ބުރު ސްޕޯޓްސް ކްލަބްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ގައުމީ ޓީމަށް ފުރުސަތު ދޭން، ދިވެހި ލީގު މެދުކަނޑާލުމުގެ ކުރިން މާޒިޔާއިން ދެވަނަ އަށް ޖެހިލައިފި އެވެ.
މާޒިޔާ ދެވަނައިގައި އޮތީ ހަ މަޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. އެ އަދަދަށް މެޗު ކުޅެ އެއްވަނައިގައި އޮތީ ވިކްޓަރީ އެވެ. އެ ޓީމުން ވަނީ 16 ޕޮއިންޓް ހޯދާފަ އެވެ. އެ ދެ ޓީމަށް ވުރެ އެއް މެޗު މަދުން ކުޅެފައިވާ ނިއު ރޭޑިއަންޓް އޮތީ ތިންވަނައިގަ އެވެ. އެ ޓީމަށް ހޯދިފައި ވަނީ 11 ޕޮއިންޓެވެ.
ލީގު، މެދުކަޑާލީ އަންނަ މަހު ކުރީކޮޅު، ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ތާއްޔާރުވާން ގައުމީ ޓީމަށް ވަގުތު ދިނުމުގެ ގޮތުންނެވެ. ބަންގްލަދޭޝްގައި ކުޅޭ އެ މުބާރާތް ކުރިއަށްދާނީ އަންނަ މަހު 4-17 އަށެވެ. އެ މުބާރަތަށް ފަހު ލީގުގެ ކުޅުން އަލުން ފަށާނީ އަންނަ މަހު 22 ގަ އެވެ.
މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑެއް ނުޖެހުނެވެ. މާޒިޔާއިން މެޗު ބަދަލުކޮށްލީ ދެވަނަ ހާފުގައި ގެނައި ބަދަލުތަކުންނެވެ.
މާޒިޔާގެ ކޯޗު ޓޯމަޝް ޓްރުހާ ވަނީ މެޗުގެ 68 ވަނަ މިނެޓްގައި ނައިޖީރިއާގެ ފޯވާޑް ބެންޖަމިން ތޯމަސް ކޫކް ކުޅެން ނެރެފަ އެވެ. މެޗަށް ނުކުމެ އޭނާ ބޯޅައިގައި ޖައްސާލި ފުރަތަމަ ޓަޗުން ލަނޑު ޖަހައި ލީޑް ނަގައިދިނެވެ.
މާޒިޔާއަށް ކޯނަރެއް ލިބި، އެ ކޯނަރު ނަގަން ތައްޔާރުވެފައި ވަނިކޮށް ކޫކުް ކުޅެން ނެރެނުވެ. އަހްމަދު އައިހަމް ނެގި ކޯނަރު ބުރުގެ ޑިފެންޑަރުން ދިފާއު ކުރުމުން ރީބައުންސްވި ބޯޅަ ވޮލީއަކުން ކޫކް ގޯލްގެ ތެރެއަށް ފޮނުވާލި އެވެ.
މެޗުގެ 78 ވަނަ މިނެޓްގައި ކޫކޫ ވަނީ އިތުރު ލަނޑެއް ޖަހައި މާޒިޔާގެ ލީޑް ފުޅާކޮށްދީފަ އެވެ. ކައުންޓަ އެޓޭކްގެ ފުރުސަތަކަށް ބުރުގެ ކުޅުންތެރިން ކުރިއަށް އަރާތިބި ވަގުތު ކީޕަރު ހުސައިން ޝަރީފް ބޯޅަ ހޯދައި އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ) އަށެވެ. އިއްބެ ވަނީ ބޯޅަ ކުރިއަށް ދީ ކޫކު އަށް ބޯޅަ ދީފަ އެވެ.
ބޯޅަ ހިފައިގެން އަރިމަތިން ގޮސް އޭރިއާގެ ކަނާ ދިމާލުން އޭނާ އޭރިއާ ތެރެއަށް ވަދެ ގޯލްގެ ތެރެއަށް ބޯޅަ ވައްދާލި އެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ އޭނާ އެވެ.
އިއްޔެ ހަވީރު ޓީސީ ސްޕޯޓްސްއާ ދެކޮޅަށް ކާމިޔާބު ހޯދައި ބިސް ބުރު ސްޕޯޓްސްއިން ވަނީ އެ ޓީމުން އުނދަގުލުން ހޯދި ފޯމުގައި ދަމަހައްޓާފަ އެވެ. ބިސް ބުރުން މެޗު ކާމިޔާބު ކުރީ 2-1 ންނެވެ.
މެޗު ފެށިގެން ފުރަތަމަ 15 މިނެޓު ތެރޭގައި ދެ ލަނޑުގެ ލީޑެއް ނަގައި ބިސް ބުރުން މެޗު ޑޮމިނޭޓް ކުރި އެވެ.
ފުރަތަމަ ލަނޑު މެޗުގެ 11 ވަނަ މިނެޓުގައި އިބްރާހީމް އަތީގު ހަސަން ޖެހީ ނައިޖީރިއާގެ މިޑްފީްލޑަރު އަރެމޫ ތިމޯތީ އޮލުވާސެއުން ނަގައިދިން ހުރަހަކުންނެވެ.
އޭގެ ހަތަރު މިނެޓު ފަހުން، ޓީސީގެ ދިފާއީ ކުޅުންތެރިޔަކަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، މުހައްމަދު ޒިދާން އީސާ ވަނީ ޕެނަލްޓީ އޭރިއާގެ އަރިމަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ދެވަނަ ލަނޑު ޖަހާފަ އެވެ.
ޓީސީއަށް ސުމެއް ކަނޑުވާލަ ދިނީ ކެޕްޓަން ހަސަން އީނާޒެވެ.