ވީބީ އައްޑޫ އެފްސީގެ ކުރީގެ ކޯޗު ތުރުކީގެ ޖޭން ވަންލީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
17 ޖުލައި 2018 - 15:43
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައި ހުރި ވީބީ އައްޑޫ އެފްސީގެ ކުރީގެ ކޯޗު ތުރުކީގެ ޖޭން ވަންލީ މަގާމުން ވަކިވެއްޖެ އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ މީގެ މަހެއްހާ ދުވަސް ކުރިން އެފްއޭއެމާއި ވަންލީއާ ދެމެދު ބޭއްވުނު ވާހަކަ ތަކަށް ފަހު ވަންލީއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލައިފައިވާ ކަމަށެވެ.
"ދެ ފަރާތުން ބޭއްވި ބައްދަލުވުމަކަށް ފަހު ވަންލީއާ މަޝްވަރާކޮށް އެފްއޭއެމުން ވާނީ ވަންލީއާ އެކު ވެވުނު އެއްބަސްވުން އުވާލައިފައި. މިއީ ދެކޮޅުން ވެސް ވާހަކަ ދެކެވިގެން ނިންމި ނިންމުމެއް،" ޖަވާ ވިދާޅުވި އެވެ.
ވީބީ ސްޕޯޓްސް ކްލަބަށް ތިން އަހަރު ކޯޗުކޮށްދީ ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީފައިވާ ވަންލީ މި އަހަރުގެ އޭޕްރީލް މަހު އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައި ވަންލީ ހުރިއިރު އޭނާގެ ބޭނުން އެންމެ ރަނގަޅަށް އެފްއޭއެމުން ނުހިފާ ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ. މި ފަހަރުގެ އެސްޓީއޯ މާލޭ ލީގުގެ މެޗަކަށް ފަހު، ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ވަނީ ވަންލީ ހުރީ މަސައްކަތެއްގައި ބައިވެރިނުކޮށް އެކަހެރިކޮށްލާފައި ކަމަށާއި އޭނާ އަށް ދޭން ޖެހޭ އިހުތިރާމް އަދާނުކުރާ ކަމަށް ބުނެފަ އެވެ. އޭގެ ޖަވާބަކަށް އެފްއޭއެމުން އޭރު ބުނެފައިވަނީ ޓެކްނިކަލް މަސައްކަތްތައް ކުރިއަށްދަނީ ވަންލީގެ ބައިވެރިވުމާ އެކު ކަމަށެވެ.
މަގާމުގައި ހުރި ނަމަވެސް ފަހަކަށް އައިސް އެފްއޭއެމްގެ ނޫސްވެރިންގެ ބައްދަލުވުންތަކުން ވަންލީ ނުފެނެ އެވެ. އެހެން ނަމަވެސް އެކި ހަފުލާތަކުގައި އެފްއޭއެމްގެ ފަރާތުން ވަންލީ ވަނީ ބައިވެރިވެފަ އެވެ. އަދި ފުޓްބޯޅަ ކްލަބްތަކުން ބޭއްވި އެކި ހަރަކާތްތަކުގައި އެ ޓީމުތަކުން ދިން ދައުވަތުތައް ގަބޫލުކޮށް ވަންލީ ވަނީ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެފަ އެވެ.
މިހާރު އެވޯޑްސްގެ ސީއެސްއާރް ދަތުރުގައި ވަންލީ (ކ) ކުޑަކުއްޖަކާ ސަލާމްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ފަހަކަށް އައިސް އެފްއޭއެމްގެ ޓެކްނިކަލް މަސައްކަތްތަކުގައި އެންމެ އިސްކޮށް ފެންނަނީ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ފުރުއްވަމުން އަންނަ އިހުސާން އަބްދުލް ގަނީ (ސާންތީ) އެވެ.
ވަންލީގެ ކުރިން ބިދޭސީ އަކު އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ފުރީ މީގެ ގިނަ އަހަރުތަކެއް ކުރިންނެވެ. އެންމެ ފަހުން އެ މަގާމް އަދާކުރި ބިދޭސީއަކީ މެލޭޝިއާގެ ލިމް ކިން ޗޮން އެވެ. އޭނާ އަކީ 2002 ވަނަ އަހަރު ކޮރެއާ އާއި ޖަޕާންގައި ބޭއްވި ވޯލްޑް ކަޕްގެ ޓެކްނިކަލް ސްޓަޑީ ގްރޫޕްގައި މަސައްކަތްކޮށްފައިވާ ފަރާތެކެވެ. ލިމްގެ ދުވަސްވަރު އޭނާ ރަނގަޅު ބަދަލުތަކެއް ގެނަ އެވެ.
އޭގެ ފަހުން މަޝްހޫރު ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) ވެސް ވަނީ ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. މާއްޓޭ އަށް ފަހު ދެން އެ މަގާމުގެ ޒިންމާ ނެގީ އެކްޓިން ޓެކްނިކަލް ޑައިރެކްޓަރެއްގެ ގޮތުގައި އަލީ ސުޒޭން އެވެ. އެންމެ ފަހުން އެ މަގާމުގައި ހުރީ މުހައްމަދު ޝިޔާޒް (މޯހަން) އެވެ.
ފުޓްބޯޅަ ކޯޗެއްގެ ގޮތުގައި ރާއްޖެ އަށް މަޝްހޫރުވި ނަމަވެސް ވަންލީ އަކީ ފުޓްބޯޅައިގެ ޓެކްނިކަލް އެނަލިސިސްގެ ދާއިރާގެ ތަޖުރިބާކާރެކެވެ. އެގޮތުން އޭނާ ވަނީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2003 ވަނަ އަހަރުގެ ކޮންފެޑެރޭޝަންސް ކަޕުގެ ތިން ވަނަ ހޯދި ތުރުކީ ގައުމީ ޓީމުގެ އެނަލިސްޓުގެ ގޮތުގައި މަސައްކަތްކޮށްފަ އެެވެ. އޭނާ އަކީ ވީޑިއޯ ބޭނުންކޮށްގެން އެނަލިސިސް ހެދުމުގެ މާހިރެކެވެ.
ވީބީގެ ކޯޗަކަށް 2010 އިން 2012 އަށް މަސައްކަތްކުރި ވަންލީ އަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ބިދޭސީ ކޯޗެވެ. އޭނާ ވަނީ ވީބީ އަށް 2010 އާއި 2011 ވަނަ އަހަރު ދިވެހި ލީގު ކާމިޔާބުކޮށްދީ އަދި 2010 ވަނަ އަހަރު ގައުމީ މުބާރާތް އަދި 2011 ވަނަ އަހަރު އެފްއޭ ކަޕް ކާމިޔާބުކޮށްދީފަ އެވެ. އަދި 2010، 2011 އަދި 2012 ވަނަ އަހަރުގެ ޗެރިޓީ ޝީލްޑް ވެސް އެ ޓީމަށް ކާމިޔާބުކޮށްދިނެވެ.
ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ އެވޯޑް 2010 އަދި 2011 ވަނަ އަހަރު ހޯދި ވަންލީ އަކީ މަޑުމައިތިރި އަދި ގިނަ ބައެއްގެ އިހުތިރާމް ހޯދި ކޯޗެކެވެ. އެކަމަކު ފަހުން އޭނާއާ ވީބީގެ ކުޅުންތެރިންނާ މައްސަލަތަކެއް އުފެދުނެވެ. ތުރުކީގެ ދެ ވަނަ ޑިވިޝަނާއި ލުބްނާނުގައި ވެސް މަސައްކަތްކުރި ވަންލީ ރާއްޖެ އާއި ގާނާގެ ގައުމީ ކޯޗުގެ މަގާމަށް ވެސް ކުރިމަތިލި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޅޭ
18 July 2018
ރާއްޖޭގެ ފުޓުބޯލަ ޗޮކުން ގޮއްސި... ވަކިވާން ލަސްވެްޖެ
އަތްފުނާ
18 July 2018
މއީ ކޮންމެހެން ކޯޗުގެ މޮޅުކަމުން ވީބީ އަށް ލިބުނާހާ ކާމިޔާބުތެކެއްނޫން.އޭރު ވީބީގެ މެނޭޖްމަންޓް އަތުގައި ފައިސާ ހުރީމަ މިގައުމުގައި ހުރި ހުރިހާ ކްލަބުތަކަށް ކުޅޭ މޮޅެތި ކުޅުންތެރިން ތިބީ ވީބީ ކްލަބުގައި.
ހަމްބެ
17 July 2018
ސުޕުން ވެސް އަމިއްލަ އައް ވިސްނިގެން އިސްތިއުފާ ދޭނަމަ ،