އޮމާން އަތްދަށުވެ ރާއްޖެ އަށް އަމިއްލަ ބާރު ގެއްލިއްޖެ

އޭޝިއަން ކަޕް ކޮލިފައިންގައި މިރޭ މާލޭގައި އޮމާން އަތުން 3-1 އިން ބަލިވެ ޔޫއޭއީގައި 2019 ވަނަ އަހަރު އޮންނަ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އަމިއްލަ ބާރު ރާއްޖެ އަށް ގެއްލިއްޖެ އެވެ.


ކޮންމެ ގްރޫޕަކުން ދެ ޓީމު ކޮލިފައިވާއިރު، ކޮލިފައިން ގްރޫޕް ޑީގެ އެއް ވަނައިގައި، ކުޅުނު ހަތަރު މެޗުން މޮޅުވެގެން، އޮތީ 12 ޕޮއިންޓާ އެކު ފަލަސްތީނެވެ. ފަލަސްތީން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މިރޭ 10-0 އިން ބޫޓާން ބަލިކޮށްފަ އެވެ.

މިރޭގެ މޮޅާ އެކު އޮމާން ވަނީ ދެ ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެ ޓީމަށް ހަތަރު މެޗުން ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ. ރާއްޖެ އަށް ހަތަރު މެޗުން ލިބުނީ ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ބޫޓާނަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ރާއްޖެ އަށް ކޮލިފައިންގެ އަމިއްލަ ބާރު ގެއްލުނީ މިރޭގެ މެޗުން ޕޮއިންޓެއް ވެސް ނުހޯދުމުންނެވެ. ރާއްޖެ އަށް ދެން ފުރުސަތު ލިބޭނީ އޮމާން ދެން ކުޅޭ ދެ މެޗުން ބޫޓާނާއި ފަލަސްތީނު އަތުން ބޮޑު ތަފާތަކުން ބަލިވެ، ރާއްޖެ ކުޅޭ ދެ މެޗުން ބޫޓާނާއި ފަލަސްތީން އަތުން ބޮޑު ތަފާތަކުން މޮޅުވެގެންނެވެ.

އަނިޔާގެ ސަބަބުން ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއި ފޯވާޑް އަސަދުﷲ އަބްދުﷲ އަށް މި މެޗުގައި ނުކުޅެވޭއިރު މި މެޗަށް ރާއްޖޭން ނުކުތީ ޒުވާން ފޯވާޑް ލައިނަކާ އެކު އެވެ. މި ގޮތުން ރަސްމީ މެޗެއްގައި ފުރަތަމަ ފަހަރަށް، ފުރަތަމަ އެގާރައިން އަހުމަދު ރިޒުވާން (ރިޒޭ) އާއި ނާއިޒު ހަސަން (ދާދު) އަށް ވަނީ ފުރުސަތު ދީފަ އެވެ.

ޓީމުގެ ކެޕްޓަން ބޭންްޑް އަޅައިގެން ކުޅުނީ ކޮލިފައިންގައި ފަލަސްތީނާއި ބޫޓާން މެޗުގައި ކެޕްޓަންކަން ކުރި އަސްހަދު އަލީ (އަޑުބަރޭ) އެވެ. އަދި އެންމެ ފަހުން ކުޅުނު ދެ މެޗުގައި ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅުނު އަކުރަމް އަބްދުލް ގަނީ (އަކޫ) ފެށީ ބެންޗުންނެވެ.

އޮމާނުން ތަޖުރިބާކާރު ގިނަ ކުޅުންތެރިންނާ އެކު މި މެޗަށް ކުރިމަތިލިއިރު، އެ ޓީމުގެ ގޯލުގައި ހުރީ އަދި ކެޕްޓަނަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކަށް މީގެ ކުރިން ކުޅުނު އަލީ އަލްހަބްސީ އެވެ.

މެޗު ފަށައިގެން ފުރަތަމަ ހަމަލާ އުފެއްދީ އޮމާނުންނެވެ. މެޗުގެ 33 ވަނަ ސިކުންތުގައި އޭރިއާ ބޭރު ރޮނގު ކައިރިން އޮމާނުގެ މުހްސިން ޖައުހަރު ފޮނުވާލި ހިލޭ ޖެހުން ދިޔައީ ހުރަސް ދަނޑި ކައިރިންނެވެ.

މިދިޔަ މަހު އޮމާނުގައި ކުޅުނު މެޗުން ރާއްޖެ 5-0 އިން ބަލިވުމުން މިރޭގެ މެޗަށް ނުކުތީ އެ ނަތީޖާއިން އަރައިގަނެ ކޮލިފައިންްގައި ކުރިއަށްދިއުމުގެ އުއްމީދުގަ އެވެ.

ރާއްޖޭން ކުޅެމުންދިޔައީ ވަރަށް ބޮޑަށް ކައުންޓަ އެޓޭކަށް ވިސްނައިގެންނެވެ. މި ގޮތުން މެޗުގެ ހަ ވަނަ މިނިޓްގައި ރާއްޖޭގެ މުހައްމަދު އުމެއިރަށް ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބުނެވެ. އަލީ ފާސިރު (ސެންޓޭ) ހުސްކޮށްލާފައި އޭރިއާ ތެރެއިން އުމެއިރަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ބާރެއް ނެތުމުން ކީޕަރު އަލްހަބްސީ ވަނީ ފަސޭހަކަމާ އެކު އެ ބޯޅަ އަތަށް ނަަގައިފަ އެވެ.

ރާއްޖޭގެ ލަނޑު ކާމިޔާބު ކޮށްދިނުމަށް ފަހު ސެންޓޭ އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭން ރަނގަޅަށް ކުޅެމުން ދަނިކޮށް އޮމާނަށް މެޗުގެ 14 ވަނަ މިނިޓްގައި ލީޑުނަަގައިދިނީ އެ ޓީމުގެ ކުރިއަށް ކުޅެމުން ދިޔަ ހާލިދު ހަލީފާ އެވެ. އަރިމަތިން ނަގައިދިން ހުރަހަކުން އޭރިއާ ތެރެއިން ހަލީފާ ފުއްމައިގެން އަރައި ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. އޭނާ މި ލަނޑު ޖެހިއިރު ރާއްޖޭގެ ޑިފެންސްލައިނަށް އޭނާ ހުއްޓުވަން މާ ބޮޑު މަސައްކަތެއް ނުކުރެވުނެވެ.

އޭގެ ހަަތަރު މިނިޓް ފަހުން ރާއްޖޭގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި އޮމާނުން ލީޑުފުޅާކުރި އެވެ. އޭރިއާ ތެރެއިން އޮމާނުގެ އަލީ ސުލައިމާން ފޮނުވާލި ބޯޅަ ރާއްޖޭގެ ޑިފެންޑަރަކު ފައިގައި ޖެހިފައި ލިބުނީ އޮމާނުގެ ޖަމީލް އަލް ޔަހުމަދީ އަށެވެ. އޭނާ ފޮނުވާލި ބޯޅަ ވަނީ ރާއްޖޭގެ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) ފައިގައި ޖެހިފައި ބައިކޮޅަށެވެ.

މެޗުގެ 23 ވަނަ މިނިޓްގައި ކައުންޓަ އެޓޭކުގައި ސެންޓޭ ވަނީ ލަނޑު ޖަހައިފަ އެވެ. ކީޕަރު ފައިސަލް ފޮނުވާލި ބޯޅަ ހާފްގެ މެދު ތެރެއިން ހޯދީ ދާދު އެވެ. އޭނާ ކައިރީގައި ހުރި ކުޅުންތެރިއާ ކައިރިން ނައްޓާލުމަށް ފަހު ހުސްކޮށްލާފައި ދިނީ ސެންޓޭ އަށެވެ. އޭރިއާ ތެރެއަށް ވަދެ ސެންޓޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.

ރާއްޖޭން ވަނީ ފުރަތަމަ ހާފްގެ މެދުތެރެއިން ބަދަލެއް ގެނެސްފަ އެވެ. މެޗުގެ 26 ވަނަ މިނިޓްގައި މުހައްމަދު ރަޝީދު (ހޮކޭ)ގެ ބަދަލުގައި ޒުވާން ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) ވަނީ ކުޅެން އަރުވައިފަ އެވެ.

ފުރަތަމަ ހާފްގެ ފަހު ފަނަރަ މިނިޓްގައި އޮމާން ޓީމުން މެދުތެރެ ކޮންޓްރޯލް ކޮށްގެން ބޯޅަ ހިފަހަައްޓައިގެން ކުޅެން މަސައްކަތްކުރި އެވެ. އަދި ލަނޑު ޖަހަން ފުރުސަތު ތަނަވަސްކުރުމުގެ ގޮތުން މެޗު ވަރަށް ބޮޑަށް ލަސްކޮށްލި އެވެ.

މިރޭގެ މެޗުގެ ތެރެއިން އޮމާނުގެ ކުޅުންތެރިއެއް ކައިރިން އުމެއިރު ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެ ވަނަ ހާފް ފަށައިގެން ދެ ވަނަ މިނިޓްގައި ސެންޓޭ ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. މެޗުގެ 47 ވަނަ މިނިޓްގައި ސެންޓޭ އަރިމަތިން ފޮނުވާލި ބާރު ބޯޅަ ކީޕަރު އަލްހަބްސީ ވަނީ މަތަކޮށްފަ އެވެ.

ރާއްޖޭން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް މެޗުގެ 57 ވަަނަ މިނިޓްގައި އޮމާނުން ވަނީ ލިބުނު ކޯނަރަކުން ތިން ވަަނަ ލަނޑެއް ޖަހައިފަ އެވެ. އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ ރާއްޖޭގެ ޑިފެންޑަރުންނަށް ބޭރުކޮށްނުލެވިގެން އުޅެނިކޮށް އޮމާންގެ އަހުމަދު މުބާރަކް ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

އޮމާނުން ދެ ލަނޑުގެ ލީޑެއް ދެ ވަނަ ފަހަރަށް ނެގުމުން ވެސް ރާއްޖޭން ކުރިއަށް ޖެހިގެން ރަނގަޅަށް ކުޅެން މަސައްކަތްކުރި އެވެ. އަދި މެޗުގެ ފަހު 25 މިނިޓަށް ރިޒޭގެ ބަދަލުގައި ހަމްޒާ މުހައްމަދު (ހަމްޕު) ކުޅެން އެރުވި އެވެ. އަދި އޭގެ ހަތަރު މިނިޓް ފަހުން މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ދާދުގެ ބަދަލުގައި މުހައްމަދު އައްޒާމް ވަނީ ކުޅެން އަރުވައިފަ އެވެ. މިއީ ރަސްމީ މެޗެއްގައި ގައުމީ ޓީމަށް އައްޒާމް ކުޅޭ ފުރަތަމަ ފަހަރެވެ.

މެޗުގެ ފަހު ވިހި މިނިޓަށް ދިޔައިރު ރާއްޖޭގެ ކުޅުންތެރިން ވަރުބަލިވުމުގެ ފައިދާ ނަގައި އޮމާނުން ބޯޅަ ހިފަހައްޓައިގެން ކުޅެން ފެށި އެވެ. އަދި ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރި އެވެ. އެހެން ނަމަވެސް އޭރިއާ ތެރެއިން ލިބުނު ހުސް ފުރުސަތުތައް އެ ޓީމަށް ބޭނުމެއް ނުކުރެވުނެވެ.

މެޗުގެ 83 ވަނަ މިނިޓްގައި އޮމާން ޑިފެންޑަރަކަށް ހެދުނު ގޯހަކުން ދެ ވަނަ ލަނޑެއް ޖަހަން ސެންޓޭ އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ ގޯލާ ސީދާނުވެ ބޭރުންނެވެ.

މިރޭގެ މެޗަކީ މި ފަހަރު ކޮލިފައިންގައި މާލޭގައި ރާއްޖެ ކުޅުނު ދެ މެޗަށް ބަލާއިރު މަދުން ސަޕޯޓަރުން ވަން މެޗެކެވެ. ކޮލިފައިންގައި ފަަލަސްތީނާ ދެކޮޅަށް ކުޅުނު މެޗުގައި މިރޭގެ މެޗަށް ވުރެން ގިނަ ސަޕޯޓަރުން ދަނޑަށް ވަނެވެ.