ކަޕްވިނާސް ކަޕްގައި ނިއު ރޭޑިއަންޓުން، އޮޑި ސްޕޯޓްސް ބަލިކުރުމުން ނިއު އާއި މާޒިޔާ އަށް ވެސް ފައިނަލުގެ ޖާގަ ޔަގީންވެއްޖެ އެވެ.
ނިއު އިން މެޗު ކާމިޔާބު ކުރީ 5-3 ންނެވެ.
އަށާރަ އަހަރަށް ފަހު ބާއްވާ ކަޕް ވިނާސް ކަޕުން ފުރުސަތު ދިނީ މިދިޔަ ސީޒަންގެ ތިން މުބާރާތް ކާމިޔާބު ކުރި މާޒިޔާ އާއި އޮޑި އަދި ނިއުގެ އިތުރުން ލީގުގެ ހަތަރުވަނަ ހޯދި ބުރު ސްޕޯޓްސްއަށެވެ.
ފައިނަލު މެޗުގެ ކުރިން ކޮންމެ ޓީމެއް ތިން މެޗު ކުޅޭގޮތަށް ފޯމެޓަށް އެކުލަވާލާފައިވާ މުބާރާތުގެ ފައިނަލްގެ ޖާގަ ނިއު އާއި މާޒިޔާ އަށް ކަށަވަރު މިވީ، މި މަހުގެ 15 ވަނަ ދުވަހު އެ ދެ ޓީމު ބައްދަލުކުރާ މެޗުގެ ކުރިންނެވެ.
މުބާރާތުގައި އެ ދެ ޓީމުން ކުޅުނު މެޗުތަކުގައި ބުރާއި އޮޑި ސްޕޯޓްސް ބަލިކުރުމުން، ދެ ޓީމަށް ވެސް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ބުރާއި އޮޑީ ބައްދަލުކުރާ މެޗުން، ކޮންމެ ޓީމެއް މޮޅުވިޔަސް، އެ ޓީމަކަށް ލިބޭނީ ތިން ޕޮއިންޓެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ވެސް ނިއު އަށް ގޯލް ހުޅުވައި ދިނީ އެ ޓީމުގެ ފޯވާޑް ޑޮރިއެލްޓަން ގޯމޭސް (ޑޯރީ) އެވެ.
އޭނާ ވަނީ މި މެޗުގައި ވެސް ހެޓްރިކް ހަދާފަ އެވެ. އެންމެ ފަހުން ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އޭނާ ހެޓްރިކް ހެދި އެވެ. އަދި އެ މެޗެކޭ އެއްގޮތަށް މި މެޗުގެ ފުރަތަމަ ކޮޅުގައި ވެސް އޭނާ ވަނީ ލަނޑު ޖަހައިފަ އެވެ.
މިރޭގެ މެޗު ފެށިގެން ހަތަރުވަނަ މިނެޓްގައި އޭނާ ލަނޑު ޖެހި އެވެ. ބްރެޒިލްގެ މިޑްފީލްޑަރު ގިލްޔޭމީ ސިލްވާ ދިން ބޯޅަ، ޑޯރީ ގޯލްގެ ތެރެއަށް ފޮނުވާލީ އޮޑީގެ ޑިފެންޑަރުގެ ކައިރިން ނައްޓާލުމަށް ފަހު އެވެ.
ނިއުގެ އެޓޭކްތަކުގައި ޑޯރީ އާއި ސިލްވާގެ ކޮމްބިނޭޝަން އެ ޓީމުން މިހާތަނަށް ކުޅުނު ތިން މެޗުގައި ވެސް މުހިންމު ދައުރެއް އަދާކުރި އެވެ.
ނިއުގެ ދެވަނަ ލަނޑު ޑޯރީ ޖެހީ ލައިބީރިއާގެ ޑިފެންޑަރު އަލްބާޓް ސްވެން އޮޑީގެ އޭރިއާގެ ތެރެއަށް ނަގައިދިން ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ބޮލުން ވައްދާލައިގެންނެވެ.
ނިއުގެ ތިންވަނަ ލަނޑަކީ އެ ޓީމުގެ ޒުވާން ކުޅުންތެރިޔާ އީތަން ޒަކީގެ އިންޑަވިޖުއްލަ ހުނަރު ވަރަށް ރަނގަޅަށް ފެނިގެން ދިޔަ ގޯލެކެވެ. އަމިއްލަ ޓީމުގެ ހާފުގެ ތެރެއިން ސިލްވާ ބޮލުން ދިން ބޯޅައިގެ ކޮންްޓްރޯލް އީތަން ހޯދީ ބުރުގެ ހާފުގެތެރެއިން މެދުރޮނގާ ކައިރިންނެވެ.
ބޯޅަ ހިފައިގެން ކުރިއަށް ގޮސް، އޮޑީގެ ޑިފެންޑަރު ވެސް ކަޓުވާލައި އޭރިއާ ތެރެއަށް ވަން ގޮތަށް ބޯޅަ ފޮނުވާލީ ގޯލްގެ ދުރު ކަނަށެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ޑޯރީ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. އޮޑީގެ ހާފުގެ ތެރެއިން މުހައްމަދު ނާއިމް ދިން ބޯޅަ ހިފައިގެން އޭރިއާގެ އަރިމަތިން އަރައި، ގޯލްގެ ތެރެއަށް ފޮނުވާލީ އޭނާ އަތުން ބޯޅަ ހޯދަން ކައިރިވި ޑިފެންޑަރުންނަށް ވެސް ފުރުސަތު ނުދީ އެވެ.
ނިއުގެ ފަސްވަނަ ލަނޑު ޖެހީ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) އެވެ. މެޗުގެ 77 ވަނަ މިނެޓްގައި ސިލްވާ ނަގައިދިން ކޯނަރު، ބޮލުން ޖަހައި އެންޑީ ގޯލްގެ ތެރެއަށް ވައްދާލި އެވެ.
މެޗުގެ ފަހު ކޮޅުގައި އޮޑިން ތިން ލަނޑު ޖެހި އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު 87 ވަނަ މިނެޓްގައި ޕެނަލްޓީއަކުން ވައްދާލީ އިބްރާހިމް ވަހީދު ހަސެން (އިއްބެ) އެވެ. އަދި 90 ވަނަ މިނެޓްގައި މުޒްދާން ހަސަން އޮޑީގެ ދެވަނަ ލަނޑު ޖެހި އެވެ. ތިންވަނަ ލަނޑު އިތުރު ވަގުތުގައި ޖެހީ މުހައްމަދު ޝަހާއު އެވެ.