ޔުނައިޓެޑް ވިކްޓަރީގެ ކޯޗުކަމުން އާތީ އިސްތިއުފާ ދީފި

ޔުނައިޓެޑް ވިކްޓަރީގެ އެއްވެސް އަމާޒެއް ނެތް ކަމަށް ބުނެ އެ ޓީމުގެ ކޯޗު އަހުމަދު އާތިފް (އާތީ) މިއަދު މަގާމުން އިސްތިއުފާ ދީފި އެވެ.


މިދިޔަ ސީޒަނުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް ޔުނައިޓެޑް ވިކްޓަރީ އަރުވައިދިން ކޯޗު މިއަދު ކުއްލި ގޮތަކަށް އިސްތިއުފާ ދިން އިރު، އެސްޓީއޯ މާލޭ ލީގުގައި އެ ޓީމު ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. ކްލަބް އީގަލްސް އަތުން 2-0 އިން ބަލިވިއިރު ދެ ވަނަ މެޗުގައި ނިއު ރޭޑިއަންޓް އަތުން 3-0 އިން ބަލިވީ އެވެ.

އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާތީ ބުނީ މިދިޔަ އަހަރު ގަދަ ހަތަރަކަށް އެރީ މުޅި ޓީމު އެއްކޮށް މަސައްކަތްކޮށްގެން ކަމަށާއި އޭނާ ޓީމު ކިޔައީ ކްލަބުގެ ޗެއާމަނާއި މެނޭޖްމަންޓާއި ކޯޗިން ސްޓާފުންނާއި ކިޓް މެނޭޖަރާއި ފެން ގެނެސްދޭ މީހާ ވެސް ލައިގެން ކަމަށެވެ.

"މި އަހަރު 52 ޕްރެކްޓިސް ކުރެވުނީ. މި ޕްރެކްޓިސް ކުރިއަށް ދިޔައިރު މުޅި ޓީމު އެއްކޮށް ފަންކްޝަންކުރާ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެއްގޮތަކަށް ވެސް ޓާގެޓެއް ނެތި، އޮޔާދާ ކަނޑުގަޑެއްހެން، ނޫނިއްޔާ މިސްރާބެއް ނެތި ނޫނިއްޔާ ހަމަ މުބާރާތުގައި ޓީމެއް ބައިވެރިކުރުމުގެ ނަމުގައި ބައިވެރިވުން އެއީ ވެސް ތަފާތު ކަމެއް،" އާތީ ބުންޏެވެ.

އާތީ ބުނީ ޔުނައިޓެޑް ވިކްޓަރީ ޓީމު އެއްކޮށް މަސައްކަތްކުރަނީ ޓާގެޓެއް އެޗީވްކުރަން ކަމެއް އޭނާ އާށް އެއްގޮތަކަށް ނުފެންނަ ކަމަށެވެ.

"ކޮންމެސް ޑިޕާޓްމަންޓެއް އެބަލެވޭ ލެކްވޭ ފަންކްޝަން ކުރުމުގައި. (ކްލަބުގައި އޮތް) މާހައުލަކީ ކޯޗެއްގެ ހައިސިއްޔަތުން ޒިންމާ ނަގައިގެން މުޅި ޕަބްލިކުގައި ޓީމެއް ގޮވައިގެން ނުކުމެ މަސައްކަތްކުރާ ކަހަލަ އެންވާރަމަންޓެއް ކަމަށް ގަބޫލުނުކުރެވޭތީ އިސްތިއުފާ ދިނީ."

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗުކަމާއި ގައުމީ ފިރިހެން ޓީމުގެ އެސިސްޓަންޓް ކޯޗުކަން ކޮށްފައިވާ އާތީ ބުނީ މިވަގުތު ކުޑަ ބްރޭކެއް ނަގާނެ ކަމަށާއި ކުރިމަގުގައި މަސައްކަތްކުރާނެ ދިމާލެއް އަދި ނުނިންމާ ކަމަށެވެ.

ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ބީ ޓީމުގެ ގޮތުގައި މަޝްހޫރުވި ޔުނައިޓެޑް ވިކްޓަރީ ފުރަތަމަ ޑިވިޝަނަށް އެރީ މިދިޔަ އަހަރެވެ. އެ ޓީމަކީ ޒަމާނުއްސުރެ ދެ ވަނަ ޑިވިޝަނުގައި ވާދަކުރަމުން އައި ޓީމެކެވެ.