ޖުމުލަ 18 އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ފެށި ކަޕް ވިނާސް ކަޕްގެ ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓުން، ބުރު ސްޕޯޓްސްގެ މައްޗަށް 5-0 ގެ ނަތީޖާއަކުން މޮޅުވެއްޖެ އެވެ. 

އެ މުބާރާތް އެންމެ ފަހު ބޭއްވީ 2008 ވަނަ އަހަރު އެވެ. އެ ފަހަރު އެ މުބާރާތް ކާމިޔާބު ކުރީ ވެސް ނިއުއިންނެވެ. 

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި، ނިއުގެ ޑޮރިއެލްޓަން ގޯމޭސް ނަސިމެންޓޯ (ޑޯރީ) ވަނީ ހެޓްރިކް ހަދާފަ އެވެ. މެޗު ފެށިގެން 18 ވަނަ ސިކުންތުގައި އޭނާ ވަނީ ނިއު އަށް ލީޑް ނަގައި ދީފަ އެވެ. 

މެޗުގެ ކުޅުން ފެށިގޮތަށް އުފެއްދި ފުރުސަތުގައި އޭރިއާގެ އރިމަތިން، މޫސާ ޔާމީން ނަގައިދިން ހުރަސް، ޑޯރީ ވަނީ ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިފަ އެވެ. 

ހަމަލާތައް ވަރުގަދަ ފެނުނަމަ ވެސް ފުރަތަމަ ހާފު ނިންމާލީ ހަމައެކަނި އެ ލަނޑުންނެވެ. އެ ހާފުގައި ބުރުން ނަތީޖާ ހަމަހަމަ ކުރިކަމަށް ހީކުރެވުނެވެ. އެއީ ނިއުގެ އޭރިއާގެ ބޭރުން ބުރަށް ލިބުނު ހިލޭ ޖެހުން އަބްދުﷲ ޔާމީން ފޮނުވާލުމުން، ނިއގެ ދީފާއީ ފާރުންވެސް ބޯޅަ ފުރޭނިގެން ދިޔަ އެވެ. އެ ބޯޅަ އަބްދޫ އަރީން އިބްރާހިމް ގޯލަށް ފޮނުވާލި އިރު އޭނާ އޮފްސައިޑްގައި ހުރުމުން އެ ގޯލް ބަލައެއް ނުގަތެވެ. 

ދެވަނަ ހާފުގައި ނިއުއިން މެޗުގެ ކޮންޓްރޯލް މުޅިން އަތުލީ ޑޯރީގެ މޮޅު ކުޅުމާ އެކު އެވެ. ބްރެޒިލްގެ ފޯވާޑް އޭނާގެ ހެޓްރިކް ފުރިހަމަކުރީ ކައިރިކައިރީގައި ޖެހި ދެ ލަނޑުންނެވެ. މެޗުގެ 60 ވަނަ މިނެޓުގައި ގިލްޔޭމީ ސިލްވާ ނަގައިދިން ހުރަހަކުން ބޮލުން ޖަހައި ދެވަނަ ލަނޑު ޖެހި އެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން، ލަނޑު ޖަހައި ހެޓްރިކް ފުރިހަމަކުރި އެވެ.

މި ތިން ލަނޑާ އެކު ޑޯރީ ވަނީ ނިއު އަށް ކުޅެދިން ފުރަތަމަ ދެ މެޗުން ފަސް ގޯލު ޖަހާފަ އެވެ.

ނިއުގެ ހަތަރުވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް އަލީ ފާސިރު (ސެންޓޭ) އެވެ. މެޗުގެ 68 ވަނަ މިނެޓުގައި ހަތަރުވަނަ މިނެޓްގައި އޭނާ ބޮލުން ފޮނުވާލި ހަމަލާ ބުރުގެ ކީޕަރު ޝައިހާން އަލީ މަތަކުރުމުން ބޯޅަ ރީބައުންސްވި އެވެ. ސެންޓޭ ވަނީ އެ ބޯޅަ އަވަސްއަހަށް ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ލަނޑެކެވެ. 

އެ ޓީމުގެ ފަސްވަނަ ލަނޑު 73 ވަނަ މިނެޓުގައި ޖެހީ ލައިބީރިއާގެ އަބްދުﷲއި ބިލިޓީ އެވެ.