ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ނިއު ރޭޑިއަންޓް ބަލިކޮށް، ކަޕް ވިނާސް ކަޕްގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް މާޒިޔާ އިން ހޯދައިފި އެވެ.
ޕެނަލްޓީ ޖަހައިގެން މާޒިޔާ މެޗު ކާމިޔާބުކުރީ 4-2 އިންނެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
މެޗު ފެށިގެން ހަތަރުވަނަ މިނިޓުގައި މާޒިޔާ އިން ލީޑް ނެގި އެވެ. ނިއު އަށް ލިބުނު ކޯނަރެއްގައި، އެ ޓީމުގެ ގިނަ ކުޅުންތެރިން ކުރިއަށް އަރައި ތިބި ވަގުތު އެ ބޯޅަ މާޒިޔާގެ ދިފާއުކޮށް ކުރިއަށް ދިނެވެ.
ނިއުގެ ހާފުގެ ތެރެއިން އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ) ބޯޅަ ހޯދައި ކުޑަކޮށް ކުރިއަށް ދުވެލުމަށް ފަހު، އޭރިއާގެ ކުރިމައްޗަށް ވާގޮތަށް ނަގައި ދިނެވެ. ވަރަށް ބަލާލަފައި އޭނާ އެ ބޯޅަ ކުރިއަށް ދިނީ އިލާން ކުރިއަށް އަރަން ތައްޔާރަށް ހުރުމުންނެވެ.
ޒުވާން އިލާން، އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލީ އޭނާ އަށް ހުރަސްއަޅަން ވިއްދި ނިއުގެ ޑިފެންޑަރަށް ވެސް ފުރުސަތު ނުދީ އެވެ.
އެކަމަކު މާޒިޔާ ލިޑްގައި އޮންނާކަށް ނިއުއިން ފުރުސަތެއް ނުދިނެވެ. މެޗުގެ 16 ވަނަ މިނެޓްގައި ނިއުގެ ލައިބީރިއާގެ މިޑްފީލްޑަރު އަބްދުﷲއި ބިލިޓީ މާޒިޔާގެ އޭރިއާގެ ބޭރުން ލިބުނު ބޯޅަ، އޭރިއާ ތެރެއަށް ވަދެ ފޮނުވާލަން އުޅުނެވެ. މާޒިޔާގެ ޑިފެންޑަރުން އޭނާ އަށް ހުރަސްއެޅުމުގެ ގޮތުން ފައުލު ވެސް ކުރި އެވެ.
ހިލޭޖެހުމެއް ދޭން، ރެފްރީ ކަށިގަނޑު ފުމެލަން ތައްޔާރުވި އެވެ. އެކަމަކު ބިލިޓީ އަތުން ދޫވި ބޯޅަ ލިބުނީ ކައިރީގައި ހުރި އަލީ ފާސިރު (ސެންޓޭ) އަށެވެ. ކަށިގަނޑު ފުމުމުގެ ބަދަލުގައި ރެފްރީ އެޑްވާންޓޭޖް ކަމަށް ބަލައި ޕްލޭއޮންގެ އިޝާރާތް އަތުން ދެއްކި އެވެ.
ސެންޓޭ އެއްފަހަރުން ޖަހައި އެ ބޯޅަ ގޯލްގެ ތެރެއަށް އޮއްސާލީ، ތަންކޮޅެއް ކުރިއަށް ނުކުމު ހުރި މާޒިޔާގެ ކީޕަރު ހުސައިން ޝަރީފްގެ ބޯމަތިންނެވެ.
މެޗުގެ 28 ވަނަ މިނެޓްގައި އަނެއްކާވެސް މާޒިޔާއިން ލީޑް ނެގި އެވެ. އަބްދުﷲ ލޫތު އިބްރާހިމާއި އަހްމަދު އައިހަމް (ފަތޯ) ބަހާލައިގެން ކުޅުނު ކޮމްބިނޭޝަން ޕްލޭގައި އައިހަމް ލަނޑު ޖެހީ ނިއުގެ ޑިފެންޑަރުގެ ތެރެއިން ފޮނުވާލައިގެން، ކީޕަރު މުހައްމަދު ފައިސަލް ހުރި ފަޅިއަށެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިއުއިން އަނެއްކާވެސް، ސެންޓޭ ނަތީޖާ ހަމަހަމަކޮށް ދިނެވެ. ބްރެޒިލްގެ މީޑްފީލްޑާ ގިލްޔޭމީ ސިލްވާ، މާޒިޔާގެ ކުޅުންތެރިންގެ ތެރެއިން ސެންޓޭ އަށް ފަހިކޮށްދިން ބޯޅަ އޭނާ ފޮނުވާލީ ފަސޭހަކަމާ އެކު އެވެ.
ސީޒަން ހުޅުވުމުގެ ގޮތުން މި ދެ ޓީމު ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ނިމުނީ އެއްވަރުވެގެންނެވެ. އެ މެޗެކޭ އެއްގޮތަށް ފުރިހަމަ ވަގުތު އެއްވަރުވުމުން ވެސް އިތުރު ވަގުތު ދެ ހާފު ނުކުޅެ ދިޔައީ ޕެނަލްޓީޝޫޓް އައުޓަށެވެ.
ޕެނަލްޓީޝޫޓްއައުޓްގައި ނިއުގެ ފުރަތަމަ ޕެނަލްޓީ ސިލްވާ ކާމިޔާބު ކުރި އެވެ. އަދި މާޒިޔާގެ އިލާން ފޮނުވާލި ޕެނަލްޓީ ވެސް ވައްދާލި އެވެ. ނިއުގެ އިތުބާރު ފޯވާޑް ޑޯރިއެލްޓަން ގޯމޭޒް (ޑޯރީ) ތިރިތިން ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލް ދަނޑިކައިރިން ބޭރަށެވެ.
ނިއުގެ މޫސާ ޔާމީން ފޮނުވާލި ޕެނަލްޓީ ވެސް ދިޔައީ ބޭރަށެވެ.
މާޒިޔާއަށް ތަށި ކާމިޔާބުކޮށް ދިން ޕެނަލްޓީ ވައްދާލީ ނައިޖީރިއާގެ ފޯވާޑް ބެންޖަމިން ކޫކޫ އެވެ.
މިއީ މި ސީޒަނުގައި ޕެނަލްޓީގައި، ނިއު ބަލިކޮށް މާޒިޔާއިން ހޯދި ދެވަނަ ތައްޓެވެ. ޗެރިޓީ ޝީލްޑް ވެސް ގެންދިޔައީ މާޒިޔާއިންނެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މާޒިޔާގެ އައިހަމް (ފަތޯ( އެވެ.