01 ޖޫން 2020 - 17:35
މެންޗެސްޓާ (ޖޫން 1) - މެންޗެސްޓާ ޔުނައިޓެޑުން ލޯން ޑީލެއްގައި ގެނައި ޗައިނާގެ ޝަންހާއީ ޝެންހުއާގެ ނައިޖީރިއާ ފޯވާޑް އޮޑިއޯން އިގާލޯގެ އެއްބަސްވުން އިތުރުކޮށްފި އެވެ.
މިދިޔަ ޖެނުއަރީ މަހު ޔުނައިޓެޑުން އިގާލޯ ގެނައީ މިިދިޔަ މަހުގެ 31 އާ ހަމަ އަށް ލޯން ޑީލެއްގަ އެވެ. އެކަމަަކު ކޮވިޑް-19ގެ ސަބަބުން ސީޒަން މެދުކަނޑާލަން ޖެހުމާ ގުޅިގެން އިގާލޯ އަށް އަލުން ލީގު ފެށުމުން ޓީމުގައި މަޑުނުކުރެވޭނެ ކަމަށް ބެލެވުނެވެ. އެއީ އެއްބަސްވުން އާ ކުރަން ޔުނައިޓެޑުން ކުރި މަޝްވަރާތައް ފުރަތަމަ ކާމިޔާބުވާގޮތް ނުވުމުންނެވެ.
އުމުރުން 30 އަހަރުގެ އިގާލޯ ޔުނައިޓެޑްގައި ބަހައްޓަން އެންމެ ބޭނުންވީ އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އެވެ. ސޯލްޝެއާގެ އެދުމާ އެއްގޮތަށް ޔުނައިޓެޑުން މިހާރު ޝަންހާއީއާ އެކު އެއްބަސްވުމަކަށް އައިސް އަންނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށް ވަނީ އިގާލޯގެ ލޯން އިތުރުކޮށްފަ އެވެ.
"އަހަރެން އެދެނީ އިގާލޯ މި ޓީމާ އެކު ފެށި މަސައްކަތް ފުރިހަމަކުރަން،" ސޯލްޝެއާ ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުން އިގާލޯގެ ޑީލް އިތުރުކުރަން ޔުނައިޓެޑުން ނިންމީ އެ ޓީމުގެ ކޮންޓްރެކްޓްގައި އަދިވެސް ހުރި އަދި މި ވަގުތު އިންޓަ އަށް ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެމުން އަންނަ ޗިލީ ފޯވާޑް އަލެކްސިސް ސަންޗޭޒްގެ މުސްތަގުބަލާ މެދު ވެސް ގޮތެއް ނިންމުމަށް ފަހު އެވެ. އެ ގޮތުން ޔުނައިޓެޑުން ވަނީ އިންޓަގައި ސަންޗޭޒްގެ ލޯން އިތުރުކުރަން މަޝްވަރާތައް ފަށައިފަ އެވެ. އިންޓަ އިން ބޭނުންނަމަ ސަންޗޭޒްގެ އެއްބަސްވުން ދާއިމީ ކުރަން ވެސް ޔުނައިޓެޑުން އޮތީ ތައްޔާރަށެވެ.
ކުރިން ވަޓްފޯޑަށް ކުޅެފައިވާ އިގާލޯ ވަނީ ޔުނައިޓެޑާ ގުޅުނު ފަހުން ކުޅުނު އަށް މެޗުން ވަނީ އެ ޓީމަށް ހަތަރު ގޯލު ޖަހައިދީފަ އެވެ. އޭނާ ބޮޑަށް ބޭނުންކޮށްފައިވަނީ ޔޫރޮޕާ ލީގުގެ މެޗުތަކުގަ އެވެ. މި މަހުގެ 17 ވަނަ ދުވަހު ޕްރިމިއާ ލީގު އަލުން ފަށަން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy