14 ޖުލައި 2025 - 21:45
މެންޗެސްޓާ (ޖުލައި 14) - މީގެ ދެ އަހަރު ކުރިން މެންޗެސްޓާ ޔުނައިޓެޑުން ދޫކޮށްލި ކޮންގޯގެ ޑިފެންޑަރު އަކްސެލް ޓުއަންޒެބޭ، އެ ކްލަބުން އޭނާ އަށް ސިއްހީ ލަފާ ދިނުމުގައި އިހުމާލު ވެފައިވާކަމަށް ބުނެ، އެ ކްލަބާ ދެކޮޅަށް ދައުވާކޮށްފި އެވެ.
އިޕްސްވިޗް ޓައުންގެ ކޮންޓްރެކްޓް ހަމަވުމުން މި މަހުގެ ކުރީކޮޅު، ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ބާންލީއަށް ބަދަލުވި އުމުރުން 27 އަހަރުގެ ޑިފެންޑަރު ވަނީ މިދިޔަ ހަފްތާ، ހައި ކޯޓުގައި ޔުނައިޓެޑާ ދެކޮޅަށް ދައުވާ އުފުލައިފަ އެވެ.
ޓުއަންޒެބޭ 2023 ވަނަ އަހަރު ޔުނައިޓެޑް ދޫކޮށްލި އިރު، ފަހު ސީޒަން ކަމަށްވާ 2022/2023 ގައި އޭނާ ވަނީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި 195 ދުވަސް ހޭދަ ކޮށްފަ އެވެ. އަދި ސީޒަންގެ ފަހު ކޮޅު ވަނީ ލޯނު އެއްބަސްވުމެއްގައި ޗެމްޕިއަންޝިޕްގެ ސްޓޯކް ސިޓީއަށް ކުޅެފަ އެވެ. ސްޓޯކްގައި އޭނާ ކުޅިނީ ޖުމްލަ ފަސް މެޗެވެ.
ޓުއަންޒެބޭ ދައުވާ ކޮށްފައި ވަނީ ޖުލައި 2022 އިން ފެށިގެން އޭނާގެ ފަރުވާގެ ކަންކަމުގައި ޔުނައިޓެޑުން އިހުމާލު ވެފައިވާ ކަމަށް ބުނެ އެވެ. އަދި ބަދަލުގެ ގޮތުގައި އެއް މިލިއަން ޕައުންޑަށް ވުރެ ބޮޑު އަދަދެއް އޭނާ ޑިމާންޑް ކޮށްފައިވާ ކަމަށް މީޑީއާ ރިޕޯޓްތައް ބުނެ އެވެ.
އުމުރުން އަށް އަހަރުގައި މެންޗެސްޓާ ޔުނައިޓެޑާ ގުޅުނު ކުޅުންތެރިޔާ ވަނީ ހުރިހާ އުމުރުފުރާއަކާއި ސީނިއާ ޓީމުގައި ވެސް ކެޕްޓަންކަން ކޮށްފަ އެވެ. އޭނާ ޔުނައިޓެޑްގެ ސީނިއާ ޓީމަށް ކުޅެން ފެށީ 2017 ވަނަ އަހަރެވެ. ޔުނައިޓެޑާ އެކު އަށް އަހަރު ހޭދަ ކުރި އިރު، ގިނަ އަނިޔާތަކެއް ކުރިމަތިވި ކުޅުންތެރިޔާ ހިލޭ ޓްރާންސްފާގައި އިޕްސްވިޗަށް ބަދަލުވީ ޔުނައިޓެޑަށް ޖުމްލަ 37 މެޗު ކުޅެދީފަ އެވެ.
ޓުއަންޒެބޭއަށް އަނިޔާގެ މައްސަލަ ދިމާވާން ފެށީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހު، ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގެ ވޯމްއަޕްގައި، އުނަގަނޑަށް އަނިޔާވި ހިސާބުންނެވެ. އަދި ޖެހިގެން އައި ސީޒަންގެ ކުރީކޮޅު ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ގިނަ މެޗުތަކެއް އޭނާއަށް ގެއްލުނެވެ.
ޔުނައިޓެޑަށް ކުޅުނު މުއްދަތުގައި އޭނާ ވަނީ ސްޓޯކްގެ އިތުރުން ލޯނު އުސޫލުން އެސްޓަން ވިލާއަށް ތިން ސީޒަން އަދި ނަޕޯލީއަށް ވެސް ކުޅެފަ އެވެ.
ކަނާތު ބެކަށް ކުޅޭ ކުޅުންތެރިޔާ ޔުނައިޓެޑަށް އެންމެ ފަހުން ކުޅެދީފައި ވަނީ 2021 ވަނަ އަހަރުގެ ޔޫރޮޕާ ލީގުގެ ފައިނަލް މެޗުގަ އެވެ. ފައިނަލްގެ ޕެނަލްޓީ ޝޫޓައުޓްގައި އޭނާގެ ޕެނަލްޓީ ކާމިޔާބު ކުރި ނަމަވެސް ޝޫޓައުޓްގައި ޔުނައިޓެޑް ވަނީ 11-12 އިން ބަލިވެފަ އެވެ.
ދެ ސީޒަންގައި ޓުއަންޒެމޭ ވަނީ އިޕްސްވިޗަށް ޖުމްލަ 45 މެޗު ކުޅެދީފަ އެވެ. އިޕްސްވިޗްގައި ވެސް އޭނާ އަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. މިދިޔަ ސީޒަންގައި އޭނާ ތަށި ދޮންނަން އުޅުމުގެ ތެރޭގައި ބޮޑުވައި އިނގިލި ކަނޑައިގެން ގޮސްގެން ސާޖަރީއެއް ހަދަން ޖެހި ހަތަރު މެޗެއް ގެއްލިފައި ވާއިރު، ހޭމްސްޓްރިންގް އަނިޔާއަކާ ގުޅިގެން ދޮޅު މަސް ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ.
ކުރިން އިގިރޭސި 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިޔާ އަންނަނީ ސީނިއާ ލެވެލްގައި އޭނާގެ އުފަން ގައުމު، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ ތަމްސީލު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޫޫޔުނައިޓެޑް
15 July 2025
ޚަބަރު ކިޔާ ނިމުނު އިރުވެސް ދައުވާ ކުރާ ސަބަބެއް ނެށް. ކުޅުމުގަ އަނިޔާވުން އެއީ ސަބަބެއް ނޫން ދޯ