ދިވެހި ޕްރިމިއާ ލީގުގައި ރޭ، މެޗުގެ އެންމެ ފަހު ވަގުތު ނިއު ރޭޑިއަންޓުން މާޒިޔާ ބަލިކޮށްފި އެވެ. 

މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު، ނިއުއިން ކާމިޔާބު ކުރީ 3-2 ންނެވެ. 

މި ސީޒަނުގައި މި ދެ ޓީމުން ވަނީ މީގެ ކުރިން ތިން ފަހަރު ބައްދަލުކޮށްފަ އެވެ. އެ ތިން ފަހަރުވެސް މެޗުގެ ފުރިހަމަ ވަގުތު ނިމިފައިވަނީ އެއްވަރުވެގެންނެވެ. އޭގެ ތެރެއިން ދެ މެޗަކީ ނަތީޖާ ކަނޑައަޅަން ޖެހުނު ދެ މެޗެވެ. ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑާއި ކަޕް ވިނާސް ކަޕްގެ ފައިނަލު މެޗު ދިޔައީ ޕެނަލްޓީޝޫޓްއައުޓަށެވެ. އެ ދެފަހަރު ވެސް ޕެނަލްޓީޯގައި ކުރި ހޯދީ މާޒިޔާއިންނެވެ. 

މިއީ ދިވެހި ޕްރިމިއާ ލީގުގައި ހަތަރު އަހަރަށް ފަހު މާޒިޔާ އަށް ކުރިމަތިވި ފުރަތަމަ ބައްޔެވެ. މީގެ ކުރިން ލީގުގެ މެޗަކުން މާޒިޔާ ބަލިވީ 2022 ގެ އޭޕްރީލް މަހު ހަތްވަނަ ދުވަހު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުން 1-0 ންނެވެ. އެއީ 2022 ގެ ސީޒަނުގަ އެވެ.

އޭގެ ޖެހިގެން އައި 2023 ގެ ލީގު މާޒިޔާއިން ނިންމާލީ އެއްވެސް މެޗަކުން ބަލި ނުވެ އެވެ. އެ އަހަރު އެފްއޭއެމާއި ރާއްޖޭގެ ފުޓްބޯޅަ އަޑިގަނޑަކަށް ވެއްޓި ޖެހިގެން އައި އަހަރު ސީނިއާ ފުޓްބޯޅައިގެ އެއްވެސް މުބާރާތެއް ނުކުޅެ އެވެ. އެފްއޭއެމްގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ފީފާއިން ހަވާލު ކުރި އެވެ. އެ ކޮމީޓީއަށް ދިން އެއް އަހަރުގެ މުއްދަތުގައި ފީފާއިން ހުއްދައާ އެކު އެފްއޭއެމް ލީގު ކަޕްގެ ނަމުގައި މުބާރާތެއް ބޭއްވި އެވެ. 

މާޒިޔާ އާއި ނިއު ކުޅުނު މެޗުގެތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ
މާޒިޔާ އާއި ނިއު ކުޅުނު މެޗުގެތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ

ދިވެހި ލީގު އަލުން ފަށައިގަނެވުނީ މިދިޔަ އަހަރު ޖުލައި މަހު އެފްއޭއެމްގެ ހިންގުމާ ހަވާލުވި މިހާރުގެ އެކްސްކޯ ބެލުމުގެދަށުންނެވެ. ވިކްޓަރީ އާއި ނިއު ރޭޑިއަންޓް ވެސް ފަސް އަހަރަށް ފަހު ދިވެހި ލީގުގައި ވާދަކުރަން ފެށީ މިދިޔަ ސީޒަނުގަ އެވެ. އެކަމަކު ވެސް މާޒިޔާއިން ވަނީ ބަލިނުވެ އެ ޓީމުގެ ރެކޯޑް މިދިޔަ އަހަރު ލީގުގައި ވެސް ދަމަހައްޓާފާ އެވެ. 

ލީގުގައި ބަލިނުވެ އެންމެ ދިގު މުއްދަތެއް ހޭދަވި ރެކޯޑް މާޒިޔާ އަތުން މިރޭ ބީވީ މެޗުގެ އެންމެ ފަހު ވަގުތުގައި ނިއުގެ ޑޮރިއެލްޓަން ގޯމޭޒް (ޑޯރީ) ވައްދާލި ލަންޑުންނެވެ. އޭނާ އެ ލަނޑު ޖެހީ އިތުރު ވަގުތުގެ ގޮތުގައި ދެއްވި ވަގުތުގެ ތެރެއިން 10 ވަނަ މިނެޓްގަ އެވެ. 

މެޗުގެ ފަހު ވަގުތު ދެ ޓީމުން ވެސް ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. މާޒިޔާގެ ހަސަން ޝިފާޒު (ޑުންގާ) އާއި ނިއުގެ އިބްރާހިމް މައިޝާން އެވެ. އެ ދެ ކުޅުންތެރިންގެ މެދުގައި ހިނގި ކުރިމަތިލުމެއްގެ ސަބަބުންނެވެ. ބެންޗުގައި ހުރި މާޒިޔާގެ އެސިސްޓެންޓް ކޯޗު އަހްމަދު ޝުޒައިރަށް ވެސް ރަތް ކާޑް ދެއްކި އެވެ. އެ ހަމަނުޖެހުމާ ހެދި މެޗުގެ ވެސް ވަގުތުކޮޅަށް މެދުކަނޑާލަން ޖެހުނެވެ. 

މެޗުގައި މާޒިޔާ އާއި ނިއުގެ ކުޅުންތެރިންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މެޗުގައި މާޒިޔާ އާއި ނިއުގެ ކުޅުންތެރިންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މެޗުގައި ފުރަތަމަ ލަނޑު ޖެހީ މާޒިޔާއިންނެވެ. އެ ލަނޑު މެޗުގެ 16 ވަނަ މިނެޓްގައި އިބްރާހިމް އައިސަމް (ޓޯނީ) އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ހަސަން ރާއިފް އަހްމަދު (ހަންނަ) ގެ ލަނޑުން ނިއުއިން މެޗު ހަމަހަމަ ކުރި އެވެ.

މެޗުގެ 62 ވަނަ މިނެޓްގައި އައިސަމް އަނެއްކާވެސް މާޒިޔާއަށް ލީޑް ނަގައި ދިނެވެ. އޭގެ ހަތަރު މިނެޓް ފަހު އަލީ ފާސިރު (ސެންޓޭ) ނިއު އަށް ލަނޑު ޖަހައިދީ ނަތީޖާ ހަމަހަ ކުރި އެވެ. 

މެޗު ހޫނުވީ އޭގެ ފަހުންނެވެ. އެ ކަންތައް ގަނޑަށް ފަހު އަލުން މެޗު ފަށަން 11 ވަރަކަށް މިނެޓް ހޭދަވި އެވެ. 

ބުރު ބަލިކޮށް އޮޑި މޮޅުވުމުގެ ރޭހަށް 

ލީގުގައި އިއްޔެ ހަވީރު ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެ އޮޑި ސްޕޯޓްސްއިން މެޗު ކާމިޔާބު ކުރީ 4-1 ންނެވެ. 

ލީގުގައި އޮޑި ކުޅުނު ފުރަތަމަ މެޗުގައި މާޒިޔާ އަތުން ބަލިވީ 1-0 ންނެވެ. ބުރުގެ ފުރަތަމަ މެޗުގައި އެ ޓީމު ދިއްދޫ ސްޕޯޓްސް ކްލަބް އަތުން ބަލިބީ 1-0 ންނެވެ. 

އޮޑި އާއި ބުރު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އޮޑި އާއި ބުރު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ގައުމީ ފުޓްބޯޅަ ދަނޑުގައި އޮޑި އާއި ބުރުގެ މެޗުގައި، ފުރަތަމަ ލީޑް ނެގީ އޮޑިންނެވެ. މެޗުގެ އަށްވަނަ މިނެޓްގައި އެ ލަނޑު ޖެހީ މުޒްދާން ހަސަނެވެ. ފުރަތަމަ ހާފުގެ ފަހު ވަގުތުގައި ބުރުން ނަތީޖާ ހަމަހަމަ ކުރި އެ ލަނޑު ޖެހީ އާޖެންޓީނާގެ ހުއާން ލެސްކާނޯ އެވެ. 

އެދެވަނަ ހާފަށް ނުކުމެ އޮޑިން އަލުން ލީޑް ނަގައި ނަތީޖާ ފުޅާވެސް ކުރި އެވެ. އެ ލަނޑުތައް ޖެހީ މުހައްމަދު ޝަހާއު އާއި އަހްޒަމްގެ ރަޝީދުގެ އިތުރުން އިބްރާހިމް ވަހީދު ހަސަނެވެ.