26 މާޗް 2025 - 12:26
އޭޝިއާގެ ފުޓްބޯޅައިގެ ވަރުގަދަ ބާރު އިރާނުން ވިދިވިދިގެން ހަތަރުވަނަ ފަހަރަށް ވޯލްޑް ކަޕުން ޖާގަ ހޯދައިފި އެވެ.
ރޭ އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު މެޗާ ހަމައަށް އައިރު ވޯލްޑް ކަޕްގެ ޖާގަ ކަށަވަރު ކުރަން އިރާނަށް ބޭނުންވެފައި އޮތީ އެންމެ ޕޮއިންޓެވެ.
ވެރިރަށް ތެހެރާންގައި ކުޅުނު މެޗު އުޒްބެކިސްތާން އަތުން އިރާން ޕޮއިންޓެއް ހޯދީ 2-2 ން މެޗު އެއްވަރުކޮށްގެންނެވެ.
އިރާންގެ ދެ ލަނޑު ވެސް ޖެހީ އިންޓަ މިލާންގެ ފޯވާޑް މަހްދީ ތަރޭމީ އެވެ.
އިރާންގެ ފަހަތުން ގުރޫޕް އޭ ގެ ދެވަނައިގައި އޮތް އުޒުބެކިސްތާން މެޗުން މޮޅުވިނަމަ، އެ ޓީމަށް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައި ވެވޭނެ އެވެ.
އެ ޓީމުން ދެ ފަހަރު ލިޑް ނެގި އިރު ވެސް ތަރޭމީ އިރާނަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ.
އެމެރިކާގައި ދެވަނަ ފަހަރަށް ބާއްވާ ވޯލްޑް ކަޕަށް އިރާނުން ކޮލިފައިވި އިރު، ދެ ގައުމުގެ ދެމެދުގައި ވަނީ ހަނގުރާމައެއްގެ ހުޅުގަނޑު ރޯވެފަ އެވެ.
އިރާނުން މަދަދާއި އެހީ ދޭ ޔަމަނުގެ ހޫތީންނާ ދެކޮޅަށް، އެމެރިކާއިން ވަނީ ހަނގުރާމަ ފަށާފަ އެވެ. ވަނީ ހޫތީން އިތުރަށް ދޭ ހަމަލާއެއްގެ ބަދަލު އިރާނާ ދެކޮޅަށް ވެސް ހިފަން ޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެއްވާފަ އެވެ.
އިރާނުން ދަނީ 2010 ވަނަ އަހަރުން ފެށިގެން ވޯލްޑް ކަޕުން ޖާގަ ހޯދަމުންނެވެ. މި ގަރުނުގައި އެ ޓީމަށް މުބާރާތުން ފުރުސަތު ގެއްލުނީ އޭޝިއާގައި ފުރަތަމަ ބޭއްވި ވޯލްޑް ކަޕުގަ އެވެ.
ޖަޕާނާއި ދެކުނު ކޮރެއާގައި 2002 ގެ ވޯލްޑް ކަޕަށް އިރާން ކޮލިފައި ނުވި އެވެ. އެ ފަހަރު އޭޝިއާގެ ކޮލިފައިންގެ ފުރުސަތު ލިބުނީ ސައުދީ އަރަބިއާ އާއި ޗައިނާ އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާހިރު
26 March 2025
އީރާނަށް މަރުހަބާ. އެދެނީ ފުޓުބޯޅަޔަކަސް ހަނގުރާމަޔަކަސް އެމެރިކާ ކައިރިން އީރާނަށް ކާމިޔާބުލިބުން. އަދި އެންމެ އުފާވާނީ ވޯލްޑް ކަޕްގައި އެމެރިކާއާ ކުޅެންޖެހި އީރާނުން އެމެރިކާ ބަލިކުރާ މަންޒަރު ފެނުން. މީގެ ކުރިންވެސް ފުޓުބޯޅަ މެޗުތަކުގައި އީރާނުން ވަނި އެމެރިކާ ބަލިކޮށްފައި. އިންޝާ ﷲ ދެން ހަނގުރާމާގައިވެސް އެމެރިކާއަށް އީރާން ބައްޔެއް ނުކުރެވޭނެ.
ލެއްގިކޮމިޝަނަރ
27 March 2025
1998ވަނަ އަހަރު ފުރާންސްގަ ބޭވި ވޯލްޑުކަޕުން އިރާން އެމެރިކާ ކައިރިން ހަނިގޮތަކަށް މޮޅުވި. ޖެހިގެންއާ 2002ގެ ވޯލްކަޕަށް އިރާން ކޮލިފައިންވެސް ނުވޭ. އެކަމަކު އެމެރިކާވަނީ 2002ގަ ކުއާޓާރ ފައިނަލާހަމައަށް ދަތުރުކޮށްފަ. މިދެގައުމު އެއްމެފަހުން ވޯލްޑްކަޕްގައި ވާދަކުރީ 2022 ގަތަރު ވޯލްޑްކަޕުގަ. އެފަހަރު އެމެރިކާ އަތުން އިރާންބަލިވެ ގުރޫޕް ސުޓޭޖުންކެޓިއިރު އެމެރިކާވަނީ ގަދަ 16އަށް ދަތުރު ކޮށްފަ. ފުޓްބޯޅައިގަ އަދި އިރާނަށް އެމެރިކާއާ ފައި ހަމަނުކުރަވޭނެ.