ޕްރިމިއާ ލީގު ކެންސަލްކުރަން މެޖޯރިޓީ ދެކޮޅު: ރިޕޯޓް

ލަންޑަން (މާޗް 25) - ހަލުވިކަމާ އެކު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ރޯގާއާ ހެދި މެދުކަަނޑާލާފައިވާ އިނގިރޭސި ޕްރިމިއާ ލީގު އެއްކޮށް ކެންސަލްކުރަން މެޖޯރިޓީ ކްލަބްތަކުން ބޭނުންނުވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އާއި ޗެލްސީގެ ވިންގް ކަލުމް ހަޑްސަން-އޮޑޯއީއާ ކޮވިޑް-19 ޖެހުމާ އެކު އިނގިރޭސި ޕްރިމިއާ ލީގާއި އިނގިރޭސި ފުޓްބޯޅަ މުބާރާތްތައް ފަސްކުރަން އެ ގައުމުގެ އެފްއޭ އިން ނިންމީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އޭގެ ފަހުން އަންނަ މަހު ތިން ވަނަ ދުވަހު މުބާރާތްތައް ފަށަން ތާވަލުކުރި ނަމަވެސް ފަހުން ކްލަބްތަކާ އެކު ބޭއްވި ވީޑިއޯ ކޮންފަރެންސަށް ފަހު އިނގިރޭސި އެފްއޭ އިން ނިންމީ އަންނަ މަހުގެ 30 ވަނަ ދުވަހާ ހަމައަށް ލީގު މެދުކަނޑާލުމަށް ފަހު އެވެ.

މި ފަހަރުގެ ސީޒަން ކުރިއަށްގެންދެވޭނެ މާހައުލެއް ގާއިމްކުރެވޭނެ އިރެއް ޔަގީންކަމާ އެކު އެއްވެސް ފަރާތަކަށް ބުނަން ނޭނގޭތީވެ ލީގު ފެށޭނެ ސީދާ ތާރީހެއް އޮތީ ކަނޑަނޭޅި އެވެ. ގިނަ ފަރާތްތަކުން ގަބޫލުކުރާގޮތުގައި އަންނަ މަހުގެ 30 ވަނަ ދުވަހު ވެސް އަލުން ފެށޭނެ ކަމުގެ މާ ބޮޑު ޔަގީންކަމެއް ނެތެވެ. އެހެންވުމާ އެކު ބައެއް ފަރާތްތަކުން އަންނަނީ މި ފަހަރުގެ ސީޒަން އެއްކޮށް ކެންސަލްކޮށްލަން ޖެހޭ ކަމަށް ބުނަމުންނެވެ.

ދި އެތުލެޓިކްގައި ރިޕޯޓްކުރާގޮތުގައި އިނގިރޭސި އެފްއޭ އިން ބޭއްވި ކޮންފަރެންސްގައި ބައެއް ކްލަބްތަކުން ވަނީ މި ސީޒަން އެއްކޮށް ކެންސަލްކޮށްލަން ޖެހޭ ކަމަށް ބުނެފަ އެވެ. އެކަން ހުށަހެޅި ދެ ކްލަބަކީ ޓޮޓެންހަމާއި ވެސްޓް ހޭމް ޔުނައިޓެޑުންނެވެ. އެކަމަކު އެ ކަމަށް ދެން އެއްވެސް ކްލަބެއްގެ ރުހުން ނުލިބުނެވެ. އަދި އިނގިރޭސި އެފްއޭ އިން ވެސް ވަނީ އެއީ ރަނގަޅު ކަމެއް ގޮތުގައި ނުދެކޭ ކަމަށް ބުނެފަ އެވެ. ސަބަބަކީ ޔޫރަޕްގެ ގައުމުތަކުގެ ސީޒަން ފުރިހަމަ ކުރުމުގެ ގޮތުން މި ފަހަރު ބާއްވަން އޮތް ޔޫރޯ އާއި ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ލަސްކޮށްދީފައި އޮތުމުންނެވެ.

އަގުބޮޑު ގިނަ ސްޕޮންސަޝިޕް އެއްބަސްވުންތަކަކާ އެކު ކުރިއަށްދާ އިނގިރޭސި ޕްރިމިއާ ލީގު އެއްކޮށް ނިންމާލުމަށް ގިނަ ސްޕޮންސަރުން ވެސް ވަނީ ބާރު އަޅައިފަ އެވެ. އަދި އިނގިރޭސި ފުޓްބޯޅަ ސީޒަން އެއްކޮށް ނިންމާނުލެވިއްޖެނަމަ 1.5 ބިލިއަން ޑޮލަރުގެ ގެއްލުމެއްވާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ. ރިޕޯޓްތައް ބުނާގޮތުގައި އިނގިރޭސި އެފްއޭގެ ފުރަތަމަ ވިސްނުމަކީ ސަޕޯޓަރުން ވައްދައިގެން މެޗުތައް ކުރިއަށްގެންދެވޭނެ މާހައުލެއްގައި އެކަން ކުރުމެވެ. އެކަމަކު އެ ފަދަ ފުރުސަތެއް ނުލިބިއްޖެނަމަ ސަޕޯޓަރުން ނުވައްދައި މެޗުތަށް ކުރިއަށްގެންދަން ވެސް އިނގިރޭސި އެފްއޭ އޮތީ ތައްޔާރަށެވެ.

ކްލަބްތަކުގެ އިސްފަރާތްތަކާ އެކު އެފްއޭ އިން ބޭއްވި ކޮންފަރެންސްގައި ސީޒަން ނިންމާލުމަށް އެފްއޭ އިން ކުރާ މަސައްކަތުގައި އެންމެ ބޮޑަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދިން އެއް ޓީމަކީ މެންޗެސްޓާ ޔުނައިޓެޑެވެ. ޔުނައިޓެޑްގެ ވައިސް ޗެއާމަން އެޑް ވުޑްވާޑް ވިދާޅުވީ ސީޒަން ފުރިހަމަކުރުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ވެސް ކުރަން ޖެހޭނެ ކަމަށެވެ. ސަބަބަކީ ސީޒަނެއް ފުރިހަމަނުކޮށް ހުއްޓާލައިފިނަމަ އޭގެ ސަބަބުން ލިބޭ މާލީ ގެއްލުމުގެ ސަބަބުން ގިނަ ކްލަބްތަކެއް އަހަރު ދުވަސް ތެރޭގައި ބަނގުރޫޓްވުމުގެ ފުރުސަތު އޮތުމުން ކަމަށް ވުޑްވާޑް ވިދާޅުވި އެވެ.

މެންޗެސްޓާ ސިޓީގެ ފަރާތުން ހުށަހެޅީ އަންނަ ސީޒަން ފެށުން ލަސްކޮށްގެން ވެސް މި ސީޒަން ފުރިހަމަކުރުން މުހިއްމު ކަމަށް ބުނެފަ އެވެ. އަދި މީގެ ސަބަބުން އަސަރުކުރަނީ ޕްރިމިއާ ލީގުުގެ ޓީމުތަކަށް ވުރެ ދަށް ޑިވިޝަނުން ޕްރޮމޯޓްވާން މަސައްކަތްކުރާ ޓީމުތަކަށް ކަމަށާއި ލީގުގެ ހަތަރު ބައި ކުޅަ ތިން ބައި ފުރިހަމަވެފައިވަނިކޮށް މުބާރާތް ކެންސަލް ކުރުމަކީ ގޯސް ނިންމުމެއް ކަމަށާއި އެ ފަދަ ކަމަކަށް ސިޓީން އެއްބާރުލުން ނުދޭނެ ކަމަށް ބުނެފައިވެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި މި ވަގުތު ލިވަޕޫލް އޮތީ 25 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ލީގު ކަށަވަރުކުރަން ލިވަޕޫލަށް ބޭނުންވަނީ ހަ ޕޮއިންޓެވެ. ލީގު ހުއްޓާލައިފިނަމަ ލިވަޕޫލަށް ލީގު ތަށި ދޭން ޖެހޭނެ ކަމަށް ބުނެ، އިނގިރޭސި ފުޓްބޯޅައިގެ އެކި ތަޖުރިބާކާރުން އަޑުއުފުލަމުންދިޔަ ނަމަވެސް އެކަމާ ދެކޮޅަށް ވާހަކަ ދައްކާ ފަރާތްތަކުން ވަނީ ނުނިމޭ ސީޒަނެއްގެ ޗެމްޕިއަނެއް ކަނޑަނޭޅޭނެ ކަމަށް ބުނެފަ އެވެ.

މުޅި ދުނިޔެ އަށް ފެތުރިފައިވާ ބަލިމަޑުކަމަކަށް ބަދަލުވެފައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ކަނޑައަޅާފައިވާ ކޮވިޑް-19 މިހާތަނަށް ދުނިޔޭގެ ގިނަ ގައުމުތަކަކުން ވަނީ ފެނިފަ އެވެ. މިހާރު މި ބަލީގެ ނުރައްކާ އެންމެ ބޮޑުވެފައިވަނީ ޔޫރަަޕަށެވެ. މި ވަގުތު މި ބަލީގެ ސަބަބުން އެންމެ ބޮޑު އަޑިގަޑެއްގެ ތެރޭގައި އޮތް އިޓަލީ އާއި ސްޕެއިނުން ވެސް އަންނަނީ މެއި މަހު އަލުން ލީގު ފެށުމަށް މަސައްކަތް ކުރަމުންނެވެ. އަދި ޖަރުމަނާއި ފްރާންސް އިން ވެސް މެއި މަސް ތެރޭގައި ލީގު ފަށަން ވަނީ މަސައްކަތް ފަށައިފަ އެވެ.