ގަލޮޅު ދަނޑުގެ ހުރިހާ ދިމާލެއްގައި ގޮނޑި ޖަހައި، ކުޅިބަލާ މީހުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމްކޮށްދިނުމުގެ މަސައްކަތް ފުޓްބޯޅަ އެސޯސިއޭޝަނުން ފަށައިފި އެވެ.
އެކަމަކު މި ބަދަލާ އެކު، މިހާރު 11،000 މީހުންނަށް ވަދެދޭ ސްޓޭޑިއަމަށް ދެން ވަދެވޭނީ 6200 މީހުންނަށެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ބަދަލު ގެންނަން ޖެހުނު އެންމެ ބޮޑު ސަބަބަކީ އޭއެފްސީގެ ގަވާއިދަށް ދަނޑު ފައްތަން ޖެހުން ކަމަށާއި ދަނޑުގެ މިހާރުގެ ހާލަތު އޭއެފްސީން ގަބޫލުނުކުރާ ކަމަށެވެ.
"އަޅުގަނޑުމެން އެބަޖެހޭ އޭއެފްސީގެ ގަވާއިދަށް ފައްތަން. މިހާރު ވެސް ދެ އަހަރެއް ތިން އަހަރެއް ވަރުވެއްޖެ ލުޔެއް ދީގެން އުޅޭތާ. މިހާރު ޖަހާފައިވާ ގޮނޑިތައް އޭއެފްސީން ގަބޫލެއް ނުކުރޭ. އޭއެފްސީގެ މިންގަނޑަކީ ދަނޑުގައި ގޮނޑި ހުންނަން ޖެހޭނީ ކޮންކްރީޓަށް އެޓޭޗްކުރެވިފައޭ. މިހާރު ގޮނޑިތައް ހުންނަނީ ލަކުޑި ފަތިތަކެއް ޖަހައިގެން އެއަށް އެޓޭޗްކޮށްފައި،" ބައްސާމް ވިދާޅުވި އެވެ.
ކުޅިވަރާ ބެހޭ މިނިސްޓްރީން ބަޖެޓް ދީގެން ގެންނަ މި ބަދަލާ އެކު، މިހާރު ގޮނޑިބަރި ޖަހާފައިވާ ބަޔާއި އިރުމަތީ ފަރާތު ސިޑިބަރީގައި ފެންވަރު ރަނގަޅު ޕްލާސްޓިކް ގޮނޑި ޖަހާނެ އެވެ. އަދި ދެކުނު ފަރާތު (ސަހަރާ ފަޅި) އާއި އުތުރު ފަރާތު (މަޖީދީ މަގާވީ ފަޅި) ގައި ޖަހާނީ މިހާރު ވެސް ސަހާރާ ފަޅީގެ ބައެއް ހިސާބުތަކުގައި ޖަހާފައިވާ ފަދަ ބްލޮކް ގޮނޑި (ނުލެގެވޭ ގޮތަށް ހުންނަ ގޮނޑި) އެވެ. މީގެ އިތުރުން ރޮސްޓަރަމް ޖެހިގެން ދެ ފަރާތުގައި ހުންނަ ވީއައިޕީގައި ބައިގައި ޖަހާނީ އެންމެ ފެންވަރު ރަނގަޅު ސްޕޮންޖް ގޮނޑި އެވެ. އެއީ ފެންފުޅި ވެސް ބޭންދޭ ގޮތަށް ޑިޒައިންކޮށްފައިވާ ގޮނޑިއެކެވެ.
"މި ބަދަލާ އެކު ޓިކެޓް ވިއްކަން ތަފާތު އަގުތަކެއް ކަނޑައެޅިގެންދާނެ،" ބައްސާމް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ވިސްނުން ހުރީ ގޮނޑި ބަރި ޖަހާއިރު ގައުމީ ކުލަތަކުން ރީތި ޑިޒައިނެއް ގެނެވޭތޯ. އެކަމަކު ވިސްނުމުގައި ހުރި ގޮތަށް އެކަން އެހާ ބޮޑަށް ކުރެވެން ނެތް ކަމަށް ސާވޭކުރި ޓީމުން ބުނީ. ސަބަބަކީ ބައެއް ދިމަދިމާލުގައި ޖާގަ ކުޑަވާތީ."
މި މަސައްކަތް އަންނަ ހަފުތާގެ ތެރޭގައި ފަށައި އަންނަ މަހު ސީޒަން ފަށަންވާއިރަށް ނިންމަން އެފްއޭއެމުން އަންނަނީ ރާވަމުންނެވެ. މީގެ އިތުރުން ދަނޑުގައި ކެންޓީނެއް ހެދުމާއި ނޫސްވެރިން ތިބޭ މީޑިއާ ބޮކްސް މިހާރަށް ވުރެ ފުރިހަމަކުރަން އެފްއޭއެމްގެ ވިސްނުން އެބަހުއްޓެވެ.
ދަނޑުގެ ބައެއް ތަނބުތައް ހުރި ގޮތުން ރޮސްޓަރަމް އާއި އެނޫން ދިމަދިމާލުން މެޗު ބަލާއިރު އުނދަގޫތަކެއް ކުރިމަތިވެ އެވެ. ބައްސާމް ވިދާޅުވީ އެފަދަ ސްޓްރަކްޗަރަލް ބަދަލުތައް ގެނައުމަކީ މިވަގުތު ކުރެވޭނެ ކަމެއް ނޫން ކަމަށާއި ގަތަރުގެ އެހީގައި ހުޅުމާލޭގައި އަޅާ ސްޓޭޑިއަމް އައުމާ އެކު ގަލޮޅު ދަނޑަށް ބޮޑެތި ބަދަލުތައް ގެނައުމަށް އެކަށީގެންވާ ވަގުތު ލިބޭނެ ކަމަށެވެ.
"މި ހުރިހާ ކަމެއް ވެސް އަޅުގަނޑުމެން މިކުރަނީ މިނިސްޓްރީގެ މަޝްވަރާގެ މަތިން އެ ފަރާތުގެ އެއްބާރުލުމާ އެކު،" ބައްސާމް ވިދާޅުވި އެވެ. "މިނިސްޓްރީން ވެސް ބަދަލުތައް ގެންނާނެ."
މި ބަދަލުތަކާ އެކު ދަނޑުން ހަތަރު ހާހެއްހާ ޖާގަ މަދުވެގެން ދިއުމަކީ ގައުމީ ޓީމުގެ މެޗުތަކަށް ބަލާއިރު ކަންބޮޑުވުމެކެވެ. ކްލަބް މެޗުތަކަށް ދަނޑުގެ ޖާގަ ނުފުރޭތާ 10 ވަރަކަށް އަހަރުވެފައިވީ ނަމަވެސް އަދިވެސް ގައުމީ ޓީމުގެ މެޗުތަކަށް ދަނޑު ފުރެ އެވެ. މާލޭގައި 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް ބޭއްވިއިރު ޓިކެޓް ނުލިބި ދިގު ކިއޫތަކެއް އޮތެކެވެ. އެކަމަކު މިދިޔަ ދެ އަހަރެއްހާ ދުވަހު އެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާތީ އާއި އަދި ގަތަރުގެ އެހީގައި ހުޅުމާލޭގައި ފެންވަރު ރަނގަޅު ސްޓޭޑިއަމެއް އަޅަން ހަމަޖެހިފައިވާތީ އެ ހާސްކަން ވަނީ ކުޑަވެފަ އެވެ.
ރާއްޖޭގައި ޒަމާނުއްސުރެ ފުޓްބޯޅަ މުބާރާތްތައް ބާއްވަން ގަލޮޅު ދަނޑު ބޭނުންކުރަމުން އަންނައިރު ދަނޑުގައި މިހާރު ހުރި ސިޑިބަރިތައް ހަދާފައިވަނީ 1980ގެ އަހަރުތަކުގަ އެވެ. އަދި ކުރިން ހުރި ދަގަނޑު ފައިލީ ގޮނޑިބަރިތައް ޕްލާސްޓިކް ގޮނޑިއަށް ބަދަލުކޮށްފައިވަނީ ދެހާހުގެ މެދުތެރޭގެ އަހަރުތަކުގަ އެވެ. ސާފް ޗެމްޕިއަންޝިޕް ބާއްވަން 2008 ވަނަ އަހަރު ވެސް ދަނޑަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނެސްފައިވާއިރު، އެންމެ ފަހުން ބޮޑު ބަދަލެއް ގެނައީ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕަށެވެ. އެ ފަހަރު ރޮސްޓަރަމް ތަޅާލައި ވީއައިޕީ ބޮކްސް އާއި މީޑިއާ ބޮކްސް އާއި ޕްރެސް ރޫމް ހިމެނޭ ގޮތަށް ފެންވަރު ރަނގަޅު ރޮސްޓަރަމެއް ވަނީ ތަރައްގީކޮށްފަ އެވެ. އަދި އެ ފަހަރު ދަނޑުގެ ނަން ވަނީ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމަށް ރި-ބްރޭންޑްކޮށްފަ އެވެ.
ކުރިން އެތުލެޓިކްސް އާއި ކްރިކެޓަށް ވެސް ގަލޮޅު ދަނޑު ބޭނުންކުރި ނަމަވެސް ދެހާހުގެ އަހަރުތަކުން ފެށިގެން ދަނޑު މުޅިން ވެސް ބޭނުންކުރަނީ ފުޓްބޯޅަ އަށެވެ. އެކަމަކު މިނިވަން ދުވަހުގެ ހަރަކާތްތައް ބޭއްވުމަށާއި ބައެއް މިއުޒިކް ޝޯ ތަކަށް އަދިވެސް ދަނޑު ދޫކުރެ އެވެ.