޓީސީ ފުރަތަމަ ޑިވިޝަނުގައި އަލަށް ކުޅުނުއިރު އިއްބެ ފެނުނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. ފުރަތަމަ އެގާރައިން ޖާގަ ލިބުން އިއްބެ އަށް ދަތިވި ނަމަވެސް އޭނާގެ އަޒުމެއް ނުގުޑަ އެވެ. ބެލީ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ އިތުބާރު ހޯދައި ޓީމުގެ ފުރަތަމަ އެގާރައިން ޖާގަހޯދުމަށެވެ.

ޓީސީން އެ އަހަރު ލީގަށް ވާދަކޮށް ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދި އެވެ. އެ އަހަރުގެ ފަހު މެޗުތަކުގައި އިއްބެ އަށް މަދުން ނަމަވެސް ފުރަތަމަ އެގާރައިން ޖާގަ ލިބުނެވެ. މިއީ ފެށުމެއް ކަމަށް އިއްބެ ދެކުނެވެ.

"ފުރަތަމަ ސީޒަނުގައި މަދުން ނަމަވެސް ކުޅުމުގެ ފުރުސަތު ލިބުމުން ހިތްހަމަ ޖެހުނު. އެނގޭ ދެން ކުރަން ޖެހެނީ ކޮން ކަމެއްކަން ޓީމުން ޖާގަ ހޯދަން. ދެން ވެސް ބެލީ ޕްރެކްޓިސްތަކުގައި ތަފާތު ދައްކައިގެން ޓީމަށް އަރަން،" އިއްބެ ބުންޏެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި އިއްބެ (މ) ނިއު ރޭޑިއަންޓަށް ކުޅެނީ.-- ފޮޓޯ: ނިއު ރޭޑިއަންޓް

މިދިޔަ ސީޒަނުގައި ޓީސީ ފެނުނީ ފުރަތަމަ އަހަރަށް ވުރެން ވަރުގަދަ ކޮށެވެ. ޝަމްވީލް ގާސިމް (ބޮންޑާ) އާއި އަލީ ފާސިރު (ސެންޓޭ) އަދި އަހުމަދު އަބްދުﷲ (ލިލީ) ފަދަ ކުޅުންތެރިން އެ ޓީމާ ގުޅުނެވެ. އިއްބެ ބުނީ މިދިޔަ އަހަރު އޭނާގެ ކުރިއެރުމުގައި މި ކުޅުންތެރިންގެ ހިއްސާ ވެސް ބޮޑު ކަމަށެވެ.

"ހަގީގަތުގައި މިދިޔަ އަހަރު ވަރަށް ހިތްހަމަ ޖެހޭ ވަރަށް ކުޅެވުނު. ވަރަށް ގިނަ ކަންތައްތަކެއް ވެސް ދަސްވި. ކުރި މަސައްކަތުން އަހަރު ނިންމާލީ ފުރަތަމަ އެގާރައިން ޖާގަ ހޯދައިގެން. ބޮންޑާ އާއި ސެންޓޭ ދެން ނިޒާމްބެ އަބަދުވެސް ހިތްވަރު ދޭނެ. ކޮންމެ މެޗެއް ނިންމާފައިވެސް ބުނެދޭނެ ރަނގަޅު ކުރަންވީ ކަންތައްތައްް. ހާއްސަކޮށް ކޯޗު (ނިޒާމްބެ)،" ހދ. ނޮޅިވަރަންފަރަށް އުފަން އިއްބެ ބުންޏެވެ.

މިދިޔަ އަހަރު ޓީސީން އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަށް ދިޔައިރު ދެ މުބާރާތުގައި ވެސް އެ ޓީމު ކުޅުނު ގިނަ މެޗުތަކުގައި އިއްބެ ވަނީ ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ. މޮޅު ކުޅުން ދައްކައި މުހިއްމު ވަގުތުގައި ލަނޑު ވެސް ޖެހި އެވެ. އެ ފޯމުގައި އަހަރު ނިންމާލުމުން މި ސީޒަންގައި އިތުރު ކާމިޔާބީ ހޯދަން ހިތްވަރު ލިބުނެވެ.

ޓީސީން ދާދި ފަހުން ބަންގްލަދޭޝްގައި ޝެއިހް ކަމާލް ކަޕް ކާމިޔާބުކުރިއިރު އެ ޓީމުގައި އިއްބެގެ ދައުރު ބޮޑެވެ. އޭނާ އަކީ ޓީމުގެ ފުރަތަމަ އެގާރައިގައި ގަވައިދުން ކުޅުނު ކުޅުންތެރިޔެކެވެ. އަދި ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ކިރްގިސްތާންގެ އަލްގާ ބިޝްކެކް ކޮޅަށް ލަނޑު ވެސް ޖެހި އެވެ. އަދި މުބާރާތުގެ ހުރިހާ މެޗެއްގައި ވެސް އެއް ފެންވަރެއްގައި މޮޅަށް ކުޅުނެވެ.

ކޯޗު ނިޒާމްބެ ފާހަގަކުރާ ގޮތުގައި އިއްބެ އަކީ ކޮންމެ މަގާމަކަށް ކުޅުވި ނަމަވެސް ހިތްވަރާ އެކު ތަފާތު ދައްކާ ކުޅުންތެރިޔެކެވެ. ފަހަކަށް އައިސް އިއްބެ ކުޅެފައިވަނީ ޓީސީ މެދުތެރެއަށެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގައި ވެސް މެދުތެރެއަށް ކުޅެފަ އެވެ.

"އަސްލު އެންމެ ބޭނުންވަނީ ވިންގް (ފަޅިން) ކުޅެން. އެކަމަކު މިހާރު މެދުތެރެއަށް ވަރަށް ރަނގަޅަށް އެބަކުޅެވޭ. ހަގީގަތުގައި މިއީ ކޯޗު (ނިޒާމްބެ) ދިން ހިތްވަރާ އެކު މި މަގާމަށް އެހާ ރަނގަޅަށް މި ކުޅެވެނީ،" އިއްބެ ބުންޏެވެ.

އިއްބެ ވަނީ އޭގެ ހޯދަމުން އަންނަ ކުރިއެރުމުގައި މުޅި ޓީސީ އާއި އެ ކްލަބްގެ މެނޭޖްމަންޓުންދޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ.

މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި އީގަލްސްގެ ސިފާން (ވ-2) ކައިރިން އިއްބެ (ކ-2) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޔޫތު ލެވެލްގައި އުމުރުފުރާ ގައުމީ ޓީމުތަކަށް ކުޅެފައިނުވި ނަމަވެސް އިއްބެ ވަނީ މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް ބަންގުބަންދު ގޯލްޑް ކަޕްގައި ގައުމީ ޓީމަށް ކުޅެފަ އެވެ. އަދި އިންޑިއާގެ ގުވަހާޓީގައި މިދިޔަ އަހަރު އޮތް ސާފް ގޭމްސްގައި ޒުވާން ގައުމީ ޓީމަށް ވެސް އިއްބެ ކުޅުނެވެ.

މި އަހަރަކީ ގައުމީ ފުޓްބޯޅަ ޓީމަށް ބޮޑު އަހަރެކެވެ. އޭޝިއަން ކަޕްގެ ކޮލިފައިން އާއި 23 އަހަރު ދަށުގެ ގައުމީ ޓީމުގެ ކޮލިފައިންގެ އިތުރުން ސާފް ޗެމްޕިއަންޝިޕް ވެސް އޮތް އަހަރަކެވެ. އިއްބެ ހުރީ ގައުމީ ޓީމުން ވެސް ފުރުސަތެއްގެ އުއްމީދުގަ އެވެ.

"އަބަދުވެސް އުއްމީދެއް ގައުމީ ޓީމަށް ކުޅުމަކީ. ފުރުސަތެއް ލިބިއްޖެނަމަ ބޭނުން ހިފާނަން. ގައުމީ ޓީމުން ފުރުސަތު ހޯދުމަކީ ފަސޭހަކަމެއް ނޫންކަން އެނގޭ. ވަރަށް އުއްމީދު އެބައޮތް. މި އަހަރު ރަނގަޅު ކުޅުމެއް ދައްކައިފިނަމަ ފުރުސަތު ލިބޭނެ،" އިއްބެ ބުންޏެވެ.

މާލޭ ލީގުގެ ފުރަތަމަ މެޗުގައި ޓީސީ ވަނީ މޮޅު ކުޅުމަކާ އެކު 3-0 އިން ވެލެންސިއާގެ މައްޗަށް ކުރިހޯދައިފަ އެވެ. މި މެޗުގައި އިއްބެ ވަނީ ފުރަތަމަ އެގާރައިގައި ކުޅެ ޓީމު މޮޅުކޮށްދިނުމުގައި އެހީތެރިވެފަ އެވެ.