ބޫޓާންގެ މެޗު މިރޭ އޮއްވާ އަޑޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ޕްރެސް ކޮންފަރެންސަކަށް ހާޒިރުނުވުމުން ގައުމީ ފުޓްބޯޅަ ޓީމުން ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އިއްޔެ ވަކިކޮށްފައިވަނިކޮށް ވައިސް ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.


އޭޝިއަން ކަޕް ކޮލިފައިންގައި މިރޭ ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ބޯމަތީގައި އޮއްވާ އަޑުބަރޭ ކުއްލިގޮތަކަށް ގައުމީ ޓީމާ ދުރަށް ދިޔަކަން އިއުލާންކުރީ ދާދި ދެންމެއަކު ކުރި ޓްވީޓެއްގަ އެވެ. އޭނާގެ ޓްވީޓުގައި ބުނެފައިވަނީ މި ވަގުތުން ފެށިގެން އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވާ ކަމަށެވެ.

އެކަމަކު އެނގިފައިވާ ގޮތުގައި އޭނާ ކުޅުން ހުއްޓާލީ ކޯޗު ޕީޓާ ސެގާޓާ ދެމެދު ހިޔާލު ތަފާތުވުމެއް އުފެދިގެންނެވެ. ދަގަނޑޭ ވަކިކުރުމުން މައްސަލަ ހޫނުވެފައިވަނިކޮށް ކޯޗު ވަނީ މިއަދު ހެނދުނު ކުޅުންތެރިންނާ ބައްދަލުކޮށްފަ އެވެ.

އަޑުބަރޭ މިއަދު ކޮށްފައިވާ ޓްވީޓް.

އެ ބައްދަލުވުމުގައި އަޑުބަރޭ ބައިވެރިވި އެވެ. އަދި ދަގަނޑޭގެ ބަދަލުގައި އިއްޔެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ވާހަކަ ދެއްކީ އޭނާ އެވެ. އުމުރުން 31 އަހަރުގެ އަޑުބަރޭ އަކީ ފަހަކަށް އައިސް ދަގަނޑޭ ނެތް މެޗުތަކުގައި ޓީމުގެ ކެޕްޓަންކަން ކޮށްފައިވާ ކުޅުންތެރިޔާ އެވެ. ސެގާޓްގެ ކޯޗުކަމުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ހުކުރު ދުވަހު ސިންގަޕޫރު އަތުން 3-2 އިން ބަލިވި މެޗުގައި ވެސް ބޭންޑް އެޅީ އޭނާ އެވެ. އަދި އެ މެޗުގައި އަޑުބަރޭ ދެއްކި ކުޅުމަށް ސެގާޓް ވަނީ ތައުރީފް ކޮށްފަ އެވެ.

ގައުމީ ޓީމުން 2007 ވަނަ އަހަރު ޖާގަ ހޯދި އަޑުބަރޭ އަކީ މަސައްކަތުގެ ރޭޓް މަތީ އަދި ކޮންމެ މަގާމަކަށް ވެސް ކުޅެވޭ ފެންވަރުގެ ހުނަވެރި ކުޅުންތެރިޔެކެވެ. ވިކްޓަރީ، ވީބީ، ބީޖީ ސްޕޯޓްސް، މާޒިޔާ އަދި ނިއު ރޭޑިއަންޓަށް ވެސް ކުޅެފައިވާ އަޑުބަރޭ އަކީ ފަހަކަށް އައިސް ގައުމީ ޓީމުން ޖާގަ ޔަގީންކޮށްފައިވާ ކުޅުންތެރިޔެކެވެ. އޭނާ ވަނީ ރާއްޖޭން 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕުގެ ތިން ވަނަ ހޯދިއިރު މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ހާއްސަކޮށް ތިން ވަނަ ހޮވި މެޗުގައި އަފްގާނިސްތާން އަތުން ޕެނަލްޓީ ޖަހައިގެން ރާއްޖެ މޮޅުވި މެޗުގައި އޭނާ ތަފާތު ގޮތަކަށް ޖެހި ޕެނަލްޓީ އަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބުނެވެ.