މިފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާއިން ބުރު ސްޕޯޓްސްގެ މައްޗަށް ކުރި ހޯދައިފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ދިވެހި ޕްރިމިއާ ލީގުގެ އައްޑަނަ އުފުލާލި މެޗަށް ފަހު، ޕްރެޒިޑެންޓްސް ކަޕާ ވެސް މާޒިޔާ ކުރިމަތިލީ އެ މުބާރާތުގެ ފަހުގެ ޗެމްޕިއަނުންގެ ގޮތުގަ އެވެ. އެ ޓީމުން ވަނީ 2023 ގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފަ އެވެ.
މިގަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކުރިއަށް ދަނީ ހަ ޓީމުގެ މެދުގައި ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕެއްގައި ތިން ޓީމެވެ. ގުރޫޕް އެކެއްގައި މާޒިޔާ އާއި ބުރު އަދި ވިކްޓަރީ އެވެ. ގުރޫޕް ދޭއްގައި އޮޑި އާއި ނިއު ރޭޑިއަންޓް އަދި އީގަލްސް އެވެ.
ވިކްޓަރީ އާއި އީގަލްސް ޕްރެޒިޑެންޓް ކަޕުން ޖާގަ ހޯދީ ލީގުގެ ގަދަ ހަތަރަކުން ކައްސާލި ޓީމުތަކުގެ ތެރެއިން ގަދަ ހަތަރު ޓީމުގެ މެދުގައި ކުޅުނު ކޮލިފައިން މަރުހަލާގެ މެޗުތައް ކާމިޔާބު ކުރުމުންނެވެ. މާޒިޔާ އާއި އޮޑި، ނިއު ރޭޑިއަންޓާއި ބުރަށް، ޕްރެޒިޑެންޓްސް ކަޕުން ސީދާ ޖަގަ ލިބުނީ ގަދަ ހަތަރު ޓީމުގެ ގޮތުގަ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗު މާޒިޔާއިން ކާމިޔާބު ކުރީ 1-0 ންނެވެ.
އެ ލަނޑު މެޗުގެ 19 ވަނަ މިނެޓްގައި ޖެހީ އަޒަރްބައިޖާންގެ މިޑްފީލްޑަރު ނަޒީމް މަމަދުޒާދާ އެވެ.
މާޒިޔާއަށް ލިބުނު ކޯނަރެއްގައި އަހުމަދު އައިހަމް (ފަތޯ) ނަގައިދިން ބޯޅަ، ތަޖުރިބާކާރު ޑިފެންޑަރު އަދި މާޒިޔާގެ ކެޕްޓަން ސަމޫހު އަލީ ބޮލުން ގޯލްގެ ކުރިމައްޗަށް ބޯޅަ ކޮށްޕާލި އެވެ. އެ ވަގުތު މަމަދުޒާދާ ހުރޯ ގޯލްގެ ކުރިމަތީގައި ހުސްކޮށެވެ. އޭނާ ވަނީ ފަސޭހަ ކަމާ އެކު އެ ބޯޅަ ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ.
ބުރު ސްޕޯޓްސް އިން މެޗުގެ ފަހުކޮޅު ނަތީޖާ އެއްވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، މާޒިޔާގެ ޑިފެންސްލައިން ފެނުނީ ވަރުގަދަކޮށެވެ.
ގުރޫޕް ދޭއްގައި ރޭ. އޮޑި ސްޕޯޓްސް އާއި ނިއު ރޭޑިއަންޓްގެ މެޗު ނިމުނީ 1-1 ން އެއްވަރުވެގެންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ނިއު ރޭޑިއަންޓުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލައިބީރިއާގެ ފޯވާޑް އަބްދުލައި ބިލިޓީ އެވެ. އޭނާ ވަނީ އޭރިއާ ބޭރުން ލިބުނު ފުރުސަތެއްގައި ބާރު ހަމަލާއެއް ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.
ނަމަވެސް، އޯޑީ ސްޕޯޓްސް އިން އުއްމީދު ކަނޑައެއް ނުލައެވެ. މެޗުގެ ދެވަނަ ހާފުގައި އެޓީމުގެ ކްޕެްޓމުހައްމަދު ރަޝީދު (ހޮކޭ) ޖަހައިދިން ލަނޑާއެކު އޯޑީން ވަނީ ނަތީޖާ އެއްވަރުކޮށް، މުހިންމު ޕޮއިންޓެއް ހޯދާފައެވެ.
ކުރިއަށް އޮތް މެޗުތައް (13 ފެބްރުއަރީ 2026)
ގްރޫޕް 2 - ނިއު ރޭޑިއަންޓް = ކްލަބް އީގަލްސް - ހަވީރު
ގުރޫޕް 1 ބުރު ސްޕޯޓްސް ކްލަބް = ވިކްޓަރީ - ރޭގަނޑު