ކުޅިވަރު / ފުޓްބޯޅަ

17 އަހަރު، އިމްރާން، ދެން ކާކު؟

އިމްރާން (ކ-2) ގައުމީ ޓީމުގެ ޕްރެކްޓިހުގައި ސާބެ (ކ) އާއި އަސްލަމް (ވ) އަދި އަލީ އުމަރާއި ބިންމާ އައްލޯއާ އެކު.

ހަނގުރާމައިގެ ސަބަބުން މިހާރު ވީރާނާވެފައިވާ ސީރިއާ ތާރީޚީ ރަށް ޚަލަބަށް، އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރުމަށް 2000 ވަނަ އަހަރު ގައުމީ ފުޓްބޯޅަ ޓީމު ދިޔައިރު އެންމެ ބޮޑު އަމާޒަކަށް އޮތީ މުސްތަގުބަލަށް ޓީމެއް ބިނާކުރުމެވެ. އެކަމަށްޓަކައި، ކޯޗު ޔޮރްދާން ސްޓޮއިކޯފް އިވަނޯފް ޓީމާ އެކު ގެންދިޔަ ހުނަރުވެރި ޒުވާން ކުޅުންތެރިންގެ ތެރޭގައި ކްލަބް އީގަލްސް އަށް އޭރު ކުޅެމުން ދިޔަ ޒުވާން ގޯލްކީޕަރު އިމްރާން މުހައްމަދު ހިމެނެ އެވެ.

އެ ފަހަރު ސީރިއާ އަތުން 2-1 އިން ރާއްޖެ ބަލިވި މެޗަކީ ގައުމީ ޓީމުގެ ތާރީޚު ބަދަލުކޮށްލި މެޗެކެވެ. މެދުއިރުމަތީގެ ޓީމެއް ކޮޅަށް ރާއްޖޭން ފުރަތަމަ ގޯލެއް ޖެހީ އެ މެޗުގަ އެވެ. އެކަމަކު އެ މެޗު އެއަށް ވުރެ ހާއްސަވީ، ކޯޗު ބިނާކުރަމުން އައި ޓީމުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ ޒުވާން ކީޕަރު އިމްރާން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދުމެވެ. ދެކުނު އޭޝިއާ ސަރަހައްދުން ބޭރުގެ މެޗެއްގައި ދިވެއްސަކު ފުރަތަމަ ފަހަރަށް އެ މެޗުގައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދިއިރު، އެ ޝަރަފް ޓީމުގައި އަލަށް ހިމެނުނު ކުޅުންތެރިޔަކު ހޯދުމަކީ އެހެން ކުޅުންތެރިންނަށް ވެސް ލިބުނު އިތުބާރެކެވެ.

"ކުޅުންތެރިޔާ އަބަދު ޑިވެލޮޕްވާކަށް ނުހުންނާނެ. ވަކި ހިސާބަކުން އެބަޖެހޭ ފުރުސަތު ދޭން. އެ ފުރުސަތު ދީގެން ކުޅުންތެރިން އުފެދޭނީ،"

އޭގެ ފަހުން 17 އަހަރު ފާއިތުވީ އިރު ވެސް އަދިވެސް ރާއްޖޭގެ ގޯލް ދިފާއުކުރުމުގައި އިމްރާން، 35، ގެ ވަރުބަލިވުމެއް ނެތެވެ. ވޯލްޑް ކަޕުގެ ހަތަރު ވަނަ ހޯދި ގަދަފަދަ ދެކުނު ކޮރެއާއާ ލަނޑެއް ނުޖެހި ރާއްޖެ އެއްވަރުކުރި މެޗުން ފެށިގެން ރާއްޖެ ކޮޅަށް 17 ލަނޑު ޖެހި އީރާނާއި 10 ލަނޑު ޖެހި ޗައިނާ އަތުން 1-0 އިން ރާއްޖެ ބަލިވިއިރު ވެސް ގޯލް ބެލެހެއްޓީ އޭނާ އެވެ. ސަރަހައްދުގެ ތަށި ހޯދައިދީފި އެވެ. އެނގޭހާ ވެސް ކަމަކަކީ ގައުމީ ޓީމު މިދިޔަ 17 އަހަރު ހޯދި ހުރިހާ ކާމިޔާބެއްގައި އިމްރާނުގެ ހިއްސާ އޮތްކަމެކެވެ. ނޭނގޭ ކަމަކީ، އިމްރާނަށް ފަހު ގައުމީ ޓީމުގެ ގޯލް ބަލަހައްޓާނީ ކާކު ކަމެވެ. އެ ސުވާލާ އެކު ދެން ކުރަން އޮތް ސުވާލަކީ އޭނާ ނެތްތަން ފޫބައްދާނެ ކީޕަރަކު ނުއުފެއްދެނީ ކީއްވެތޯ އެވެ.

"އެންމެ ބޮޑު މައްސަލައަކީ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް ކުރިއަށްގެންދާއިރު ކީޕަރުންނަށް ހާއްސަ އަދި އެކަށީގެންވާ ތަމްރީން ނުދެވުން. ކީޕަރުންނަކީ ވަކި ހާއްސަ ތަމްރީންތަކެއް ހަދަން ޖެހޭ ބައެއް. ކީޕަރުންނަށް ހާއްސަ ތަމްރީން ދޭނެ ބަޔަކު އެކަށީގެންވާ ގޮތަކަށް ނުތިބޭ،" ވައިޑީޕީ ޕްރޮގްރާމުގެ އިސް އޮފިޝަލަކު ނަން ނުޖަހާ ގޮތަށް ބުންޏެވެ.

ނިއުގެ ސީނިއާ ކުޅުންތެރިން އެ ޓީމުގެ ޔޫތު ކުޅުންތެރިންނާ އެކު: ޔޫތު ލެވެލްގައި ކީޕަރުން އުފައްދަން މަސައްކަތްކުރަން ޖެހޭ. --ފޮޓޯ: ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް

މާލެ އަށް ފަހު އެންމެ ބޮޑު އާބާދީއެެއް އޮތް އައްޑޫ ސިޓީގައި 2001 ވަނަ އަހަރުން ފެށިގެން ވައިޑީޕީ ހިންގި ނަމަވެސް މިހާތަނަށް ވެސް ކީޕަރުންނަށް ހާއްސަ ތަމްރީނެއް ނޯވެ އެވެ. އެ އޮފިޝަލްގެ ވާހަކަތަކަށް ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރޭނަރު ހަސަން ހަމީދު (ޑަކޭ) ވެސް ތާއީދުކުރި އެވެ. އޭނާ ބުނި ގޮތުގައި ހުނަރުވެރި ކީޕަރުންނަށް ގެއްލިގެންދާ އެންމެ ބޮޑު އެއް ސަބަބަކީ ޔޫތު ލެވެލްގައި ރަނގަޅަށް ތަމްރީން ނުދެވުމެވެ.

އަނެއް ސަބަބަކީ ޑަކޭ އާއި އަދިވެސް އެހެން ކޯޗުން ފާހަގަކުރި ގޮތުގައި ކީޕަރުންނަށް ފުރުސަތު ނުލިބުމެވެ. ވައިޑީޕީން އުފެދޭ ކީޕަރުން ކްލަބްތަކާ ގުޅުމަށް ފަހު ތިބެން ޖެހެނީ ބެންޗު ހޫނުކުރާށެވެ. އެ ކުޅުންތެރިންނަށް ފުރުސަތު ދޭން ކޯޗުން ޖެހިލުންވެ އެވެ. ރިސްކްނަގާކަށް ނުކުރެ އެވެ.

"ކުޅުންތެރިޔާ އަބަދު ޑިވެލޮޕްވާކަށް ނުހުންނާނެ. ވަކި ހިސާބަކުން އެބަޖެހޭ ފުރުސަތު ދޭން. އުމުރުން 16 އަހަރުގައި ނުވަތަ 18 އަހަރުގައި ކްލަބަކާ ގުޅުނު ނަމަވެސް ފުރުސަތު ދޭކަށް ކޯޗުންނަށް ނުކުރޭ. ފުރުސަތު ނުލިބެންޏާ ކުރި ނާރާނެ، ކުރިން ވާހަކަ ދެއްކި އޮފިޝަލް ބުންޏެވެ.

ގައުމީ ޓީމުގެ ތިން ކީޕަރުން ކަމަށްވާ އިމްރާން މުހައްމަދު (މ) އާއި މުހައްމަދު އިމްރާން (ކ) އަދި އިފްރާހް އަރީފް.

އަށްޑިހައިގެ އަހަރުތަކާއި ނުވަދިހައިގެ އަހަރުތަކަށް ބަލާއިރު ދިވެހި ކީޕަރުންނަށް ކްލަބްތަކުން ފުރުސަތު ދެ އެވެ. އޭރު ގައުމީ ޓީމުގެ ކީޕަރުގެ ޖާގައިގެ ވާދަވެރިކަން ބޮޑެވެ. ސައްޔިދު އަލީން ފެށިގެން މައުރޫފް އަހުމަދު (މާއްޓޭ) އާއި އިބްރާހިމް ސަލީމް (މެޓާ) އާއި ރެޖީނާ އިބްރާހިމް ރަޝީދާއި އިސްމާއިލް ޒަރިޔަންދާއި ކެލާމާ ހަސަން ރަޝީދު (ހަސަނާ) އަދި އިބްރާހިމް ރަޝީދު (މަބޫ) ފަދަ ކީޕަރުންނަކީ އޭރު ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ ގޯލް ބެލެހެއްޓި ކީޕަރުންނެވެ. އެކަމަކު މިދިޔަ 10 ވަރަކަށް އަހަރަށް ބަލާއިރު ގިނަ ކްލަބްތަކުން ބަރޯސާވަނީ ބިދޭސީ ކީޕަރުންނަށެވެ. ޒުވާން ކީޕަރުންނަށް ފުރުސަތު ދޭން ޖެހިލުންވެ އެވެ. ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓަށް ބަލާއިރު މިދިޔަ 12 އަހަރު އެ ޓީމުގެ ގޯލް ގިނައިން ބަލަހައްޓާފައިވަނީ ބިދޭސީ ކީޕަރުންނެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކީޕަރުން އުފެދެނީ ފުރުސަތު ދީގެންނެވެ. އިކާ ކަސިޔަސް އަށް އުމުރުން 16 އަހަރުގައި ރެއާލް މެޑްރިޑުން ފުރުސަތު ދިނުމުގެ ނަތީޖާއަކީ މިއޮތީ ފެންނާށެވެ، ތަޖުރިބާކާރު ދެ ކީޕަރުން ތިއްބާ އޭސީ މިލާނުން އުމުރުން 16 އަހަރުގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮއްނަމޫރާ އަށް ފުރުސަތު ދިނުމުން، އޭނާ ވަނީ މިއަދު ކުރިއެރުން ހޯދައިފަ އެވެ.

"ބޭރުގެ ކްލަބްތަކުން ވެސް މި ފެންނަނީ ޒުވާން ކީޕަރުންނަށް ފުރުސަތު ދޭތަން. އެކަމަކު ރާއްޖޭގައި އެ ފުރުސަތު ދޭން ޖެހިލުންވޭ. ވަރަށް ހުނަރުވެރި ކީޕަރުން ބެންޗުގައި ތިބެތިބެ ފުރުސަތު ނުލިބިގެން ކުޅުމާ ދުރަށް ވެސް ގޮސްފި،" ޑަކޭ ބުންޏެވެ.

ކްލަބް އީގަލްސްގެ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ވެސް ބުނީ އިމްރާންގެ ބަދަލުގައި އަރާނެ ކުޅުންތެރިޔަކު އުފެދޭނީ ފުރުސަތުތައް ދީގެން ކަމަށެވެ. އެކަމަކު އިމްރާން މަތީ ފެންވަރުގައި ކުޅެމުން ދަނިކޮށް، އޭނާގެ ބަދަލުގައި އާ ކީޕަރެއް ތައްޔާރުކުރާށޭ ބުނެ، ސީނިއާ ޓީމުން އެހެން ކީޕަރަކަށް ފުރުސަތު ދޭން ސާންތީ ގަބޫލެއް ނޫނެވެ.

"އިމްރާން ޕީކުގައި ހުއްޓާ ސީނިއާ ޓީމުން އެހެން ކުޅުންތެރިޔަކަށް ފުރުސަތު ދޭން ނުފެނޭ. އަދިވެސް ނެތް އިމްރާން ނެތްތަން ފޫބެއްދޭނެ ކީޕަރަކު. އެހެންވީމާ އިމްރާން ސީނިއާ ޓީމަށް ހާއްސަކުރަންވީ. އެއަށް ފަހު ޖޫނިއާ ޓީމުތަކަށް ޒުވާން ކީޕަރުން ނަގަންވީ. އެ ރިސްކް ނަގަން އެބަޖެހޭ. މިހާރު ވާގޮތަކީ ޒުވާން ޓީމަކަށް ވިޔަސް އިމްރާން ނަގަނީ،" ސާންތީ ބުންޏެވެ.

އޭނާ ބުނީ ގައުމީ ޓީމުގެ ކުރީގެ ކީޕަރު ޓްރެއިނަރު އަސްލަމް އަބްދުއްރަހީމް ހިންގާ ކީޕަރުން ތަމްރީންކުރާ އެކަޑަމީއަކީ ރަނގަޅު ފެށުމެއް ކަމަށާއި އެކަމަކު އެގޮތަށް އުފައްދާ ކީޕަރުންނަށް ފުރުސަތު ނުލިބޭ ނަމަ ކުރިނާރާނެ ކަމަށެވެ.

"އަސްލަމް އެކުރަނީ ރަނގަޅު މަސައްކަތެއް. އެ ޕޫލުގައި 14 ވަރަކަށް ކީޕަރުން އެބަތިބި. އެކަމަކު އެ ކުދިންނަށް އެބަޖެހޭ ފުރުސަތު ލިބެން. މިސާލަކަށް ކުރިން އޮންނަ 19 އަހަރުން ދަށުގެ ޔޫތު މުބާރާތަކީ ރަނގަޅު މުބާރާތެއް. އޭގެ ސަބަބުން ކީޕަރުންނަށް ފުރުސަތު ލިބޭނެ ފެންވަރު ދައްކާލަން،" ސާންތީ ބުންޏެވެ.

މި ވަގުތަށް ބަލާއިރު އިމްރާން ނެތްތަން ފޫބައްދަން ތިބީ ވެލެންސިއާގެ މުހައްމަދު ފައިސަލާއި ޓީސީ ސްޕޯޓްސްގެ މުހައްމަދު އިމްރާނެވެ. އެކަމަކު މި ދެ ކުޅުންތެރިންގެ އުމުރަށް ބަލާއިރު މިއީ ދިގު މުއްދަތަކަށް އިމްރާން ނެތްތަން ފޫބެއްދޭނެ ކުޅުންތެރިންނެއް ނޫނެވެ. ޔޫތު ލެވެލްއަށް ބަލާއިރު އެންމެ އުއްމީދު ކުރެވުނު އެއް ކީޕަރަކީ އިބްރާހިމް ލަބާން ޝަރީފެވެ. އިންޓަ ސްކޫލާއި އުމުރުފުރާގެ ގައުމީ ޓީމުތަކުގައި މޮޅަށް ކުޅުނު ކީޕަރު ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާއިރު އޭނާގެ ކެރިއަރާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ދެން ހުރީ މުހައްމަދު ޖަޒްލާން (ބަބޭ) އާއި މުހައްމަދު ފަޔާޒެވެ. ސްރީ ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ މުބާރާތް 2012 ވަނަ އަހަރު ރާއްޖެ ކާމިޔާބުކުރިއިރު މޮޅަށް ކުޅުނު ޖަޒްލާން އަށް އޮތް ހުރަހަކީ އަނިޔާގެ މައްސަލަތަކެވެ.

ގައުމީ ޓީމުގެ ދެ ކީޕަރުން ކަމަށްވާ ފައިސަލް (ވ) އާއި ފަޔާޒް (ކ) ޓްރޭނަރު ޑަކޭއާ އެކު.

ދެން އޮތީ އެންމެ މުހިއްމު އެއް ވާހަކަ އެވެ. އެއީ އިމްރާން ވަރުގެ ހުނަރުވެރި ކީޕަރަކު ފެނުނު ނަމަވެސް އިމްރާން ކުރާ ވަރަށް މަސައްކަތް ކުރެވިދާނެތޯ އުފެދޭ ސުވާލެވެ. ޑަކޭ ފާހަގަކުރި ގޮތުގައި އިމްރާން މިއަދު އޭނާ އެ ހުރި މަގާމުގައި ހުރި އެންމެ ބޮޑު ސަބަބަކީ ބުރަ މަސައްކަތާއި ކުޅިވަރުގެ އަހުލާގެވެ. ކަކުލުގެ ލިގަމެންޓަށް ދެ ފަހަރު ސީރިއަސް އަނިޔާވި ނަމަވެސް އަހަރެއްހާ ދުވަހު ބުރަކޮށް މަސައްކަތްކޮށް އޭނާ ވަނީ ކުޅުމުގެ ތެރެއަށް އަލުން އައިސްފަ އެވެ. ހާއްސަކޮށް މިދިޔަ އަހަރު ލިބުނު އަނިޔާއިން އޭނާ އަރައިގަތުމަކީ ނަމޫނާ އެކެވެ. ޒުވާން ދުވަސްވަރު ސީރިއަސް އަނިޔާއެއް ވިޔަސް ބައެއް ކުޅުންތެރިން މާޔޫސްވެ ކުޅުން ހުއްޓާލަ އެވެ. އެކަމަކު، އިމްރާން ކެރިއަރުގެ ފަހުކޮޅު ބޮޑު އަނިޔާއެއް ލިބުމުން ވެސް ހިތްވަރު އެލުވާނުލައި އަލުން ފިޓްވެ ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމުގެ ގޯލް ބެލެހެއްޓި އެވެ. ޕްރެކްޓިހުގައި އަދި މެޗުގެ ތެރޭގައި އެހެން ކުޅުންތެރިން މޯޓިވޭޓްކުރުވައި އޭނާ ދައްކާ ލީޑާޝިޕަކީ އޭނާގެ ސޮއި ހޯދަން ކްލަބްތަކުގެ ބޮޑު އަގު ދޭން ތައްޔާރަށް ތިބޭ އެއް ސަބަބެވެ. އެހެންކަމުން އޭނާގެ މަގާމް ހޯދަން އަންނަ ކުޅުންތެރިއެއްގެ ކިބައިގައި ވެސް އެ ހިތްވަރު ހުންނަން ޖެހެ އެވެ.

އެކަމަކު، އެފަދަ ކުޅުންތެރިޔަކަށް ފެންނާނީ ވެސް ފުރުސަތު ދީގެންނެވެ. ސްޓޮއިކޯފް މީގެ 17 އަހަރު ކުރިން އިމްރާންގެ ބަދަލުގައި ގައުމީ ޓީމަށް ތަޖުރިބާކާރު ކީޕަރަކު ނެގި ނަމަ މިއަދު އެ މަގާމުގައި އިމްރާން ފެންނަން ނުހުރެދާނެ އެވެ. އެހެންކަމުން ސްޓޮއިކޯފް އެ ދުވަހު ނެގި ފަދަ ރިސްކެއް ކޯޗުން ނަގަން އެބަޖެހެ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454