ޓީސީގެ މައްޗަށް 3-0 ގެ ނަތިޖާއަކުން ކާމިޔާބު ހޯދައި މާޒިޔާ އަލުން މޮޅުވުމުގެ ރޭހަށް ވަދެއްޖެ އެވެ.
ޓީސީގެ މެޗުގެ ކުރިން، ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ކުޅުނު ދެ މެޗުން ވެސް އެ ޓީމަށް ޕޮއިންޓް ގެއްލުނެވެ. ނިއު ރޭޑިއަންޓް އަތުން ބަލިވެ، ވިކްޓަރީއާ އެއްވަރުވި މެޗުތަކަކީ، މާޒިޔާ އަށް މޮޅުވުމުގެ ރޭސް މެދުކެނޑުނެވެ.
އިއްޔެ ހަވީރު މާލޭގެ ގައުމީ ފުޓްބޮޅަ ދަނޑުގައި ކުޅުނު މެޗުން މާޒިޔާ، އަލުން މޮޅުވުމުގެ ރޭހަށް ވަނުމަށް، އެ ޓީމުގެ ފުރަތަމަ ލަނޑު ޓީސީ ކޮޅަށް ޖެހީ މެޗުގެ 34 ވަނަ މިނެޓުގައި އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ.
ދެވަނަ ހާފުގައި މާޒިޔާއިން ވަނީ ކުޅުން އިތުރަށް ވަރުގަދަކޮށް ދެ ގޯލު ޖަހައިފައެވެ. މެޗުގެ 70 ވަނަ މިނެޓުގައި ނެމާންޏާ ޒްދްރާވްކޮވިޗް ދެވަނަ ލަނޑު ޖެހައިދިނެވެ. ތިންވަނަ ލަނޑު 79 ވަނަ މިނެޓުގައި ޖަހައި ދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ބެންޖަމިން ތޯމަސް ކުކޫ އެވެ.
އެންމެ ފަހުގެ އިންޓަނޭޝަނަލް ބްރޭކްގެ ކުރިން މާޒިޔާ ބަލި ކުރި ފަހުން، ނިއު އަށް އަދި މޮޅުވުމުގެ ރޭހަށް އާދެވޭ ގޮތެއް ނުވެ އެވެ.
އެ ޓީމު އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް އެއްވަރުވީ އެވެ.
އޮޑި ސްޕޯޓްސްއާ ދެކޮޅަށް ރޭ ކުޅުނު މެޗުން، ނިއު އެއްވަރުވީ 2-2 ންނެވެ. އޭގެ ކުރިން ކުޅުނު މެޗުގައި ދިއްދޫގައި އެ ރަށު ޓީމު އަތުން ވެސް ނިއު އެއްވަރުވީ 2-2 ންނެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގެ ދެވަނަ ހާފު ފެށިގޮތަށް އަހުޒަމް ރަޝީދުގެ ގޯލުން އޮޑިން ލީޑް ނެގި އެވެ.
ލީޑްގައި އޮޑިއަށް އޮވެވުނީ ދެ މިނެޓެއްހާއިރު އެވެ. ޑޮރިއެލްޓަން ގޯމެސް (ޑޯރީ) ލަނޑު ޖަހައި ނިއު އަށް ހަމަހަމަ ކޮށްދިނެވެ.
އަލުން މެޗުގެ 57 ވަނަ މިނެޓުގައި މުޒްދާން ހަސަން އޮޑިއަށް ލީޑް ނަގައި ދިނެވެ. ލީޑްގައި މެޗުގެ 90 މިނެޓް ހަމަވާ މިނެޓެއްހާއިރަށް، އޮޑިން ލީޑްގައި ހިފެހެއްޓި އެވެ.
އެކަމަކު ނިއުގެ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) ލަނޑު ޖަހައި އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ 89 ވަނަ މިނެޓުގަގަ އެވެ.