ކުޅިވަރު / ބ. އޭދަފުށި

ގައުމީ ފުޓްބޯޅަ ޓީމުގެ ދޮރު ހުޅުވާލި އޭދަފުށީ ވާހިދު

އަބްދުލްވާހިދު ހުސެއިން: އޭދަފުށި ފަހުރުވެރިވާ ކުޅުންތެރިއެއް. --ފޮޓޯ: އޭދަފުށީ ޓައިމްސް

ބ. އޭދަފުށީ ސަލްސާ ރިޓްރީޓުން،  މުހައްމަދު ހަމްދޫން، މިހާރު

21 ޖުލައި 2017 - 11:25

3 comments

"މި ފަހަރު ގައުމީ ޓީމުގެ ބެކަށް ކުޅެން ޖެހޭނީ ވާހިދު،"

ބ. އޭދަފުށީ ޓީމުގެ އިތުބާރު ޑިފެންޑަރު އަބްދުލްވާހިދު ހުސެއިން ގާތު 1991 ވަނަ އަހަރުގެ ސާފް ގޭމްސްގެ ކުރިން ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ކޯޗު އަބްދުލްޖަލީލް (އަބުޖީ) ބުންޏެވެ. އޭނާ ހިތްވަރު ދިނަސް ގައުމީ ޓީމުން ފުރުސަތެއް ލިބިދާނެ ކަމަށް ވާހިދު ގަބޫލެއް ނުކުރެ އެވެ. އެ ދުވަސްވަރު ފުޓްބޯޅައިގެ ކަންކަން ހުރި ގޮތުން މާލޭން ބޭރުގެ ކުޅުންތެރިންނަށް އެއީ މާ ފަހި ފުރުސަތެއް ނޫނެވެ.

ރޭވަންސްގެ ދެ ނަމްބަރު ޓީމު އަތުން 1984 ވަނަ އަހަރު ދެ ވަނަ ޑިވިޝަނުގެ ފައިނަލުން ބަލިވި ނަމަވެސް ޖެހިގެން އައި އަހަރު، ހާމިދު އަބްދުލްޣަފޫރުގެ ކެޕްޓަންކަމުގެ ދަށުން ކުޅުނު ޔުވެންޓަސް އަތުން 1-0 އިން މޮޅުވެ ތަށި ހޯދައި ފުރަތަމަ ޑިވިޝަނުން އޭދަފުށި ޖާގަ ހޯދީ ދިވެހި ފުޓްބޯޅައަށް މެސެޖްތަކެއް ދެމުންނެވެ. ވާހިދާއި އަބްދުލްމަޖީދު ހަސަން ފަދަ ހުނަރުވެރި ކުޅުންތެރިންނާ އެކު އޭދަފުށިން ފުޓްބޯޅައަށް ތަފާތުތަކެއް ގެނުވާނެ ކަމަށް އޭރު ވެސް އޮތީ ބެލެވިފަ އެވެ. އެ ކުޅުންތެރިންގެ އުއްމީދުތައް ވެސް ހުރީ މަތީގަ އެވެ. ފުރަތަމަ ޑިވިޝަނުގައި 1986 ގައި ކުޅެން ފެށީއްސުރެ ވާހިދުގެ އުއްމީދަކީ ކޮންމެވެސް ދުވަހަކު ގައުމީ ފުޓްބޯޅަ ޓީމުން ޖާގައެއް ހޯދުމެވެ.

"އެކަމަކު އަޅުގަނޑުގެ ޒަމީރު ގަބޫލެއް ނުކުރޭ ފުރުސަތު ލިބިދާނެ ކަމަށް. އެ ދުވަސްވަރު ފުޓްބޯޅައިގެ ކަންތައްތައް ހުރި ގޮތުން މާލޭން ބޭރުގެ ކުޅުންތެރިއަކަށް ފުރުސަތު ލިބުމަކީ މުސްތަހީލު ކަމެއް. ވުމަށް ވުރެ ނުވުން ގާތް ކަމެއް އޭރު އެއީ،" ވާހިދު ބުންޏެވެ.

އެކަމަކު ވާހިދު ދައްކަމުން އައި މޮޅު ކުޅުމާ އެކު މަންޒަރު ބަދަލުވި އެވެ. ކޮލަމްބޯގައި 1991 ވަނަ އަހަރު ބޭއްވި ސާފް ގޭމްސް އަށް ހަންގޭރީގެ މިކޮލަސް ޓެމިސްވާރީ ނެގި ސްކޮޑުން ވާހިދަށް ޖާގައެއް ލިބުނެވެ. އެއީ އެދުވަސްވަރު ވަރަށް ބޮޑު ކަމެކެވެ. އޭދަފުށްޓަށް ވެސް ލިބުނު ބޮޑު އުފަލެކެވެ. އިނގިރޭސި ރާނީ އެލިޒަބަތުގެ ޝަރަފުގައި 1972 ގައި އިނގިރޭސި މަނަވަރު ޓީމާ ދެކޮޅަށް ކުޅެން މުޅި ރާއްޖޭން ނެގި ޓީމުގައި އޭދަފުށީ ކުޅުންތެރިއަކު ހިމެނުނު ނަމަވެސް، ރަސްމީކޮށް ގައުމީ ޓީމެއް އެކުލަވާލެވި އެ ޓީމުގައި ހިމެނުނު އޭދަފުށީގެ ފުރަތަމަ ކުޅުންތެރިއަކީ ވާހިދެވެ.

"ވަރަށް އެހެން ކަހަލަ އިހުސާސެއް ކުރެވުނީ. ވަރަށް ބޮޑަށް އުއްމީދުކޮށްގެން ހުރި އެކަމަކު ވެދާނެ ކަމަށް އަމިއްލަ ނަފުސަށް ވެސް ގަބޫލުނުކުރެވި ހުރި ކަމެއް ހާސިލްވީ އެ ފަހަރު،" ވާހިދު ބުންޏެވެ.

ކްލަބް ވެލެންސިއާގެ ކުރީގެ މެނޭޖަރު އަހުމަދު މުހައްމަދު (ދޮނާ) ބުނީ ވާހިދަށް ކޯޗު ޓެމިސްވާރީ ގައުމީ ޓީމުން ފުރުސަތު ދިނީ ވެސް ސީދާ ކޯޗަށް އޭނާގެ ކުޅުން ފާހަގަވެގެން ކަމަށާއި ވާހިދަކީ އެދުވަސްވަރުގެ ނިސްބަތުން ރާއްޖޭގައި އުފެދުނު މޮޅު ޑިފެންޑަރެއް ކަމަށެވެ.

ވާހިދު ހަމައެކަނި ޓީމުގައި ހިމެނުނީއެއް ނޫނެވެ. އޭރު ރާއްޖޭގެ މައްޗަށް ގަދަވެގެންވެފައި އޮތް ސްރީ ލަންކާ އަމިއްލަ ބިމުގައި ބަލިކޮށް ރާއްޖޭން ފައިނަލަށް ގޮސް، ފައިނަލުގައި ޕާކިސްތާން އަތުން ބަލިވި ނަމަވެސް ފުރަތަމަ ފަހަރަށް ފުޓްބޯޅައިން ރިހި މެޑެއްޔެއް ހޯދިއިރު ވާހިދު ވަނީ ފުރަަތަމަ 11 ގައި ވެސް ކުޅެފަ އެވެ. ރާއްޖޭގެ ދިފާއީ ފާރު ބެލެހެއްޓުމުގައި މުހިއްމު ދައުރެއް އޭނާ އަދާކުރި އެވެ.

ފައިނަލުގައި ޕާކިސްތާނާ ދެކޮޅަށް ނުކުތް ރާއްޖޭގެ ފުރަތަމަ 11:

އަބްދުލް ވާހިދު ހުސެއިން، ދޮންބިލެތް އަހުމަދު ހަލީމް، އަހުމަދު ނިޔާޒް، އަހުމަދު ޝާހިދު (ސާބެ)، އިބްރާހިމް ހަލީމް (ގުރާ އިއްބެ)، އިބްރާހިމް ހަމީދު (ލެއްބެ)، އިބްރާހިމް ނަސީމް، އިސްމާއިލް އާސިފް (ކުޑަހީނާ)، މޫސާމަނިކު (ކުޑަމޫސަ)، މައުރޫފް އަހުމަދު (މާއްޓޭ)، މުހައްމަދު ކަލީމް.

ފައިނަލް މެޗުގެ 82 ވަނަ މިނެޓާ ހަމައަށް ލަނޑެއް ވަނަނުދީ ރާއްޖޭން ހިފެހެއްޓިއިރު ޕާކިސްތާން މޮޅުވީ 82 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއޔާ ގާޒީ މުހައްމަދު އަޝްފާގް އަދި 88 ވަނަ މިނެޓުގައި މުހައްމަދު ނައުމާން ޖެހި ލަނޑުތަކުންނެވެ.

ވާހިދު ގަބޫލުކުރާ ގޮތުގައި އެއީ ރާއްޖެ އަށް މޮޅުވެވިދާނެ މެޗެކެވެ. ޑިފެންސަށް ކުދިކުދި ގޯސްތަކެއް ހެދިގެން ދިޔައިރު، އިސްމާއިލް އާސިފް (ކުޑަހީނާ) އާއި ކުޑަމޫސަ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވުނީ އެވެ. އެކަމަކު ޝަކުވާއެއް ނެތެވެ. ރިހި މެޑެއްޔަކީ އޭރު ރާއްޖެ އަށް ފުޓްބޯޅައިން ލިބުނު ބޮޑު ތަށްޓެކެވެ. އޭދަފުށްޓަށް އެއުފާވެރިކަން އިތުރުވީ އެ ރަށުގެ ކުޅުންތެރިއަކު އެ ކާމިޔާބީގައި ހިއްސާވުމުންނެވެ.

"ރަށުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް އެއީ. ރަށަށް އައުމުން ވަރަށް ހޫނު މަރުހަބާއެއްކީ،" ވާހިދު ބުންޏެވެ.

ވާހިދު (ކ) 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ތަށި ރާއްޖޭން ކާމިޔާބުކުރިއިރު ކެޕްޓަންކަން ކުރި އައްސަދާ އެކު ސަލްސާ ރިޓްރީޓުގައި. --ފޮޓޯ: މުހައްމަދު ހަމްދޫން/ މިހާރު

އެއީ ދިވެހި ފުޓްބޯޅައަށް އިންގިލާބީ ބަދަލުތަކެއް އައި އަހަރެކެވެ. މުސާރަ ދީގެން ކުޅުންތެރިން ކްލަބްތަކަށް ބަދަލުވާން ފަށައި ސެމީ ޕްރޮފެޝަނަލް ފުޓްބޯޅަ ތައާރަފްވީ އެ ކާމިޔާބަށް ފަހު ޖެހިގެން އައި 1992 ގަ އެވެ. އެކަމަކު އެ އަހަރު އެހެން ބޮޑު ބަދަލެއް ވެސް ފެނުނެވެ. ދިވެހި ފުޓްބޯޅައިގެ މަތީ ފަޑިން އަތޮޅުތަކުގެ ކުޅުންތެރިންނަށް ޖާގަ ލިބެން ފެށުމެވެ.

އޭގެ ތިން އަހަރު ފަހުން 1994 ވަނަ އަހަރު ޖޫނިއާ ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރަން ދިޔައިރު ކ. ހުރާ އިން ވަނީ އެ ރަށުގެ ޒުވާން ކުޅުންތެރިންތަކެއް ޓީމުގައި ހިމަނުވާފަ އެވެ. ރާއްޖޭން 1997 ގައި ސާފް ޗެމްޕިއަންޝިޕުގެ ދެ ވަނަ ހޯދިއިރު މުހިއްމު ދައުރެއް އަދާކުރި ހުއްރިއްޔާގެ މައުސޫމް އަބްދުލްގަފޫރު (މާސޭ) އާއި އަބްދުﷲ އިބްރާހިމް (ހުރާ އަބުޅޯ) އާއި އަލީ ޝިހާމް ފަދަ ކުޅުންތެރިންނަކީ، އޭގެ ތިން އަހަރު ކުރިން ޖޫނިއަ ޓީމުގައި ހިމެނުނު ކުޅުންތެރިންނެވެ.

"އޭދަފުށީގެ ކުޅުންތެރިން އޭރު މަތީ ފެންވަރުގައި ކުޅެ އަދި ގައުމީ ޓީމުން ވެސް ފުރުސަތު ހޯދަން ފެށީމާ ފުޓްބޯޅަ އެސޯސިއޭޝަނަށް ވެސް އޭރު ގަބޫލުކުރެވުނު އަތޮޅުތެރޭގައި ފުޓްބޯޅައިގެ ހުނަރު އެބައޮތްކަން،" ވާހިދު ބުންޏެވެ.

"އޭގެ ފަހުން ނުދޭ ގައުމީ ޓީމުގައި އަތޮޅުތަކުގެ ގިނަ އަދަދެއްގެ ކުޅުންތެރިން ނުހިމެނިއެއް. ހާއްސަކޮށް އަބަދުވެސް އޭދަފުށީގެ ދެ ތިން ކުޅުންތެރިން ހިމެނޭނެ."

ފުޓްބޯޅައިން ރާއްޖެ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށްވާ 2008 ގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ ކާމިޔާބުކުރި ހުރިހާ މެޗެއްގެ ފުރަތަމަ 11 ގައި އޭދަފުށީގެ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު ޖަމީލާއި މުހައްމަދު ސިފާން (ކުޑައްޓެ) ހިމެނުނެވެ. އަދި 2004 ގައި ގަދަފަދަ ދެކުނު ކޮރެއާއާ ލަނޑެއް ނުޖެހި މާލޭގައި އެއްވަރުކުރިއިރު ވެސް ޖަމީލަކީ ޓީމުގެ ފަހަތުގެ މައި ތަނބެވެ.

"ރަން މެޑަލް ލިބުނު ޓީމުގައި މި ރަށުގެ ކުޅުންތެރިން ހިމެނުމުން ވަރަށް އުފާވި. އެއާ އެކު މާޔޫސް ވެސް ވި އަޅުގަނޑަށް ވެސް ރަން މެޑަލް ހޯދަން ފުރުސަތު ލިބި އެކަން ނުވުމުން،" ވާހިދުމެން ރިހި މެޑަލް ހޯދި ސްޓޭޑިއަމް ކަމަށްވާ ކޮލަމްބޯގެ ސުގަތަދާސަ ސްޓޭޑިއަމުގައި އިންޑިއާ 1-0 އިން ބަލިކޮށް ރާއްޖޭން ތަށި ހޯދި މެޗުގެ ހަނދާންތައް އޭނާ އާކުރި އެވެ.

ކްލަބް ލެގޫންސަށް ވެސް ކުޅުމަށް ފަހު 1996 ގައި ކުޅުން ހުއްޓާލި ނަމަވެސް މިއަދާ ހަމައަށް ވެސް އޭނާ އަންނަނީ ފުޓްބޯޅައަށް ހިދުމަތްކުރަމުންނެވެ. ރަށުގައި ބާއްވާ މުބާރާތްތަކުގައި ކޯޗުކޮށްދިނުމުގެ އިތުރުން 2007 ވަނަ އަހަރުން ފެށިގެން ކުރީގެ ކުޅުންތެރިންގެ ޓީމެއް އެކުލަވާލައި އެ ޓީމުގެ ކަންކަމުގައި އަންނަނީ އިސްކޮށް ހަރަކާތްތެރިވަމުންނެވެ. މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ އަހަރު މެލޭޝިއާގައި ބާއްވާ ވެޓްރަންސް މުބާރާތަށް އޭދަފުށީ ވެޓްރަންސް ކްލަބް ގެންދިއުމަށެވެ.

އޭދަފުށީގައި ސަލްސާ ރިޓްރީޓް ރެސްޓޯރެންޓް ހުޅުމުގެ މުނާސަބަތުގައި ސޮކާމޭޓްސް ވެޓްރަންސް ކްލަބާއި އޭދަފުށީ ކުރީގެ ކުޅުންތެރިން މިއަދު ކުޅޭ މެޗުގައި އޭނާ ކުޅުންތެރިއެއްގެ ގޮތުންނާއި ކޯޗެއްގެ ގޮތުން ފެންނާނެ އެވެ. އޭދަފުށީ ޓީމުން ފުރަތަމަ ޑިވިޝަނުގައި ވާދަކުރިއިރު ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވި އަބްދުލްޣަނީ މުހައްމަދުގެ ބޭފުޅެއް ކަމަށްވާ ސަލްސާ އިބްރާހިމް އާމިރު މި ރަށުގައި ހެދި ރެސްޓޯރެންޓް ހުޅުވުމުގެ ގޮތުން ކުރީގެ ކުޅުންތެރިންގެ މެޗެއް ކުޅުމަކީ ވެސް، ފެނަކައިގައި މިހާރު ވަޒީފާ އަދާކުރާ އުމުރުން 50 އަހަރުގެ ވާހިދު އުފަންކުރުވި ހިޔާލެކެވެ.

ފުޓްބޯޅައިގެ ވާހަކައެއް ވެއްޖެއްޔާ 10 މިނެޓު ކީއްކުރަން 10 ގަޑިއިރު ވެސް ދެއްކިދާނެ ކަމަށް "މިހާރު"ގެ ނޫސްވެރިން ގާތު އޭނާ ބުނި ބުނުމުން ފުޓްބޯޅައާ މެދު ހިތުގައި އޮތް ލޯބި ހާމަވެ އެވެ. މިއަދުގެ މެޗު ރޭވުމާއި އެހެނިހެން އިންތިޒާމްތަކުގައި ވެސް އޭނާ ފޯރިއާއާ އެކު އެ އުޅޭ އުޅުމުން އެކަމަށް ހެކިވެ އެވެ.

ރިހި މެޑަލް ހޯދި ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ދިވެހި ފުޓްބޯޅައިގެ ތާރީހުން އޭނާ ޖާގަ ހޯދި ނަމަވެސް މިއަދު އޭނާ އެންމެ ފަހުރުވެރިވަނީ އޭދަފުށްޓާއި އަތޮޅު ފުޓްބޯޅައިގެ މަލަމަތި ބަދަލުކުރުމުގައި ހިއްސާވެވުމުންނެވެ. އޭނާ މީގެ 26 އަހަރު ކުރިން ގައުމީ ޓީމުގައި ހުޅުވި ދޮރުން އެތައް ކުޅުންތެރިންތަކެއް ވަދެ، ގައުމު ފަހުރުވެރިކޮށްދީފި އެވެ.

3 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 97%
icon sad icon sad 3%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަބްދުﷲ ޝަރީފް

23 July 2017

ވާޙިދަކީ ވަރަށް މޮޅޫ ކުޅުންތެރިއެއް. ރ.މީދޫ ޖަމްޢިއްޔަތުއްޞަލާޙްގެ ފުޓްބޯޅަ ޓީމުން 1994 ވަނަ އަހަރުގެ އަތޮޅު މުބާރާތް ކާމިޔާބުކުރި އިރު ޓީމުގެ ފަހަތް ބެލެއްޓީ ޢަބްދުލް ވާޙިދެވެ. އެ މުބާރާތުންވެސް ވާޙިދު ޑިފެންސްގެ ވަރުގަދަކަން އަޅުގަނޑުމެންނަށް ފެނިގެން ދިޔައެވެ. އަދި އަޅުގަނޑަށްވެސް އެމުބާރާތުގައި ވާޙިދާައިއެކު ކުޅޫމުގެ ފުރުޞަތު ލިބުމުން މިހާރުވެސް އެކަމަށްޓަކައި ވަރަށް އުފާވެއެވެ. ވާޙިދަކީ ކުޅޫންތެރިނަނާއި ވަރަށް ގުޅޭ ވަރަށް ވަރަށް ޑިސިޕްލިން ރަނގަޅޫ ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވުނެވެ.

The name is already taken The name is available. Register?

ބޯޅަ ހަދާން

21 July 2017

ތީ'އޭދަފުށީ ބޮޑު ބެކް'

The name is already taken The name is available. Register?

އައިއޭމް

21 July 2017

ގައުމީ ފުޓްބޯޅަ ޓީމުގެ ދޮރު ހުޅުވާލި އޭދަފުށީ ވާހިދު ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުނު ކަން އެއީ އުފާވެރި ކަން ގެނެސް ދޭނެ ކަމެކެވެ. އަދި އޭގެ އިތުރުން ވާހިދަކީ ވާހިދުގެ ފުޓްބޯޅައިގެ ހިސްޓްރީގައި ރަތް ކާޑު މަދު ވެލް ޑިސިޕްލިންޑް ކުޅުން ތެރި އެއް ކަން އެއީ ފާހަގަ ކުރަން ޖެހޭ ކަމެކެވެ. އަދި ވާހިދަކީ ބަޔެއް އެހެން ފުޓްބޯޅަ ކުޅުން ތެރިން ގޮތަށް ޑްރަގް ގެ ވަބާގައި ޖެހިގެން ގޮސްފައިވާ މީހެއް ނޫން ކަން ފާހަގަ ކުރެވެއެވެ. ވާހިދު ކުޑަ މޫސާ އަދި އަލީވަހީދު މީ އެގޮތުން ވަރަށް ފާހަގަ ކޮށްލެވޭ ކުޅުން ތެރިންނެވެ. ވާހިދުމެންގެ ފުޓްބޯޅައިގެ ހިސްޓްރީ އެއީ މިއަދު ސްކޫލް ތަކުގައި ފުޓް ބޯޅަ ކުޅެން ދަސްކުރާ ކުދިން ނަށް ވެސް އިނގެން ޖެހޭނެ ހިސްޓްރީ އެކެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454