17 އޮކްޓޯބަރ 2018 - 12:15
ނިއު ރޭޑިއަންޓުގެ ގޯލްކީޕަރު އިމްރާން މުހައްމަދަށް އެ ކްލަބުން މުސާރަ ނުދޭތީ އޭނާ ޕްރެކްޓިހަށާއި މެޗަށް ހާޒިރުވުން ހުއްޓާލުމުން، ކްލަބުން އޭނާގެ ކޮންޓްރެކްޓް ބާތިލްކޮށްފި އެވެ.
ނިއުގެ އޮފިޝަލަކު ބުނީ އިމްރާނަށް މި އަހަރު ދޭން ޖެހޭ މުސާރައިގެ 70 ޕަސެންޓް އެޑްވާންސުގެ ގޮތުގައި ދީފައިވާ ކަމަށާއި ބާކީ 30 ޕަސެންޓް ފައިސާ ތިން ޕޭމަންޓަކަށް ބަހާލައިގެން ދޭން އެއްބަސްވެ އިއްޔެއާ ހަމަޔަށް މުއްދަތު ހަމަވެފައިވަނީ އޭގެ ތެރެއިން ދެ ޕޭމަންޓެއް ކަމަށެވެ.
އޮފިޝަލް ބުނީ ބޮޑު އަގެއްގައި އިމްރާން ގެނައީ އޭނާ އަކީ ލީޑަރަކަށް ވާތީ ކަމަށާއި ކްލަބަށް ދިމާވެފައިވާ މި ހާލަތުގައި ބޭނުންވީ އިމްރާންގެ ފަރާތުން ލީޑާޝިޕް ކަމަށެވެ. އެކަމަކު އެޑްވާންސުގެ ގޮތުގައި ބޮޑު އަދަދެއް ދީފައިވަނިކޮށް ވެސް އޭނާގެ ހިދުމަތް މި ވަގުތު ނުލިބޭތީ ކޮންޓްރެކްޓް ބާތިލްކުރަން ކްލަބުގެ ޗެއާމަން މުހައްމަދު ޒިޔާދު ނިންމެވީ ކަމަށް އޮފިޝަލް ބުންޏެވެ.
އެކަމަކު އިމްރާން މިއަދު ވަނީ އެ ވާހަކަތަކަށް ރައްދުދީފަ އެވެ. އިމްރާން ބުނީ އެޑްވާންސުގެ ގޮތުގައި ދިން ފައިސާ އަކީ ވެސް ކްލަބުން އޭނާއާ އެކު ހެދި ކޮންޓްރެކްޓުގެ ދަށުން ދޭން އެއްބަސްވި އެއްޗެއް ކަމަށާއި އެޑްވާންސް ދިނުމަކީ، އަހަރުގެ ތެރޭގައި މުސާރައިގެ ގޮތުގައި ދޭން ޖެހޭ ފައިސާ ދިނުން ފަސްވާން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.
އަދި އޮގަސްޓް 1 ވަނަ ދުވަހުން ފެށިގެން ކްލަބަށް ހިދުމަތް ނުކުރާ ކަމަށް ބުނި ނަމަވެސް އޭރު އޮތީ ގައުމީ ޓީމަށް ވަގުތު ދިނުމަށް ޕްރެކްޓިސް މެދުކަނޑާލާފައި ކަމަށާއި އެ މުއްދަތުގައި ބޭއްވި ދެ ބައްދަލުވުމަކަށް ހާޒިރުވި ކަމަށެވެ.
"ކްލަބުގެ ޕްރެކްޓިސް އަލުން ފެށީ ސެޕްޓެމްބަރު 16 ވަނަ ދުވަހު އަދި 18 ވަނަ ދުވަހު ބަންގްލަދޭޝަށް ފުރި މެޗެއް ކުޅެން. އެ ދަތުރުގައި ނުދެވުނީ އަމިއްލަ ސަބަބަކާ ހުރެ. އެކަން ކްލަބުން އޭރު މީޑިއާ އަށް ވެސް އެންގި،" ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު ބުންޏެވެ.
އަދި އޭގެ ފަހުން ސެޕްޓެމްބަރު 19 ވަނަ ދުވަހު ކްލަބުގެ ޗެއާމަން ޒިޔާދަށް ސިޓީއެއް ފޮނުވައި 10 ދުވަހުގެ ތެރޭގައި، މުސާރަ ހަމަޖައްސައިދޭން އެދުނު ކަމަށާއި ޕްރެކްޓިހަށް ހާޒިރުވުން ހުއްޓާލީ އެ ފައިސާ ނުލިބުމުން ކަމަށް އޭނާ ބުންޏެވެ.
"ކްލަބުން އެއްޗެއް ނުދެންޏާ، ކައިގެން ބޮއިގެން އުޅެން ކޮންމެވެސް މަސައްކަތެއް ކުރަން ޖެހޭނެތާ؟ އަޅުގަނޑު އެންގިން މުސާރަ ނުލިބޭ ކަމަށް ވަންޏާ އާމްދަނީއެއް ހޯދަން އިތުރު މަސައްކަތެއް ކުރަން ޖެހެޔޭ އެހެންވެ ޕްރެކްޓިހަށް ދެވެން ނެތޭ،" އިމްރާން ބުންޏެވެ.
އިމްރާން މެޗަކަށް ނުކުންނަން ތައްޔާރުވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އަދި އެ ސިޓީގައި އޭނާ ބަޔާންކުރި މުއްދަތުގައި މުސާރަ ނުލިބުމުން އެ މައްސަލަ އެފްއޭއެމަށް ވެސް ހުށަހެޅި ކަމަށާއި އިއްޔެ ކޮންޓްރެކްޓް އެ ބާތިލްކުރީ އެ މައްސަލަ އެފްއޭއެމުން ބަލަމުން އަންނަނިކޮށް ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑު ޕްރެކްޓިހަށް ހާޒިރުނުވަންޏާ އެ މައްސަލައިގައި ކްލަބުގެ ޑިސިޕްލިނަރީ ކޮމިޓީއަކަށް ވެސް ހާޒިރުކުރެވިދާނެތާ؟ އެކަމަކު އެހެނެއް ނޫން މިވީ. އެފްއޭއެމުން މައްސަލަ ބަލަމުން އަންނަނިކޮށް ކުއްލިއަކަށް ކޮންޓްރެކްޓް މި އުވާލީ. މިވީ ގޮތުން ދެން މި އަހަރު އިތުރު ކްލަބަކަށް ވެސް ކުޅުމުގެ ފުރުސަތެއް ނެތް،" އިމްރާން ބުންޏެވެ.
އޭނާ ބުނީ ބުނީ މި މައްސަލަ އޭނާ ދުލެއް ނުކުރާނެ ކަމަށާއި މިކަމުގައި ދެވެން އޮތް އެންމެ ދުރަކަށް ދާނެ ކަމަށެވެ. އަދި ނިއު ރޭޑިއަންޓް ފަދަ ބޮޑު ކްލަބަކުން މިގޮތަށް އަމަލުކުރުމުން ދެރަވާ ކަމަށާއި ކްލަބަށް ހެޔޮއެދޭ މީހުން ކްލަބުގެ ހާލަތު ބަދަލުކުރުމަށް މަސައްކަތްކުރަން އޭނާ ގޮވާލި އެވެ.
"ވަކި މީހެއްގެ މުށުތެރެއިން ކްލަބް ސަލާމަތްކުރަން، ކްލަބަށް ހެޔޮ އެދޭ މީހުންގެ ގާތުގައި އަޅުގަނޑު އެދެން. ނިއު ރޭޑިއަންޓް ފަދަ ރާއްޖޭގެ ބޮޑު ކްލަބެއް މި ހާލަތަށް ވެއްޓުމަކީ ވަރަށް ދެރަވަރު ކަމެއް،" އިމްރާން ބުންޏެވެ.
ނިއުއާ ވާދަވެރި ވިކްޓަރީން ކެރިއަރު ފެށި ނަމަވެސް އިމްރާން އޭރު ވެސް ބުނަމުން އައީ އޭނާ އަކީ ނިއުގެ ސަޕޯޓަރެއް ކަމަށާއި އެ ކްލަބަށް ކުޅެން ބޭނުންވާ ކަމަށެވެ. އޭނާ ނިއުއާ އެންމެ ފުރަތަމަ ގުޅުނީ 2012 ވަނަ އަހަރެވެ. އަދި 2013 ވަނަ އަހަރު ނިއު އިން ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށް އަދި އެ އަހަރުގެ އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު އިމްރާން ވަރަށް މުހިއްމު ދައުރެއް އަދާކުރި އެވެ.
ނިއުގައި ހަތަރު ހޭދަކުރުމަށް ފަހު 2015 ގައި މާޒިޔާ އަށް ބަދަލުވި އިމްރާން ދެ ވަނަ ފަހަރަށް ނިއު އަށް ބަދަލުވީ، މިދިޔަ އަހަރު ނިއުއާ ޒިޔާދު ހަވާލުވެ މާސިންގާ ބަޖެޓެއް ހަދައި ގެނައި ކުޅުންތެރިންގެ ތެރޭގައި ހިމެނިގެންނެވެ. މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް އަދި މި އަހަރުގެ އެސްޓީއޯ މާލޭ ލީގު ވެސް އުފުލާލި އެވެ. އެކަމަކު މި އަހަރުގެ ވަކި ހިސާބަކުން ކްލަބަށް މާލީ މައްސަލަތައް ދިމާވެ ބައެއް ސީނިއާ ކުޅުންތެރިން ޕްރެކްޓިހަށް ވެސް ހާޒިރެއް ނުވެ އެވެ.
ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ވެސް ކްލަބް ދޫކޮށްލީ މުސާރަ ނުދޭތީ އެވެ. އެ މައްސަލަ އެފްއޭއެމަށް ހުށަހެޅުމުން ކޮންޓްރެކްޓް ބާތިލްކުރުމުން އޭނާ ވަނީ ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލުވެފަ އެވެ.
ނިއުގެ އިތުރުން ރާއްޖޭގެ ވަރަށް ގިނަ ކްލަބްތަކަށް ވަނީ މާލީ މައްސަލަތައް ދިމާވެފަ އެވެ. މާޒިޔާ ފިޔަވައި އެހެން އެއްވެސް ކްލަބަކަށް ގަވާއިދުން މުސާރަ ނުދެވޭ ކަމަށްވެ އެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބް ކަމަށްވާ ވިކްޓަރީގެ ޕްރެކްޓިސް ވެސް އެ މައްސަލައިގައި ނުފެށި ވަރަށް ގިނަ ދުވަހު އޮތެވެ. މީގެ އިތުރުން ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ވެސް މިދިޔަ ތިން މަހުގެ މުސާރަ ނުލިބިގެން ކުޅުންތެރިން ވަރަށް ބޮޑަށް ޝަކުވާކުރި އެވެ.
އެކަންކަން ހައްލުކުރުމަށްޓަކައި އަންނަ އަހަރުން ފެށިގެން މުސާރައިގެ އޮނިގަނޑެއް ހަދައި ދެވޭނެ އެންމެ ބޮޑު މުސާރައެއް ކަނޑައަޅަން އެފްއޭއެމުން ވަނީ ނިންމައިފަ އެވެ. އަދި ކްލަބްތައް އަމިއްލަ ފައި މައްޗަށް ތެދުކުރުވަން ވެސް ފިޔަވަޅުތަކެއް އަޅާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު11
19 October 2018
އިއްމަ އައި ރެސްޕެކްޓް ޔޫ! އެކަމަކު ސުވާލަކީ ރާއްޖޭގައި ހުރި އެންމެ އަގުބޮޑު ގޯލްކީޕަރު މިއޮއް ދުވަހު ލިބުނުހާ ލާރިން އެއްޗެއް ރައްކާކުރެވިފައި ނެތީބާވައޭ! މުސާރަދޭންޖެހޭނެ. ރަނގަޅު! އެކަމަކު "ކައިގެން ބޮއިގެން އެހެން ގޮތެއް" އިއްމަފަދަ ސީނިޔާ މީހަކު ބޭނުން ކުރުމުން އަމިއްލަމީހާވެސް ކޮންމެވެސް ވަރަކައް އެބަ ބޭނޭ! ނިއުރޭޑިއަންޓް އެކަންޔެއްނޫން. ހުރިހާ ކްލަބެއްވެސް މިހާލަތުގައި. މަނަމަ ދިވެހި ފުޓުބޯޅައް ހުންނަ ލޯބިން އެއްޗެއް ނުދިނަސް ކުޅޭނަން.
ބިސްކޯދު
18 October 2018
މުސާރަދީގެން މުވައްޒަފުން ގެންގުޅެވޭނީ މުވައްޒަފުން އާމްދަނީއެއް ހޯދައިދޭނަމަތާ. ތިޔަބަޔަކު ކުޅޭތަން ބަލަން ޓިކެޓެއް ގަންނާނެމީހަކު ނޫޅޭ، ދެން ކުލަބުތަކުން ފައިސާ ހޯދަންޖެހޭނީ ސައިހޮޓާ އިސްތިހާރުކޮށްގެން، އެކަމަކު އެހެންވެސް ފައިސާ ލިބޭނީ ވަކިވަރަކަށްތާ.
ހެސހެސހެހހެ
18 October 2018
ހޫން މޮޅުވާހަކަ ދައްކާނެ އަދިވެސް ދަގޭ އައްދޭން އޮއްއެއްމެލާރި އެއްވެސް ނުދޭ
މީނަ
17 October 2018
މުރޭ ނިކަން ބުނެލަދީބަލަ ނިއުއިން ޒިޔާދު އިސްތިއުފާ ދީފިއްޔާ ދެން ހަވާލުވެވޭ ފެންވަރުހުރި މީހެއް. ސަޕޯރޓަރެއްގެ ހައިސިއްޔަތުން ކްލަބަށް ދެންވާނެގޮތް އެނގެން ބޭނުން.
ާއަހުމަދު
17 October 2018
ނިއުގެ ހާލަތާމެދު ދެރަވޭ ކުރިއަށް އޮތްތަނުގައި ވިސްނުން ތެރިކަމާއެކު ޓީމް އެކުލަވާލާނެ ކަމައް އުމްމީދު ކުރަން
ޒިޔާދު ސާރ
17 October 2018
ޒިޔާދު އިސްތިއުފާ ދީފިއްޔާ ދެން ކްލަބު ހިންގުމާ ހަވާލުވާނީ ކާކު؟ މިބުނީ އެވަރުގެ މީހަކު އެބަހުރިހެއްޔޭ؟ ނިއުރޭޑިއަންޓް ކަހަލަ ކްލަބެއް ހިންގޭނީ ވަރަށް ކުޅަދާނަ އަދި ދުރުވިސްނޭ މީހަކަށް. ވަރަށް ވެދުން.
ބަލަކް
18 October 2018
މިއޮއްހާ ދުވަހުވެސް ކްލަބު ހިންގިދޯ. ދުވަހަކުވެސް ކުޅުންތެރިންނާ މި ފާޑަކަށް ޖެހިނުގަނޭ! ޒިޔާދު އިސްތިއުފާ
ފުޓްބޯޅަ
18 October 2018
ތިިޔަ ބޭފުޅާގެ ވާހަކަޔާއި ނަމުން ހީވަނޫ އަލީ ވަހީދުހުރީ ނިއުރޭޑިއަންޓާއި ހަވާލުވާން ތައްޔާރުވާންހެން. އެކަމަކު ބުނަން ސިޔާސީ ބޭފުޅުންނަކަށް ކްލަބެއް ނުހިންގޭނެ، އެއީ އެވަރަށް ވަގުތު ނުދެވޭނެތީ. މިކަން ރާއްޖޭގެ ކްލަބުތަކުން ވަރަށް ސާފުކޮށް ފެންނަންއެއޮތީ. ވިކްޓްރީ އަޑިއަޅާލީވެސް މިހެންވެގެން. އަލީ ވަހީދަކީ ފުޓްބޯޅައިގެ މީހަކަސް ސިޔާސީ ކަންކަމާ ފުޓްބޯޅަޔާ އެއްފަރާތްކުރަންޖެހޭ. ވަރަށް ވެދުން.
އިސްތިއުފާ
17 October 2018
ނިއުރޭޑިއަންޓުގެ ސަޕޯރޓަރެއްގެ ޙައިޞިއްޔަތުން މިއަދު ވަރަށް ދެރަވެއްޖެ. ރާއްޖޭގެ ލެޖެންޑު އިމްރާނަށް ހެދިގޮތް އަހަރުމެންނަކަށް ޤަބޫލެއްނުކުރެވޭނެ. މިކްލަބު ހިންގަން އިނގޭ ބަޔަކާ ހަވާލުކުރަންޖެހޭ. އުންމީދުކުރަން ވަރަށް ބޮޑު އިންވެސްޓްމަންޓަކާއެކު ނިއި ވަރަށް ވަރުގަދަކޮށް އެނބުރި އަންނާނެކަމަށް. މިހާރު ޒިޔާދާއި އޭނާގެ ޓީމު އިސްތިއުފާދޭންވީ. ކްލަބު ހިންގަން އިނގޭ މީހަކާ ހަވާލުކުރުމަށް ގޮވާލަން. ނިކަން އެކަހަލަ މީހެއް ބުނެލަދީބަލަ.
ނަގިއްޔާ
17 October 2018
ޒިޔާދު ޓީމު ހިންގީ 'އެހެންވެއްޖެއްޔާ މިހެންވާނޭ" ކިއާ ފޯމިއުލާއެއް ބޭނުންކޮށް ނެތް ފައިސާއެއް ދޭން ކުޅުންތެރިންނަށް ވައުދުވެގެން. މިބުނީ އެއްވެސް ކަހަލަ ގެރެންޓީއެއްނެތް އޭއެފްސީ ކަޕް މުބާރާތުގެ މަތީހިސާބަކަށް ދެވި ލާރިގަޑެއް ލިބޭނެކަމަށް ކުރެވިފައޮއް އުންމީދަކަށް. އެހެންވެ ލަނޑު ލިބުނީ.
ސައިއްޓެ
17 October 2018
އިމްރާން އަށް ނިއުރޭޑިއެންޓް އިން އަލުން ފުރުސަތު ދިނުމަށް ގޮވާލަން. ޢަދި އޭނާގެ ހައްޤު ދީ ނިންމަންވާނެ. ޒިއާދު މެން ނިއުރޭޑިއަންޓް ތި ވައްޓާލީ ބޮޑު އަނދަވަޅަކަށް. ނުފޯރާ ފޮތިން ފޫ ނެގުޅުމަށް އެދެން.
ބުލޫސް
17 October 2018
ނިއުވަރުގަދަ ކޮން ނިކުންނަ ކޮންމެ ފަހަރަކު އެއްމެ ފުރަތަމަ އިންމަ މެން ދަގޭމެން އެ އުޅޭ ދެތިން މީހަކު އަންނާނެ. ނިއު ހަމަ ބަލިކަށިވީ އެއްމެ ފުރަތަމަ ޓީމް ދޫކޮށްލާނެ.