މިނިވަން ޗެމްޕިއަންޝިޕް ފަހު ބުރު ބާއްވަން ހަ ރަށަކުން ބިޑްކޮށްފި

މިނިވަން ޗެމްޕިއަންޝިޕްގެ ފަހު ބުރު ބާއްވަން ހަ ރަށަކުން ބިޑްކޮށްފައިވާ ކަމަށާއި ބާއްވާނެ ދެ ރަށެއް ވަރަށް އަވަހަށް ކަނޑައަޅާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.


މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން ބުރުގެ ކުޅުން ނިމިފައިވާއިރު، ދެން އޮތީ މުބާރާތުގެ ފަހު ބުރެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ބުރުގެ މެޗުތައް މިދިޔަ އަހަރެކޭ އެއްގޮތަށް ދެ ރަށެއްގައި ބޭއްވުމަށް އެފްއޭއެމުން ވަނީ ނިންމައިފަ އެވެ.

ފަހު ބުރު ބޭއްވުމަަށް ބިޑްކޮށްފައިވާ ރަށްތަކަކީ މިދިޔަ އަހަރު ފަހު ބުރު ބޭއްވި ދެ ރަށް ކަމަށްވާ ތ. ތިމަރަފުށްޓާއި ދ. ކުޑަހުވަދޫގެ އިތުރުން ސ. ފޭދޫ، ބ. އޭދަފުށި، ގދ. ތިނަދޫ އަދި ހދ. ކުޅުދުއްފުއްޓެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) މިއަދު "މިހާރަ"ށް ވިދާޅުވީ ފަހު ބުރު ބާއްވާނެ ރަށެއް ކަނޑައެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށެވެ.

"މިހާރު އަޅުގަނޑުމެންގެ ޓީމެއް މިދަނީ އެ ރަށްތަކަށް ދަތުރުކުރަމުން. އެއީ ބަލަން ޖެހޭ ކަންތައްތައް ބެލުމަށް. އުއްމީދުކުރަނީ ހަފްތާއެއްގެ ތެރޭގައި ބާއްވާނެ ދެ ރަށެއް ކަނޑައެޅިގެންދާނެކަމަށް،" ޖަވާ ވިދާޅުވި އެވެ.

ރާޢްޖޭގެ ފުޓްބޯޅަ މުބާރާތުގެ ފޯމެޓަށް ގެނެވުނު ބަދަލާ އެކު މިނިވަން ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށްދާ ހަތަރު ޓީމަކަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ލީގު ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ދޭން އެފްއޭއެމުން ވަނީ ނިންމައިފަ އެވެ.

އެފްއޭއެމުން ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން 2015 ވަނަ އަހަރު ހޯދި ސ. ފޭދޫ ޓީމަށް މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި ވާދަކުރުމުގެ ފުރުސަތު ދީފަ އެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ ޗެމްޕިއަން އޭދަފުއްޓަށް މި އަހަރުގެ ފުރުސަތު ނުދިނީ ފޯމެޓަށް ގެނައި ބަދަލުގެ ސަބަބުންނެވެ.

ފަހު ބުރުގައި ވާދަކުރާ ޓީމުތަކަކީ ހދ. ކުޅުދުއްފުށި، ބ. އޭދަފުށި، ތ. ތިމަރަފުށި، ށ. މިލަންދޫ، އއ. މާޅޮސް، ދ. ކުޑަހުވަދޫ، ގދ. ތިނަދޫ އަދި ސ. ފޭދޫ އެވެ.

މިނިވަން ޗެމްޕިއަންޝިޕް ފައިނަލް ބުރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހު ފަސް ވަނަ ދުވަހު އެވެ.