ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބްގެ މައްޗަށް މާޒިޔާއިން 3-1 މެޗު ކާމިޔާބުކޮށްފި އެވެ.
މެޗަށް ނުކުތް އިރު މާޒިޔާ އޮތީ ހަތަރު މެޗުން ހޯދި ހަތް ޕޮއިންޓާ އެކު ތާވަލުގެ ފަސްވަނައިގަ އެވެ. އެކަމަކު މެޗުން ހޯދި ތިން ޕޮއިންޓާ އެކު މިހާރު ވަނީ 10 ޕޮއިންޓް ހަމަކޮށް ތާވަލުގެ ތިންވަނައަށް ޖެހިލައިފަ އެވެ.
ދެވަނައިގައި އޮތީ އީގަލްސް އެވެ. އެއްވަނައިގައި އޮތީ ވިކްޓަރީ އެވެ.
މާޒިޔާގެ ފުރަތަމަ ލަނޑަކީ ބިސް ބުރުގެ މިޑްފީލްޑަރު އަލީ ޝައިހާން ނަސީމް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މެޗުގެ 28 ވަނަ މިނެޓްގައި، ބިސް ބުރުގެ އޭރިއާގެ ބޭރުން މާޒިޔާގެ އަހްމަދު އައިހަމް (ފަތޯ) ބިސް ބުރުގެ ޑިފެންޑަރު މަޖްދާން ސޯލިހް ކައިރިން ބޯޅަ އޭރިއާ ތެރެއަށް ދިނީ އައިދު މުހައްމަދު ޖަވީޒަށް ދިނުމަށެވެ.
އައިދު ފައިން ކޮއްޕާލި ބޯޅަ ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި ޝައިހާންގެ ފައިގައި ޖެހިފައި ބޯޅަ ވަނީ ގޮސް އަމިއްލަ ޓީމުގެ ގޯލްގެ ތރީ ކަނަށެވެ.
ބިސް ބުރުން ޖެހި ލަނޑަކީ ހިތްގައިމު ގޯލެވެކެވެ. މާޒިޔާގެ ހާފގެ ތެރެއިން ދަނޑުގެ ބޭރުރޮނގު ކައިރިން ޝައިހާން ބޯޅަ ދިނީ އޭރިއާގެ އަރިމަތިން ކުރިއަށް ދިޔަ، ބިސް ބުރުގެ އަހްނަފް މުހައްމަދު ތަސްނީމް އަށެވެ.
އަހްނަފް މަތިމަތިން ބޯޅަ ނެގީ ގޯލް ކުރިމައްޗަށް ހުރަސްކޮށްދިނުމަށެވެ. އެކަމަކު ބޯޅައިގެ މިސްރާބު އެނބުރި ގޯލްގެ ހުރަް ދަނޑީގައި ކޭތިލާފައި ގޮސް ބޯޅަ އޮހިގެން ދިޔައީ މާޒިޔާގެ ގޯލްގެ ތެރެއަށެވެ.
މާޒިޔާގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ ކުރީކޮޅުގައި ޖެހީ އަބްދުﷲ ލޫތު އިބްރާހިމެވެ. އޭނާ ލަނޑު ޖެހީ ކޯނަރަކުން ތަނަވަސްވި ބޯޅައިންނެވެ.
މާޒިޔާގެ ތިންވަނަ ލަނޑު ޖެހީ ބެނިންގެ ޝާބަލް ގޯމޭޒެވެ. އޭިއާގެ އަރިމަތިން އަރައި ގޯލާ ދިމާލަށް ގޮސް އޭނާ ބޯޅަ ފޮނުވާލީ ބޯޅަ ހުއްޓުވަން އެރި ޑިފެންޑަރާއި ކީޕަރުގެ ދެމެދުން ގޯލްގެ ކައިރި ކަނަށެވެ.