މިނިވަން ދުވަހުގެ ކުޅިވަރު ހަރަކާތްތަކަށް ފަރިތަކުރަމުންދަނިކޮށް ގަލޮޅު ދަނޑުގެ ވިނަގަނޑަށް ގެއްލުންވުމުގެ ސަބަބުން މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ފަސްކުރަން ޖެހިއްޖެ އެެވެ.
އެފްއޭއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލީގުގައި މި މަހު 29، 30 އަދި 31 ވަނަ ދުވަހު ކުޅެން ހަމަޖެހިފައިވާ މެޗުތައް ފަސްކުރަން ޖެހުނީ ޖުލައި 26 ހަރަކާތްކަށް ފަރިތަކުރަމުންދަނިކޮށް ގަލޮޅު ދަނޑުގެ ވިނަގަނޑަށް ގެއްލުންވެފައިވާތީ ކަމަށެވެ.
ވިނަގަނޑަށް ލިބުނު ގެއްލުމާ އެކު ޝެޑިއުލަށް ވެސް އެފްއޭއެމުން ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެ ގޮތުން 29، 30 އަދި 31 ވަނަ ދުވަހު ކުޅޭ މެޗުތައް ފަސްކޮށްފައި ވަނީ އަންނަ ސެޕްޓެމްބަރު މަހު 26 ވަނަ ދުވަހު ފަށާ ގޮތަށެވެ.
ޝެޑިއުލަށް ގެނައި މި ބަދަލާ އެކު ދެން ޓީމުތަކަށް މެޗެއް ކުޅެން ޖެހޭނީ އަންނަ ސެޕްޓެމްބަރު މަހު 4 އިން 15 އަށް އޮންނަ ސާފް ޗެމްޕިއަންޝިޕަށް ފަހު އެވެ. މީގެ ކުރިން އެފްއޭއެމުން ނެރުނު ޝެޑިއުލްގައިވާ ގޮތުން ސާފް ޗެމްޕިއަންޝިޕަށް ފަހު ލީގުގެ ކުޅުން ފަށަން ހަމަޖެހިފައި އޮތީ ސެޕްޓެމްބަރު 21 ގަ އެވެ. އެކަމަކު ރިޔާސީ އިންތިހާބުގެ ވޯޓުލުން ސެޕްޓެމްބަރު މަހު 23 ވަނަ ދުވަހު އޮތުމާ އެކު ދެން ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ފަށާނީ ސެޕްޓެމްބަރު މަހު 26 ވަނަ ދުވަހު އެވެ.
މީގެ ކުރިން ވެސް ދެ އަހަރަކު ޖުލައި 26 ގެ ހަރަކާތްތަކަށް ގަލޮޅު ދަނޑު ބޭނުންކުރި ގޮތުން ގަލޮޅު ދަނޑުގެ ވިނަގަނޑަށް ވަނީ ގެއްލުން ލިބިފަ އެވެ. އެއީ 2015 އާއި 2016 ވަނަ އަހަރު އެވެ.
ވިނަގަނޑަށް ގެއްލުން ލިބިގެން ރާއްޖޭގެ ފުޓްބޯޅަ ކަލަންޑަރަށް ބޮޑު ބަދަލެއް ގެންނަން ޖެހުނީ 2015 ވަނަ އަަހަރު އެވެ. އެ ފަހަރު މިނިވަން 50 ހަރަކާތްތަކަށް ގަލޮޅު ދަނޑުގައި ހަރަކާތްތައް ހިންގަން އެޅި މެޓް ނުނަގައި ގިނަ ދުވަސްވުމުގެ ސަބަބުން ދަނޑުގެ ވިނަގަނޑު މަރުވި އެވެ. ބޭނުން ނުކުރެވޭ ވަރަށް ދަނޑުގެ ވިނަގަނޑު ހަލާކުވުމުން ދެން ޖެހުނީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއް މުބާރާތް ކަމަށްވާ އެފްއޭ ކަޕް ނުބާއްވައި، ޕްރެޒިޑެންޓްސް ކަޕް ހދ. ކުޅުދުއްފުއްޓާއި އައްޑޫ ސިޓީ އަށް ބަދަލުކުރާށެވެ. މީގެ އިތުރުން ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް މާލޭގައި ކުޅެން އޮތް މެޗު ވެސް ޖެހުނީ ޗައިނާގައި ކުޅޭށެވެ.
އެ ފަހަރު ދަނޑުގެ ވިނަގަނޑަށް ލިބުނު ގެއްލުމުގެ ސަބަބުން މާލީ ގޮތުން ބެލިޔަސް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް އެފްއޭއެމްއާ ކުރިމަތިލާން ޖެހުނެވެ. ކްލަބްތަކަށް ވެސް މިލިއަނުން ގެއްލުން ލިބުނެވެ. އެ ފަހަރު އެހެން ދިމާވެފައި ވަނިކޮށް 2016 ވަނަ އަހަރު އަނެއްކާ ވެސް ދަނޑުގައި މެޓް އަޅައިގެން ހަރަކާތް ކުރިއަށް ގެންދަނިކޮށް ވިނަގަނޑަށް ގެއްލުން ލިބުނެވެ.
ގަލޮޅު ދަނޑު ބެލެހެއްޓުމުގެ ޒިންމާ އޮންނަނީ ކުޅިވަރާ ބެހޭ މިނިސްޓްރީ އަށެވެ. މީގެ ކުރިން ވެސް ގަލޮޅު ދަނޑުގައި އެކި ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފަ އެވެ.