11 މެއި 2025 - 18:21
އިޓަލީގެ ސާޑީނިއާގައި ބޭއްވި 10 ވަނަ ސާޑީނިއާ ވެޓްރަންސް އިންޓަނޭޝަނަލް ޓޭބަލް ޓެނިސް މުބާރާތުގެ 70 އަހަރުން މަތީގެ ކެޓަގަރީގެ އެއް ވަނަ ރާއްޖޭގެ ކުރީގެ ގައުމީ ޗެމްޕިއަން ސީވީޑް އަހުމަދު ލަތީފް ހޯއްދަވައިފި އެވެ.
މެޑިޓްރޭނިއަން ކަނޑުގައި އޮންނަ އިޓަލީގެ ޖަޒީރާ ރަށުގައި ބޭއްވި މުބާރާތުގައި ވިއްސަށް ވުރެ ގިނަ ގައުމުން 120 ކުޅުންތެރިން ބައިވެރިވި އެވެ. އޭގެ ތެރެއިން 70 އަހަރުން މަތީގެ ބައިގައި 13 ކުޅުންތެރިން ވާދަކުރި އެވެ.
އެ އުމުރުފުރާގެ ފައިނަލް މެޗު ލަތީފް ކާމިޔާބުކުރެއްވީ އިޓަލީގެ ރޮމަނޮލީ އުގޯ އަތުން 3-0 އިންނެވެ. މެޗުގެ ފުރަތަމަ ސެޓު ލަތީފް ފަސޭހަކަމާ އެކު 11-2 އިން ކާމިޔާބުކުރެެއްވި އެވެ. ދެ ވަނަ ސެޓު ކާމިޔާބުކުރެއްވީ 14-12 އިންނެވެ. ފަހު ސެޓު ކާމިޔާބުކުރެއްވީ 22-20 އިންނެވެ.
ލަތީފް ވަނީ ޖަރުމަނުގެ ފްރޭންކް ގޫންޓާއާ ޕާޓްނަރުކުރައްވައި 70 އަހަރުން މަތީގެ ޑަބަލްސް އިން ދެ ވަނަ ވެސް ހޯއްދަވައިފަ އެވެ.
ލަތީފް ވިދާޅުވީ، އޭނާގެ ވެސް ބައިވެރިވުން އޮވެގެން އޮގަސްޓް މަހު އއ. ތޮއްޑޫގައި ބާއްވާ މާސްޓާސް މުބާރާތަށް ތައްޔާރުވަމުން އަންނަނިކޮށް، މި ލިބުނު ކާމިޔާބާ މެދު އުފާކުރައްވާ ކަމަށެވެ. ތޮއްޑޫ މުބާރާތަކީ، ރާއްޖޭގައި ބާއްވާ ވެޓްރަންސް ނުވަތަ މާސްޓާސް މުބާރާތެވެ.
ލަތީފް ވަނީ މި އަހަރުގެ ޖެނުއަރީ މަހު ތައިލެންޑް މާސްޓާސް ގޭމްސްގެ ޓޭބަލް ޓެނިހުން ރިހި މެޑަލް ހާސިލްކުރައްވައި، އެ ކުޅިވަރުން މާސްޓާސް މެޑެއްޔެއް ހޯއްދެވި ފުރަތަމަ ދިވެހި ކުޅުންތެރިޔާގެ ޝަރަފް ވެސް ހޯއްދަވައިފަ އެވެ.
އަދި އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ)އާ އެކު ކުޅުއްވައި ލަތީފް ވަނީ މިދިޔަ އަހަރު ތުރުކީގައި ބޭއްވި ފްރެންޑްޝިޕް ޓޭބަލް ޓެނިސް މުބާރާތުގެ 60 އަހަރުން މަތީގެ ކެޓަގަރީން ޗެމްޕިއަންކަން ވެސް ހޯއްދަވައިފަ އެވެ. ލަތީފަކީ، ރާއްޖޭން އެންމެ ފުރަތަމަ ބޭރަށް ދިޔަ ކުޅިވަރު ޓީމު ކަމަށްވާ 1973 ގައި ޗައިނާގައި އޮތް ތުރީއޭ ގޭމްސްގައި ވާދަކުރި ޓޭބަލް ޓެނިހުގެ ޓީމުގެ ކުޅުންތެރިއެކެވެ. އޭގެ ހަ އަހަރު ފަހުން 1979 ވަނަ އަހަރު ރިޔޫނިއަންގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި ޓީޓީ ޓީމުގައި ވެސް ލަތީފް ހިމެނިވަޑައިގަތެވެ.
ގައުމީ ސިންގަލްސް ޗެމްޕިއަންކަން 1973، 1974، އަދި 1981 ގައި ހޯއްދެއްވި ލަތީފް އެންމެ ފަހުން މަތީ ފެންވަރުގައި ކުޅުއްވީ، 1990 ވަނަ އަހަރު ޗައިނާގައި އޮތް އޭޝިއަން ގޭމްސްގަ އެވެ.
އެކަމަކު، ޓޭބަލް ޓެނިހުގެ މަޝްހޫރު ސީވީޑް އާއިލާގެ ދޮށީ މެމްބަރު ލަތީފް އަންނަނީ ފިޓްނަސް ހިފަހައްޓަވައި ގަވާއިދުން ރާއްޖެ އާއި ރާއްޖޭން ބޭރުގެ ވެޓްރަންސް މުބާރާތްތަކުގައި ކުޅުއްވަމުންނެވެ. ރާއްޖޭން ޖަރުމަނަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ ގޮތުގައި އެ ގައުމުގައި ހުންނެވިއިރު ލަތީފް ވަނީ ޖަރުމަނުގެ ލީގު ސިސްޓަމުގައި ހިމެނޭ ކްލަބަކަށް ވެސް ކުޅުއްވައިފަ އެވެ.
ލަތީފަކީ ކުރީގެ ކްރިކެޓް ކުޅުންތެރިއެއް ވެސް މެ އެވެ. އެކަމަކު، ވިކްޓްރީ ސްޕޯޓްސް ކްލަބުން 1983 ވަނަ އަހަރު ގައުމީ ކްރިކެޓް ތަށި މިލްކުކުރިއިރު އެ ޓީމަށް ވެސް ކުޅުއްވި ލަތީފުގެ އެންމެ ހާއްސަ ކުޅިވަރަކީ އަބަދުވެސް ޓޭބަލް ޓެނިހެވެ. އޭނާ ވަނީ ރާއްޖޭގެ ޓީޓީ އެސޯސިއޭޝަނުގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy