ދިވެހި ޕްރެމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ބުރު ސްޕޮޓްސް ކުޅެން ހަމަޖެހިފައި އޮތް މެޗު، މާލެއަށް ކުރަމުންދާ ބޯ ވިއްސާރައިގެ ސަބަބުން ފަސްކޮށްފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ނުވައެއް ޖަހާއިރު ފަށަން ހަމަޖެހިފައި އޮތް އެ މެޗުގެ ޓީމު ލިސްޓް ވެސް، އޭގެ ގަޑިއެއްހާއިރު ކުރިން އެފްއޭއެމުން މީޑީއާ އަށް އާންމު ކުރި އެވެ. ނަމަވެސް މެޗު ކުރިއަށް ގެންދެވޭނެ ހާލަތެއް ނެތުމުން ބައިގަޑިއިރަށް ބަލައި، މެޗު ފަސް ކުރި އަށެވެ.
އެ އެސޯސިއޭޝަނުން ބުނީ މެޗު ދެން ކުޅޭނެ ތާރީހެއް ފަހުން އިއުލާނުކުރާނެ ކަމަށެވެ.
މިއަދު ހަވީރު ގަލޮޅު ދަނޑުގައި އޮޑި ސްޕޯޓްސް އާއި އީގަލްސް ކުޅުނު މެޗުގައި ވެސް ވާރޭ ވެހުނެވެ. އެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މެޗާ އެކު އީގަލްސްއިން ވަނީ ބަލިނުވެ ދަމަހައްޓަމުން އަންނަ ޓްރެކްގައި ހިފަހައްޓާފަ އެވެ
އިރުއޮއްސުނުއިރު ވެހެންފެށި ބޯވާރޭ ހުއްޓާނުލައި ގަޑިއިރުތަކެއް ވަންދެން ވެހުމުގެ ސަބަބުން، މާލޭގެ ގިނަ ސަރަހައްދުތަކެއްގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ. މި ވިއްސާރައިގައި ބައެއް ގޭގެއަށާއި ފިހާރަތަކަށް ފެންވަދެފަ އެވެ. މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ މެދުކެނޑުމެއްނެތި ކުރަމުންނެވެ.
ވިއްސާރައިގެ ސަބަބުން އާންމުންނަށް ލޮބިދާނެ ގެއްލުމަކު ރައްކާތެރިވުމުގެ ފިުވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ އާއި ސިފައިންނާއި ފުލުހުން، މާލޭ ސިޓީ ކައުންސިލް، އެމްޓީސީސީ، އެޗްޑީސީ އަދި ރެޑް ކްރެސެންޓް ގުޅިގެން ވަނީ އޮޕަރޭޝަނެއް ފަށައިފަ އެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއެކު އަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި ކޮޅިގަނޑެއް އުފެދިފައިވާ ކަމަށެވެ.
މި ކޮޅިގަނޑުގެ އަސަރުން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް އެ އިދާރާއިން ލަފާކުރެ އެވެ. އަދި ކުރިއަށް އޮތް ތިން ދުވަހު އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.