ކަޕް ވިނާސް ކަޕްގެ ގުރޫޕް ސްޓޭޖްގެ ފަހު މެޗުގައި މާޒިޔާ އާއި ނިއު ރޭޑިއަންޓްގެ ކުރިމަތިލުން ހަމަހަމަވެއްޖެ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗު އެއްވަރުވީ 1-1 ންނެވެ.
މެޗަށް ނުކުތް އިރު ވެސް ދެ ޓީމުން ވެސް ވަނީ ފައިނަލުން ޖާގަ ކަށަވަރުކޮށްފަ އެވެ.
ރޭ މެޗުގައި ފުރަތަމަ ލީޑް ނެގީ މާޒިޔާއިންނެވެ. މެޗުގެ 63 ވަނަ މިނެޓްގައި އެ ޓީމުގެ އަހްމަދު ނާޝިއު ޝިޔާމް، ނިއުގެ އޭރިއާގެ ތެރެއަށް ނަގައިދިނުމުން ގޯލް ކުރިމަތީގައި ހުރެފައި ބެނިންގެ ފޯވާޑް ޝާރްބެލް ކޮޑްޖޯ ގޯމޭޒް ގޯލްގެ ތެރެއަށް ވައްދާލި އެވެ.
ބުދަ ދުވަހުގެ ރޭ ކުޅޭ، ފައިނަލް މެޗަށް ތައްޔާރުވުމުގެ ގޮތުން ދެ ޓީމުގެ ކޯޗުން ވެސް ވަނީ ޓީމުގެ ފުރަތަމަ 11 އަށް ބަދަލު ގެނެސްފަ އެވެ. ކީޕަރުންގެ މަގާމު ވެސް ދެ ޓީމުން ވެސް ރޮޓޭޓް ކުރި އެވެ.
އާންމުކޮށް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުންނަ ނިއުގެ އަލީ ފާސިރު (ސެންޓޭ) ވެސް ފުރަތަމަ 11 ގައި ހިމެނިގެން ކުޅުނެވެ. އާންމުކޮށް ފުރަތަމަ 11 ގައި ކުޅޭ މާޒިޔާގެ މިޑްފީލްޑަރު އިބްރާހިމް އައިސަމް (ޓޯނީ) އާއި އަހްމަދު އައިހަމް (ފަތޯ) ނުކުތީ ބަދަލު ކުޅުންތެރިންގެ ގޮތުގަ އެވެ.
ނިއު އިން ނަތީޖާ ހަމަހަމަ ކުރި ލަނޑު އަހްމަދު ހުސަމް ޖެހީ މެޗުގެ 72 ވަނަ މިނެޓްގަ އެވެ.
އީތަން އިބްރާހިމް ޒަކީ އޭރިއާގެ ތެރެއިން ގޯލް ކުރިމައްަޗަށް ހުރަސްކޮށް ދިން ބޯޅަ ހުސަމް ވަނީ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލަފަ އެވެ.
އެ ހަމަލާ އުފައްދަން ނިއުއިން ޖާގަ ހޯދީ، މާޒިޔާގެ ކުޅުންތެރިންގެ ހަމަލާގައި ކުރިއަށް އަރާތިބި ވަގުތު އެވެ.