08 ނޮވެމްބަރ 2018 - 10:29
ލޮސް އެންޖެލިސް (ނޮވެމްބަރު 8) – ޔޫރަޕުގެ ޓީމުތަކުން އޮފާތަކެއް ލިބިފައިވީ ނަމަވެސް އަންނަ ސީޒަނުގައި ވެސް އެމެރިކާގެ އެލްއޭ ގެލެކްސީގައި ދެމި ހުރުމުގެ ފުރުސަތު ބޮޑު ކަމަށް ސްވިޑަން ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް ބުނެފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އިބްރަހިމޮވިޗުގެ ކުރީގެ ކްލަބެއް ކަމަށްވާ އިޓަލީގެ އޭސީ މިލާނުން އަންނަނީ ޖެނުއަރީ މަހު އޭނާ ގެންދަން މަސައްކަތްކުރަމުންނެވެ. އަދި ރެއާލް މެޑްރިޑުން ވެސް އޭނާ އަށް ޝައުގުވެރިވާ ކަމަށް ވާހަކަދެކެވެ އެވެ.
"އެއީ ސިއްރެއް ނޫން އަހަންނަށް ޔޫރަޕުން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ. އެކަމަކު އަހަރެން އިސްކަން ދެނީ ގެލެކްސީ އަށް. އަހަރެން މިތަނުގައި މިހިރީ އުފަލުން،" އިބްރަހިމޮވިޗް ބުންޏެވެ. "ކްލަބަށް އެނގޭ އަހަރެންގެ ހުރިހާ ބޭނުންތަކެއް. އެ ޓީމުން ބޭނުންވާ ކަމެއް އެނގޭނީ އެ ޓީމަށް. އެކަމަކު ވަރަށް ޕޮޒިޓިވްކޮށް އޮތީ."
ގެލެކްސީއާ އެކު މި ސީޒަނުގައި އިބްރަހިމޮވިޗް މޮޅު ކުޅުމެއް ދެއްކި ނަމަވެސް އެ ޓީމަށް އެމްއެސްއެލް ކަޕުގެ ޕްލޭއޮފުން ޖާގައެއް ނުލިބުނެވެ. އެ ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓް މި އަހަރުގެ ނިޔަލަށް ހަމަވީ ނަމަވެސް އަންނަ އަހަރު އާކުރެވެން އެބައޮތެވެ. އިބްރަހިމޮވިޗް ވަނީ އަންނަ އަހަރު ގެލެކްސީ އަށް ކުޅެން ބޭނުންވަނީ ތަށްޓަށް ވާދަކުރުމުގެ ރޫހުގައި ކަމަށް ބުނެފަ އެވެ.
"އަހަރެން މިތަނުގައި މިހިރީ ޗުއްޓީއަކަށް ނޫން. އަހަރެން މިތާ މިހުރީ ޗެލެންޖް ނަގައިގެން،" އިބްރަހިމޮވިޗް ބުންޏެވެ.
އުމުރުން 37 އަހަރުގެ އިބްރަހިމޮވިޗް ވަނީ ޔޫރަޕުގެ ބޮޑެތި އެތައް ޓީމުތަކެއްގައި މޮޅު ކުޅުމެއް ދައްކައި ތަށި ހޯދައިފަ އެވެ. އޭގެ ތެރޭގައި ނެދަލެންޑްސްގެ އަޔަކްސް އާއި އިޓަލީގެ ޔުވެންޓަސް، އިންޓަ، މިލާން އަދި ސްޕެއިނުގެ ބާސެލޯނާ އާއި ފްރާންސްގެ ޕީއެސްޖީ އަދި އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy