13 ޖެނުއަރީ 2021 - 11:34
ރީތި ފުޓްބޯޅައެއް ކުޅުވަން ބޭނުންވާ ކޯޗުން ރާއްޖޭގައި އެބަތިއްބެވެ. މި ވަގުތު ގިނަ ބަޔަކު އެންމެ ގަޔާވާ ތިރިން ޕާސް ޖަހައިގެން ކުޅޭ ފުޓްބޯޅަ ކުޅެން ކުޅުންތެރިން ވެސް ބޭނުންވެ އެވެ. އެކަމަކު މި ހުރިހާ ކަމެއް ވެސް އައިސް ހުއްޓެނީ އެންމެ ހިސާބެއްގަ އެވެ. އެއީ ގަލޮޅު ދަނޑާ ހަމައިންނެވެ. މެޗު ކުޅުމުގެ ހުރިހާ ކަމެއް ކަހަލަ ގޮތަކަށް ބިނާވެފައި އޮންނަނީ ދަނޑުގެ ވިނަގަނޑުގެ ހާލަތަށެވެ. ބިދޭސީ ކޯޗުން އަބަދުވެސް ތަކުރާރު ކުރަނީ އެ ވާހަކަ އެވެ. ރަނގަޅު ފެންވަރުގެ ބޯޅައެއް ކުޅޭނަމަ ރަނގަޅަށް ދަނޑު ބަލަހައްޓަންޖެހޭ ކަމާއި ވިނަގަނޑު ވެސް ރަނގަޅުކުރަންޖެހޭ ވާހަކަ އެވެ.
މާލޭގައި 2015 ވަނަ ބޭއްވި ޕީޕަލްސް ކަޕުގައި ވާދަކުރި ސިންގަޕޫރުގެ ލަޔަންސް ކޯޗު ފަންޑީ އަހުމަދު ބުނީ އެންމެ ދަނޑެއް އޮންނަ ގައުމުތަކުގައި ފުޓްބޯޅަ ކުރިއަރުވަން އޮންނަ ހުރަހަކީ ދަނޑު ބެލެހެއްޓުމުގައި ރަނގަޅު އުސޫލެއް ނެތުން ކަމަށެވެ.
"ދަނޑުގައި ރޯލަރު އެޅުން ދަނޑަށް ފެންޖެހުން. ދަނޑުގެ ވިނަގަނޑު ބެލެހެއްޓުން. މި ހުރިހާ ކަމެއް ބިނާވެގެން އެކުވެ ކުރެވޭ ރަނގަޅު މަސައްކަތަކުން ފުޓްބޯޅަ ބަދަލު މި ވަނީ،" ނިއު އަތުން 3-1 އިން ކުރި ހޯދި މެޗަށް ފަހު ފަންޑީ ބުންޏެވެ.
ގައުމީ ފުޓްބޯޅަ ޓީމަށް 2018 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕް ކާމިޔާބުކޮށްދިން ކްރޮއޭޝިއާގެ ޕީޓަ ސެގާޓް އެ މުބާރާތަށް ބަންގްލަދޭޝްގައި ހުރެ "މިހާރު" އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ އަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަނޑުގެ ވިނަގަނޑު ރަނގަޅު ހާލަތެއްގައި ނެތި ބޭނުންވާ ސްޓައިލުގެ ފުޓްބޯޅަ ކުޅެން ދިމާވާ އުނދަގޫތައް ކަމަށެވެ.
"ގަތަރަށް އަހަރެން ޓްރެއިނިން ކޭމްޕް ދަނީ އެ ތަނުގައި ކުޅުންތެރިންގެ ސްކިލް (ހުނަރު) ޑިވެލޮޕްކޮށްލެވޭ ވަސީލަތް ހުރުމުން. އަހަރެން ނުބުނަން އެ ލެވަލްގެ ދަނޑެކޭ އޮންނަން ޖެހެނީ. އެކަމަކު މެއިންޓެއިން ކުރުން ރަނގަޅުވާން ޖެހޭ. އަހަންނަށް މާލޭގައި ވެސް ބަންގްލަދޭޝްގައި ވެސް ފެންނަ މަންޒަރު އެއް ކަހަލަ. ވިނަގަނޑު އެއްވަރުކޮށް ނޫނީ ދެ މެޗު މެދުތެރެއިން ދަނޑުގެ ހާލަތު ރަނގަޅުކުރުމަށް މާ ބޮޑު ސަމާލުކަމެއް ދޭތަނެއް ނުފެނޭ،" ސެގާޓް ބުންޏެވެ.
މިދިޔަ ތިން ވަރަކަށް އަހަރަށް ބަލާއިރު ރާއްޖޭގައި ބިދޭސީ ކޯޗަކު އައިސް އެންމެ ރަނގަޅު މަސައްކަތެއް ކުރި އެއް ކޯޗަކީ ނިއު ރޭޑިއަންޓާ ހަވާލުވި ސްޕެއިނުގެ ކޯޗު އޮސްކާ ބްރުޒޮން އެވެ. ނިއުއާ 2017 ވަނަ އަހަރުގެ ސީޒަނުގެ މެދުތެރެއިން ހަވާލުވެ މަހެއްހާ ދުވަސްތެރޭ އޮސްކާ ބޭނުންވާ ސްޓައިލުގެ ފުޓްބޯޅަ އަށް އެ ޓީމު ހޭނުވި އެވެ. އެކަމަކު އޮސްކާ އަށް އޭނާ ބޭނުންވާ އެންމެ ރަނގަޅު ގޭމް، ތިރިން ޕާސް ދީގެން ބޯޅަ ހިފަހައްޓައިގެން އެ ކުޅޭ ފުޓްބޯޅަ ކުޅުމަށް ދިމާވި ގޮންޖެހުމަކީ ވެސް ދަނޑުގެ ވިނަގަނޑެވެ.
"ރަނގަޅު ފުޓްބޯޅަ އަކަށް ބޭނުންވަނީ ހަމައެކަނި ރަނގަޅު ކުޅުންތެރިންނެއް ނޫން. ރަނގަޅު ޕިޗެއް (ވިނަގަނޑެއް) ވެސް އޮންނަން ޖެހޭ. އަހަރެން ބޭނުންވާ ގޭމް ކުޅެން ބަލާއިރު އެކި ދުވަހު އެކި ގޮތަށް މިދަނީ. އަހަންނަށް އެނގޭ ރިއަލިސްޓިކް ވާހަަކައެއް ނޫން އަބަދު އެއް ލެވަލަށް ކުޅެވޭނެއޭ ބުނުމަކީ. އެކަމަކު ރިއަލިސްޓިކް ކަމަކަށްވާނެ އެއް ލެވަލެއްގައި ކުޅެވޭ ވަރަށް ދަނޑުގެ ވިނަގަނޑު މެއިންޓެއިން ކުރެވެންޏާ. ރޯލަރު އަޅައި ފެންޖަހައި މި ކަހަލަ ކަންކަމަކީ ފުޓްބޯޅަ ދަނޑެއްގައި ގަވާއިދުން ކުރެވެން ޖެހޭ ކަންކަން،" ނިއު އަށް ހަތަރު ތަށި ހޯދައިދިން އޮސްކާ 2018 ވަނަ އަހަރުގެ މާލޭ ލީގުގެ މެޗެއްގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ބުންޏެވެ.
ރާއްޖެ އަށް އޭއެފްސީ ކަޕްގެ މެޗުތައް ކުޅެން އައި ބެންޗަލޫރުގެ ދެ ކޯޗުން ވެސް ވަނީ ދަނޑުގެ ވިނަގަނޑުގެ ހާލަތާ މެދު ޝަކުވާތަކެއް ކޮށްފަ އެވެ. ބެންގަލޫރުގެ ކޯޗަކަށް ކުރިން ހުރި ބާސެލޯނާގެ މިހާރުގެ ކޯޗިން ޓީމުގައި ހިމެނޭ އަލްބާޓް ރޮކާ 2017 ވަނަ އަހަރު އޭއެފްސީ ކަޕްގައި މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ބުނީ އޭނާ ބޭނުންވަނީ ތިރިން ޕާސް ޖަހައިގެން ކުޅޭ ފުޓްބޯޅަ ކުޅެން ކަމަށާއި އެކަމަކު ރާއްޖޭގެ ދަނޑުގެ ހާލަތުގެ ސަބަބުން މަޖުބާރުވާ އެއް ކަމަކީ ލޯންގް ބޯޅަ ކުޅުން ކަމަށެވެ.
Galolhu dhandu ge vina gandu halaaku vumun league match thah faskoffi
The most trusted news source in the Maldives
Mihaaru
އެކި ހަރަކާތްތައް ބާއްވަން ދަނޑު ބޭނުންކުރި ގޮތުން ވެސް ދަނޑުގެ ވިނަގަނޑު ވަނީ ހަލާލުވެފައި
މި ފަހަރުގެ ފުޓްބޯޅަ ސީޒަނުގައި ރާއްޖޭގެ ކްލަބެއްގައި މި ވަގުތު މަސައްކަތް ކުރަމުން އަންނަނީ އެންމެ ބިދޭސީ ކޯޗެކެވެ. އެއީ ދާދި ފަހުން މާޒިޔާއާ ހަވާލުވި ސާބިއާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް އެވެ. ކުރިން ސާބިއާ ގައުމީ ޓީމުގެ އެސިސްޓަންޓަކަށް މަސައްކަތްކުރި ވިޑަކޮވިޗް މިހާތަނަށް މާޒިޔާ އަށް ކޯޗުކޮށްދިނީ އެންމެ މެޗެއްގަ އެވެ. އެއީ ލީގުގައި އެންމެ ފަހުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން މޮޅުވި މެޗުގަ އެވެ.
އެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވިޑަކޮވިޗް ފާހަގަކުރި އެއް ކަމަކީ އޭނާ ބޭނުންވާ ކުޅުން ދައްކަން މަސައްކަތްތަކެއް ކުރެވުނު ކަމަށާއި ކަންބޮޑުވި ކަންތައްތަކުގެ ތެރެއިން އެއް ކަމަކީ ބޭނުންނުވާ ލޯންގް ބޯޅަތަކެއް ކުޅުން ކަމަށެވެ. އެއީ ދަނޑުގެ ހާލަތުގެ އޮތް ގޮތުން ކުޅުންތެރިން ކުރަން ޖެހޭ ކަމެއްތޯ ސުވާލުކުރުމުން ވިޑަކޮވިޗް ބުނީ ރަނގަޅު ޕިޗެއްގައި ކުޅޭނަމަ އެ ކަހަލަ ކަންކަން މަދުވާނެ ކަމަށެވެ.
"ބޭނުންވާ ފުޓްބޯޅަ ކުޅެން ބަލާއިރު ދަނޑުގެ ވިނަގަނޑު މި އޮތީ ބޭނުންވާ ގޮތަކަށް ނޫނޭ ބުނެވިދާނެ. ފެސިލިޓީ ރަނގަޅުކުރަން ޖެހޭ. މިސާލަކަށް އިދިކޮޅު ޓީމުން ޕްރެސްކޮށްލާ ވަގުތުގައި ކޮންފިޑެންސާ އެކު ޕާހެއް ޖެހޭނެ ގޮތެއް ދަނޑުގެ ހާލަތުގެ ސަބަބުން ނޯންނާތީ އެބަޖެހޭ މަތިން (ލޯންގް ބޯޅަ) ޖަހަން ވެސް. ފުޓްބޯޅަ ރަނގަޅު ކުރެވޭނީ މި ކަހަލަ ކަންކަން ވެސް ރަނގަޅުވެގެން،" ފުޓްބޯޅަ ކެރިއަރުގައި ސްޕެއިނުގެ ކްލަބްތަކަށް ކުޅުމަށް ފަހު ކޯޗިން ކެރިއަރުގައި ވެސް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ ވިޑަކޮވިޗް ބުންޏެވެ.
ސީޒަން ފަށާއިރު ވިނަގަނޑު އެއްވަރުކުރުމުގެ މަސައްކަތްތައް ރަނގަޅަށް ކުރުމަށް ފަހު ދެން މެޗުތައް ފަށާ ފަހުން ގަވާއިދުން ފެން ޖެހުމާއި ރޯލަރު އެޅުން ފަދަ ކަންކަންނުކުރާތީ ދިވެހި ކޯޗުން ވެސް އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ގިނަ ފަހަރުތަކުގައި ދިވެހި ކޯޗުން އެ ވާހަކަތައް ދެއްކުން ހުއްޓާލަން ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ އެކަންކަން ކޮޅެއްގައި ނުޖެހި އެކަމަށް ދެން އާދަވާތީ އެވެ. އެކަމަކު ހައްލެއް ލިބެންދެން ވެސް އެ ވާހަކަ ދައްކާ ކޯޗުން ވެސް މަދެއް ނޫނެވެ.
އަހަރުން އަހަރަށް އަޅާކިޔާއިރު މި ވޭތުވެދިޔަ ފަސް ވަރަކަށް އަހަރު ތެރޭ ކުޅުންތެރިންގެ އަނިޔާގެ މައްސަލަތައް ރާއްޖޭގައި އަންނަނީ އިތުރުވަމުންނެވެ. ފުރަތަމަ ޑިވިޝަނުގެ އެކި ކްލަބްތަކުގައި ޓްރެއިނަރެއްގެ ގޮތުގައި މަސައްކަތްކުރި އެއް ކޯޗަކު ބުނީ އަނިޔާގެ މައްސަލަ ކުރިމަތިވާ އެކި ހާލަތް ހުންނަ ކަމަށާއި އޭގެ ތެރެއިން ބޮޑަށް އޮންނަނީ ފިޒިކަލް ކޮންޓެކްޓްގެ ސަބަބުން ނޫނީ ދަނޑުގެ ހާލަތާ ހެދި އެވެ. މީގެ ތެރެއިން ދަނޑުގެ ހާލަތާ ހެދި ދިމާވާ އިންޖަރީތައް އާންމުކަށް އޭނަ ފާހަގަކުރި އެވެ.
"ޓާފްގައި ޕްރެކްޓިސް ކޮށްފައި މިދަނީ މެޗަށް ގަލޮޅު ދަނޑަށް. ދާއިރު ޓާފް މިއީ އާޓިފިޝަލް އެއްޗެއްވީމަ އެއް ލެވަލެއްގައި މި އިންނަނީ. އެކަމަކު ގްރާސް (ވިނަ) އެބަޖެހޭ އެއްވަރުކުރަން ރޯލަރު އަޅައިގެން. ދެން މެއިންޓެއިން ކުރަންޏާ ފެން ޖަހަން ޖެހޭ. ލެވަލް ނުވެ އޮތްތާކުގައި ކުޅުންތެރިން މިހެން ކުޅޭއިރު ފިޒިކަލީ ލޯޑު އެބަ ބޮޑުވޭ. މީގައި ދެން އަންނަ ކަމަކީ ފުރަތަމަ މަސަލް އިންޖަރީތަކެއް އެ ބޮޑުވަމުން އައި ނިމޭއިރު މި އިންނަނީ ސާޖަރީ އަކަށްދާން ޖެހޭވަރު ވެފައި،" އޭނާ ބުންޏެވެ.
ރާއްޖޭގެ ގިނަ ފުޓްބޯޅަ ކުޅުންތެރިންތަކެއް އެކި އަނިޔާތަކުގައި ފަރުވާ ހޯދާން ދާ ޑޮކްޓަރަކު "މިހާރު" އަށް ބުނީ ގިނަ ކުޅުންތެރިންތަކެއް އަނިޔާ ސީރިއަސްވެފައި ހުންނަ އެއް ސަބަބަކީ ހަގީގަތުގައި އެކި ކުދި އަނިޔާ ބޮޑުވަމުން އައިސް ކަމަށެވެ. ހާއްސަ ގޮތެއްގައި އެކަން އައުމުގެ އެއް ސަބަބަކީ ރަނގަޅަށް އަރާމް ނުކުރުމާއި ކެއިން ބުއިމުގެ އާދަތައް ހުންނަ ގޮތުގެ އިތުރުން ވިނަގަނޑުގެ ހާލަތު ކަމަށް އޭނާ ބުންޏެވެ.
އެހެން ގިނަ ކުޅިވަރު އިންފްރާސްޓްރަކްޗާ ތަކެކޭ އެއްގޮތަށް ގަލޮޅު ދަނޑު ބެލެހެއްޓުމުގެ ޒިންމާ ވެސް އޮތީ ސްޕޯޓްސް މިނިސްޓްރީ އަށެވެ. އެފްއޭއެމުން އެދުމުން އެކި ފަހަރު މަތިން ސްޕޯޓްސް މިނިސްޓްރީން ވަނީ ދަނޑުގައި ރޯލަރު އަޅައިފަ އެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި ސްޕޯޓްސް މިނިސްޓްރީގެ ރޯލަރު ހަލާކުވެފައި އޮންނަތާ ދެ އަހަރެއްހާ ދުވަސްވާނެ އެވެ. ފަހަކަށް އައިސް ދަނޑު ރޯލަރު އެޅުމުގެ މަސައްކަތްކުރަނީ ޓީމުތަކާއި އެފްއޭއެމުން ކެނޑިނޭޅި އެދޭތީ އަމިއްލަ ފަރާތެއްގެ ރޯލަރު ކުއްޔަށް ނަގައިގެންނެވެ.
ސަރަހައްދުގެ އެހެން ގައުމުތަކަށް ބަލާއިރު ފުޓްބޯޅަ ކުރިއެރުވުމުގައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ހެޔޮ ބަދަލުތަކެއް އަންނަނީ ގެންނަމުންނެވެ. އެ ގޮތުން މަތީ ފެންވަރަށް ދަނޑުތައް ތަރައްގީ ކުރުމާއި ހުރި ދަނޑުތައް ވެސް ވީ އެންމެ ރަނގަޅަށް ބެލެހެއްޓުން ހިމެނެ އެވެ. އެ ގޮތަށް ބަލާއިރު ރާއްޖޭގައި މެޗުތައް ކުޅެން މި އޮތް ގަލޮޅު ދަނޑު ބެލެހެއްޓުން ވެސް މުހިއްމެވެ. ހަގީގަތުގައި ރަނގަޅަށް ނުބެލެހެއްޓި އެހެން އޮތުމުގެ ގެއްލުން ފުޓްބޯޅަ އަށް ވެސް ބޮޑެވެ.
ރާއްޖޭގައި ކުރިން އެ ފެނިގެންދިޔަ ދިގު ބޯޅަ ކުޅުމުގެ ޒަމާން މާޒީވެ ގޮސްފި އެވެ. މިހާރު އަރައިގެން އަންނަ ކުޅުންތެރިން ޓެކްނިކަލީ ރަނގަޅުކަން ގިނަ ކޯޗުން އެކި ޕްލެޓްފޯމްތަކުގައި އަންނަނީ ފާހަގަކުރަމުންނެވެ. އެ ކުޅުންތެރިންގެ ހުނަރު ތަރައްގީ ކުރާނަމަ ކުޅެން އޮތް ދަނޑުގައި އެކަން ކުރެވޭނެ މަގު ތަނަވަސްވެފައި އޮންނަން ޖެހެ އެވެ. އެ ވިސްނުމުގައި ކުރިއަށްދާއިރު ރަނގަޅަށް ދަނޑުގެ ވިނަގަނޑު ބެލެހެއްޓުން ފަދަ ކަންތައްތައް ކޮށްލައިގެން ވެސް ފުޓްބޯޅަ ރަނގަޅު ލެވަލަކަށް ގެންނަން މުހިއްމު މަސައްކަތްތަކެއް ކުރެވިދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޑް
13 January 2021
މަހުލޫފްގެ ނާގާބިލު ކަން ދަށްކަން ވެގެން އެފްއޭއެމްގަ ތިބޭ މީހުން ބޭނުން ނުވަނި ދަނޑްގަ ރޯލުވެސް އަޅާލަން. އެކަމް މަހުލޫފަށް އެވަރު މީހަކު ނެތިގެން އެ އުޅެނި
މުރުސީދު
13 January 2021
ތިޔަ ވިނަގަޑު ތިޔަހެން އޮއްވައިދޯ މިދިޔަ އަހަރު ތަކުގައި އީގަލްސް ބޯޅަ ތިރިކޮއްގެން ކުރު ޕާސްތަކެއް ޖަހައިގެން އެ ކުޅުނީ، މެޗް ތަކުގައި ދަޑު އެއްވަރު ނުވެގެން ޕާސްތައް ގެއްލޭ ތަނަށް ވުރެން ޓެކްނިކަލީ ކުޅުންތެރިން ދައްވެގެން ގެއްލޭ ޕާސްތައް ގިނައީ
އުލިގަމް އިސްޓައިލް
13 January 2021
ތިޔަ ރޯލަރަކީ 40 އަހަރު ވެފަ އޮތް ރޯލަރެއް. އިހަކައްދުވަހަކުވެއް އުޅުނު އޭތި މަރާމަތުކުރަން ސްޕެއަރ ހޯދަން. ބެލިއިރު 'ސަކައި' ބްރޭންޑުގެ ރޯލަރ ހަދާ ކުންފުނިވެސް މިހާރު ވުޖޫދަކު ނެތް. އާ ރޯލަރެއް ގަންނަން ބަޖެޓް ކޮއްލާނެ ބޭފުޅަކުވެސް ތިޔަ މިނިސްޓްރީގަ ހަމަ ނެތީތަ؟ މިނިސްޓަރ މަހްލޫފަށް: ކާކުތަ ބުނީ ހުޅުމާލޭގައި ފެނަވަރުގެ ދަނޑެއް ނާޅާށޭ؟ ކީތްވެތަ ހުޅުމާލޭގައި ފެންވަރުގެ ދަނޑެއް ނޭޅެންވީ؟