ފަސް ކުޅުންތެރިން ބާކީކޮށް ގައުމީ ސްކޮޑު ފައިނަލްކޮށްފި

ފަލަސްތީނާ ދެކޮޅަށް މާދަމާރޭ އޭޝިއަން ކަޕް ކޮލިފައިންގައި ކުޅޭ މެޗަށް ނެގި ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑު ފަސް ކުޅުންތެރިން ބާކީކޮށް ފައިނަލްކޮށްފި އެވެ.


ސްކޮޑުން ބާކީކުރީ ގްރީން ސްޓްރީޓްސްގެ މުހައްމަދު ނިޒާމް، މާޒިޔާގެ ގާސިމް ސައްމާމް (ސައްމެ)، ވެލެންސިއާގެ ކީޕަރު ހަސަން ތޮލާލް، އީގަލްސްގެ އަހްމަދު ޒާދު އަދި އެޓީމުގެ ރިހާމް އަބްދުލްގަނީ (ބޮބީ) އެވެ.

މީގެ ތެރެއިން ޒާދު އަކީ މީގެ ކުރިން ފައިނަލް ސްކޮޑުގައި ހިމެނުނު ކުޅުންތެރިއެކެވެ. މިދިޔަ ސީޒަނުގައި އީގަލްސް އަށް މޮޅު ކުޅުމެއް ދެއްކި ޒާދު ވަނީ މި ސީޒަނުގައި ވެސް ރަނގަޅުކުޅުމެއް ދައްކައިފަ އެވެ. އޭނާ ވަނީ 2015 ވަނަ އަހަރު ކޮލިފައިންގައި ގަތަރާ ދެކޮޅަށް ރަށުންބޭރުގައި ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި ވެސް ކުޅެފަ އެވެ.

މާޒިޔާ އަށް ކުޅެމުން އަންނަ ސައްމެ ވެސް ވަނީ މީގެ ކުރިން ފައިނަލް ސްކޮޑުން ޖާގަ ހޯދައިފަ އެވެ.

ފައިނަލް ސްކޮޑުން މުޅި އަލަށް ޖާގަ ހޯދި ކުޅުންތެރިންނަކީ ޓީސީ ސްޕޯޓްސް ކްލަބާ އެކު ޝެއިޚް ކަމާލް ގޯލްޑް ކަޕް ކާމިޔާބުކުރި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، މުހައްމަދު އައްޒާމާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ)، ގްރީން ސްޓްރީޓްސްގެ މުހައްމަދު ސާއިފްގެ އިތުރުން އީގަލްސްގެ ކީޕަރު މުހައްމަދު ޝަފީއު އެވެ.

މީގެ ތެރެއިން އިއްބެ އާއި ސާއިފް ވަނީ މީގެ ކުރިން ޒުވާން ގައުމީ ޓީމަށް ކުޅެފަ އެވެ.

ގައުމީ ޓީމުގެ ފައިނަލް ސްކޮޑް

ގޯލްކީޕަރުން: މުހައްމަދު އިމްރާން (ވިކްޓަރީ)، މުހައްމަދު ފައިސަލް (ވެލެންސިއާ)، މުހައްމަދު ޝަފީއު (އީގަލްސް)

ޑިފެންޑަރުން: އަމްދާން އަލީ (މާޒިޔާ)، ސަމޫހު އަލީ (މާޒިޔާ)، މުހައްމަދު ރަޝީދު - ހޮކޭ (ނިއު)، އަހުމަދު އަބްދުﷲ - ލިލީ (ނިއު)، މުހައްމަދު ސާއިފް (ގްރީން ސްޓްރީޓްސް)، ހިސާމް ސަލީމް (ވެލެންސިއާ)، މުހައްމަދު އައްޒާމް (ޓީސީ)، ޝާފިއު އަހުމަދު (ވެލެންސިއާ).

މިޑްފީލްޑަރުން: އަސްހަދު އަލީ - އަޑުބަރޭ (މާޒިޔާ)، މުހައްމަދު އުމެއިރު (މާޒިޔާ)، ޔަސްފާދު ހަބީބް - މުލަކޭ (މާޒިޔާ)، އިމްރާން ނަޝީދު (އީގަލްސް)، އިބްރާހިމް ވަހީދު ހަސަން (ޓީސީ)، އިސްމާއިލް އީސާ - ވިކްޓަރީ.

ފޯވާޑުން: އަސަދުﷲ އަބްދުﷲ (މާޒިޔާ)، އަހުމަދު އިމާޒް - އާއްކޮ (މާޒިޔާ)، ނާއިޒް ހަސަން - ދާދު (ޓީސީ)، ހުސެއިން ނިޔާޒް މުހައްމަދު - ބޮކުރީ (މާޒިޔާ)، އިބްރާހިމް މަހުދީ - ޓީސީ، އަލީ ފާސިރު - ސެންޓޭ (ނިއު)، ހަމްޒާ މުހައްމަދު - ހަމްޕު (ނިއު).