މިދިޔަ އަހަރުގެ މިހާރު އެވޯޑްސް ހަފްލާގެ ތެރެއިން ނަބީހާ އެވޯޑް ހިފައިގެން.-- ފޮޓޯ: މިހާރު
11 ފެބުރުއަރީ 2019 - 10:52
ރާއްޖޭގައި މިވަގުތު ހުރި އެންމެ އުއްމީދީ އެއް އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ އައިމިނަތު ނަބީހާ އަހުލާގީ މައްސަލައެއްގައި ގައުމީ ޓީމުން ސަސްޕެންޑްކޮށްފި އެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އިފްޝާން މުހައްމަދު (އިއްޕަ) ވިދާޅުވީ ނަބީހާ މިވަގުތު ގައުމީ ޓީމުގެ ޕްރެކްޓިސްތަކުން ދުރުކުރަން ނިންމީ ގައުމީ ޓީމުގެ މެނޭޖްމަންޓުން ކަމަށެވެ. އަދި އެ މައްސަލަ އެސޯސިއޭޝަނުގެ މެންޑޭޓުގެ ތެރެއިން ބަލަމުން އަންނަ ކަމަށާއި ސަސްޕެންޝަންނާ މެދު ވަކި ގޮތެއް ނިންމާނީ އެ އަށް ފަހު ކަމަށެވެ.
ނަބީހާ ބުނީ މީގެ ދެ ހަފުތާ ކުރިން އޭނާ ގައުމީ ޓީމުން ސަސްޕެންޑްކުރީ ގައުމީ ޓީމުގެ ހާޒިރީ ލިސްޓުގައި، ޕްރެކްޓިހަށް ހާޒިރުނުވާ ކުޅުންތެރިންގެ ނަމާ ދިމާލުގައި ނާންނަކަން ފާހަގަކުރުމުން ކަމަށެވެ. އަދި އެކަން ކުރި ސަބަބަކީ ކޯޗަށް ހާޒިރީ ކަންތައްތައް ރަނގަޅަށް ނުބެލި، ޕްރެކްޓިހަށް ހާޒިރުނުވާ ކުޅުންތެރިން ވެސް، އައި ކަމަށް ފާހަގަޖަހާތީ އެކަމާ ދެކޮޅަށް ކަމަށެވެ.
އެކަމަކު އެކަން ކުރެވުމުން ކޯޗާއި މެނޭޖަރުގެ ކިބައިން މައާފަށް އެދި ފަހުން އެސޯސިއޭޝަނަށް ވެސް މައާފަށް އެދި ސިޓީއެއް ފޮނުވި ކަމަށް އޭނާ ބުންޏެވެ. އެކަމަކު އެންމެ ބޮޑު ކަންބޮޑުވުމަކީ ސަސްޕެންޝަނުގެ މުއްދަތެއް ނޭނގޭތީ ކުޅުމާ ދުރު ހުންނަން ޖެހުންކަން ވެސް އޭނާ ފާހަގަކުރި އެވެ.
"މައްސަލަ ޖެހުނީ އަމިއްލަ އަށް ކުރެވުނު ކަމަކުންކަން ގަބޫލުކުރަން. އެކަމަަށް މައާފަށް ވެސް އެދެފިން. އުއްމީދުކުރަނީ އަލުން ގައުމީ ޓީމާ ގުޅެވި ވީ އެންމެ އަވަހަށް ކުޅުމުގެ ފުރުސަތު ލިބުން. އެންމެ ބޮޑު ކަންބޮޑުވުމަކީ ސަސްޕެންޑްކުރީ ކިހާ މުއްދަތަކަށްކަން މިހާތަނަށް އެސޯސިއޭޝަނުން ވެސް އަންގާފައިނެތީމާ،" އޭނާ ބުންޏެވެ.
ބައިނަލްއަގްވާމީ މުބާރާތްތަކަށް ކުޅުންތެރިން ނަގާއިރު އެންމެ ބޮޑަށް ބަލަނީ މާލޭގައި ކުރެވޭ ޕްރެކްޓިސްތަކުގެ ހާޒިރީ އަށެވެ. މުބާރާތްތަކުން ފުރުސަތު ލިބެނީ އެ ޕްރެކްޓިސްތަކުގެ 80 އިންސައްތަ ހާޒިރީ ހޯދާ ކުޅުންތެރިންނަށެވެ. އެހެން ކަމުން ސަސްޕެންޝަނުގައި ހުންނަ މުއްދަތުގައި ގެއްލޭ ޕްރެކްޓިސްތަކުގެ ސަބަބުން މި އަހަރު އޮންނަ މުބާރާތްތަކުގައި ކުޅުމުގެ ފުރުސަތު ގެއްލުމުގެ ބިރު ނަބީހާ އަށް ވަނީ ބޮޑުވެފަ އެވެ.
މިދިޔަ އަހަރުގެ "މިހާރު އެވޯޑްސް" ގެ އެންމެ އުއްމީދީ އަންހެން ކުޅުންތެރިއާގެ މަގާމާއި ތިން ވަނަ އަށް އެންމެ މޮޅު އަންހެން ކުޅުންތެރިއާގެ މަގާމު ހޯދި ނަބީހާ އަކީ ގައުމީ އަންހެން ޗެމްޕިއަންކަން ހޯދުމުގެ އިތުރުން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ގިނަ މެޑަލްތަކެއް ރާއްޖެ އަށް ހޯދައިދީފައިވާ ކުޅުންތެރިއެކެވެ.
ފާއިތުވި އަހަރުތަކުގައި ގައުމީ ބެޑްމިންޓަން ޓީމުން ސަރަހައްދުގައި ހޯދި ހުރިހާ ކާމިޔާބީތަކުގައި ނަބީހާގެ ދައުރުބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭބެ
13 February 2019
މި ގައުމަކީ ކުޅިވަރާ ކުޅުންތެރިން ހަލާކު ކުރާ ގައުމެއް. މިކަން އެއްފަރާތުގަ ބާއްވާފަ ބޭބެ ބުނާނީ ނަބީހާ ތިކުރީ އެ މީހުން ނަބީހާ ކުރެން މާފަށް އެދެންޖެހޭ ވަރުގެ ކަމެކޭ.
ޞައްދާމު
12 February 2019
ތިކަހަލަ ކަންތަކަށް ކިޔާނީ އިދާރީ މައްސަލަ! ތީކީ އަޚުލަޤީ މައްސަލައެއްނޫން!
ކޯޗު
12 February 2019
ތިޔައީ ވަރަށް ބޮޑު ކޮރަޕްޝަންގެ ޢަމަލެއް، ޚާޒިރުނުވާ ކުޅުންތެރިން ޚާޒިރުވިކަމަށް ޖަހައިގެން މުސާރަ ނެގުމަކީ ކޮރަޕްޝަންގެ ޢަމަލެއް. ތިޔަމައްސަލަ ސްޕޯޓްސް ކައުންސިލުންނާއި އެންޓި ކޮރަޕްޝަނުން ބަލަންޖެހޭ. ނަބީހާ ތިޔަކަން ހާމަކުރުމު ދޭންޖެހޭ ހިމާޔަތް ދޭން ގޮވާލަން.!
ނަބީހާ
12 February 2019
ސުކުރިއްޔާ... ކުށްކުރެވުނީ އަޅުގަޑަށް....އެކަމެއް ތަކުރާރެއް ނުކުރާނަން...
އަބްދުއްالله
12 February 2019
ކޯޗު ނާޖާއިޒު އަމަލެއް ހިންގީމަ އަހުލާގީ މައްސަލައެއް އޮތީ ކޯޗުގެ. ރައީސު މީހާއަށް ވަގުތުން އަންގާ. ނާޖާއިޒު ކަންތައް ވަގުތުން އަންގަން ރަޢީސު މީހާ އޮތީ ހަރުއަޑުން ބުނެފަ.
ޅިޔަނާ
12 February 2019
ބަލަގަ ތިޔަ ކޯޗެއްގެ މައްސަލަ ކޮބާތަ
އަސްތާ
12 February 2019
އޭ މީތި ކަޑަ، މިނޫންގޮތެއް އޮންނަންވާނެ، ތިކަމުގަ ކޯޗުގެ އިހުމާލެއް ެބަވޭ، އެވެސް ބަލަން ޖެހޭ ކަމއެއްނުންތޯ.
ޭވުޑް
12 February 2019
ނަބީހާ އަށް އިންސާފު ހޯދައިދިނުން އެދެން... ނަބީހާ ހަައްގު ހޯދަން މަސައްކަތް ކުރުން އެދެން...
ނުބައިހާނު
12 February 2019
ތީގަ ނަބީހާގެ އަޚުލާޤީ މައްސަލަ އަށްވުރެ ބޮޑަށް މަށަށް ފެންނަނީ އެސޯސިއޭޝަނާ ކޯޗުގެ އަޚުލާޤީ މައްސަލަ. ރަނގަޅަށް ނުބެލޭނަމަ އިންސާފުވެރި ނުވެވޭނަމަ މަޤާމުތަކުން އިސްތިއުފާދީ. ރަނގަޅަށް ޕްރެކްޓިސަށް އަންނަ ކުދިންގެ ރަސްގެ ޖަހާފަ ނާންނަ ކުދިން އައިކަމަށް ޖަހާ ކޮރަޕްޓު މީހުން ބޭނުންނޫން. މިކަމާ ދެކޮޅަށް ކަނބުލޮ ތިކުރީ ޙައްޤު އިޙުތިޖާޖެއް.
raajjethereymeehaa
12 February 2019
ނަބީހާ މަޢާފަށްއެދޭކަށް ނުޖެހޭ. ތިޔަމައްސަލަ ރަނގަޅަށް ތަހުގީގުކޮށް ކޯޗާދޭތެރެފިޔަވަޅުއަޅާ. ފަހެ ޕްރެކްޓިސްއަށް ނައިސް ޙާޒިރުވިކަމަށް ފާހަގަޖަހާ ކުޅުންތެރިން ބޭރުގެ މުބާރާތްތަކަށް ދާއިރު ގަވާއިދުން ހާޒިރުވާ ކުޅުންތެރިޔާ ބާކީވަނީ. އެސޯސިއޭސަނުން ނަބީހާގެކިބައިން މަޢާފަށްއެދެންޖެހޭވަރުގެކަމެއް ތިއީ. އަސްލު މިވެސް ކްރޮޕްޝަންގެ އަމަލެއް. ނަބީހާ އެކަންހުއްޓުވީމަ އަދަބުލިބުނީ ނަބީހާއަށް. މީއެންމެ ރަނގަޅުގޮތެއްނޫން. ނަބީހާއަށް ސާބަސް