ބުރު ސްޕޯޓްސްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ކަޕް ވިނާސް ކަޕްގެ ގުރޫޕް ސްޓޭޖް، މޮޅަކާ އެކު އޮޑި ސްޕޯޓްސްއިން ނިންމާލައިފި އެވެ. 

މި ނަތީޖާ އެކު އޮޑިއަށް ލިބުނީ ގުރޫޕް ސްޓޭޖްގެ ތިންވަނަ އެވެ. ތިންވަނަ މަގާމު ވަކިން ހޮވާފައެއް ނުވެ އެވެ. ހަތަރު ޓީމު ވާދަކުރި މުބާރާތުގެ ފައިނަލަށް، ނިއު ރޭޑިއަންޓާއި މާޒިޔާ ވަނީ ދަތުރުކޮށްފަ އެވެ. އެކަމަކު ގުރޫޕް ސްޓޭޖްގައި އެ ދެ ޓީމު ކުޅެން ހަމަޖެހިފައިވާ މެޗުން، ގުރޫޕް ސްޓޭޖްގެ އެއްވަނަ ޓީމު ކަށަވަރުވާނެ އެވެ. އެ ދެ ޓީމުގެ މެޗު އޮންނާނީ މާދަމާ ރޭގަ އެވެ. 

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ދެވަނަ މިނެޓްގައި އޮޑިން ލީޑް ނެގި އެވެ. އެ ޓީމުގެ މުޒްދާން ހަސަން، އެ ލަނޑު ޖެހީ ބުރުގެ ކީޕަރު ހަސަން އަލީފް އިބްރާހިމަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ފޮނުވާލި ބޯޅައިންނެވެ. 

ބުރާ ދެކޮލަށް އޮޑިން ކުޅުނު މެޗުގައި | މިހާރު
ބުރާ ދެކޮލަށް އޮޑިން ކުޅުނު މެޗުގައި | މިހާރު

އޮޑީގެ އަހްމަދު ނިޒާމް، ބޯޅަ ހިފައިގެން ބުރުގެ އޭރިއާ ތެރެއަށް ވަދެ ބޯޅަ ފޮނުވާލަން އުޅުނު ނަމަވެސް، ބުރުގެ ޑިފެންޑަރުން ކުރިމަތީގައި ތިބުމުން އޭނާ އޭރިއާގެ ބޭރަށް ބޮޅަ ކޮއްޕާލީ ހައިޝަމް ރަޝީދަށް ދިނުމަށެވެ. ހައިޝަމް އެއްފަހަރުން ޖަހައި ފޮނުވާލި ބޯޅަ ދިފާއުކުރަން ޑައިވްކޮށް އަލީފް ބޯޅަ ހުއްޓުވި އެވެ. އެކަމަކު އޭނާ އަށް ބޯޅައިގެ ފުލް ކޮންޓްރޯލް ނުލިބި ރީބައުންސްވީ އެވެ. 

އެ ބޯޅަ އަށް ބާރު ސްޕީޑްގައި އަރައި މުޒްދާން، ގޯލްގެ ތެރެއަށް ފޮނުވާލި އެވެ. 

އެ ޓީމުގެ ދެވަނަ ލަނޑު ވެސް ޖެހީ އޭނާ އެވެ. 

އެ ލަނޑު ޖެހީ ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓްގަ އެވެ. 

އޮޑީ އާއި ބުރުގެ މެޗުގެ ތެރެއިން --- ފޮޓޯ: ފަޔާޒ މޫސާ | މިހާރު
އޮޑީ އާއި ބުރުގެ މެޗުގެ ތެރެއިން --- ފޮޓޯ: ފަޔާޒ މޫސާ | މިހާރު

ބުރުގެ އޭރިއާގެ ބޭރުން އޮޑީގެ ޑިފެންޑަރު އަހްމަދު އައިހަމް، އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައި މުޒްދާން ލަނޑު ޖެހި އެވެ. 

ކުރިން ހަމަޖެހިފައި އޮތީ، ނިއު އާއި މާޒިޔާގެ މެޗު މިރޭ ކުޅޭ ގޮތަށެވެ. އެކަމަކު އޭއެފްސީ ޗެލްންޖް ލީގުގެ ޕްރިލިމިނަރީ ސްޓޭޖްގައި ތަޖިކިސްތާނުގެ ރެގާ ޓަޑާޒްއާ ދެކޮޅަށް މިދިޔަ އަންގާރަ ދުވަހު ކުޅެން އޮތް މެޗު ބުދަ ދުވަހަށް ފަސް ކުރަން އޭއެފްސީ ނިންމި އެވެ. އެހެންވެ، އެފްއޭއެމުން ނިންމީ މާޒިޔާގެ ޑޮމެސްޓިކް މެޗު ވެސް ލަސް ކުރުމަށެވެ. 

މިހާރު ގެނެސްފައިވާ ބަދަލާ އެކު ފައިނަލް މެޗު ވެސް ވަނީ ލަސްކޮށްފަ އެވެ. ފައިނަލް މެޗު އޮންނާނީ ބުދަ ދުވަހުގެ ރޭގަ އެވެ. ކުރިން އޮތީ އަންގާރަ ދުވަހުގެ ރޭ ފައިނަލް މެޗު ކުޅޭ ގޮތަށެވެ.