ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން، ބިސް ބުރު ސްޕޯޓްސް ކަލްބް ބަލިކޮށް ވިކްޓަރީން އަލުން މޮޅުވުމުގެ ރޭހަށް އަތުވެއްޖެ އެވެ. 

ވިކްޓަރީގެ މޮޅުވުމުގެ ރޭސް މެދުކެނޑުނީ މިދިޔަ ހޮނިހިރު ދުވަހު މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވުމުންނެވެ. އެ މެޗުން މޮޅު ނުވެވުމުން ލީގުގެ ކުރީކޮޅުގައި ދެމެހެއްޓި އެއްވަނަ މަގާމުން ފުރޮޅާލި އެވެ. 

މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި، ވިކްޓަރީން ލީޑް ނެގީ މެޗުގެ 27 ވަނަ މިނެޓްގައި އަހްމަދު ރިޒުވާން (ރިޒޭ) ޖަހައިދިން ލަނޑުންނެވެ 

ބިސް ބުރުގެ ހާފުގެ މެދެއްހާހިސާބުން ވިކްޓަރީގެ އުޒްބެކިސްތާނުގެ ޑިފެންޑަރު ފުރުގަތުޖޯން ހަސަންބޯއެވް، އޭރިއާގެ ތެރެއަށް ނަގައދިން ބޯޅަ، އޭރިއާގެ ރޮނުގުމަތީ ނައިޖީރިއާގެ އަލްހާޖީ ޖެރޯ ދިފާއުކޮށް، ގޯލް ކުރިމައްޗަށް ނަގައިދިނެވެ. އެ ބޯޅަ ހުއްޓުވަން ބިސްބުރުގެ ކީޕަރު ގާނާގެ ޕީޓާ ސާކޯޑީ ކުރިއަށްނުކުމެލި އެވެ. އެކަމަކު އޭނާއަށް ވުރެ ކުރިން ރިޒުވާން ވަނީ ގޯލްގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ. 

ލަނޑު ޖެހުމުގެ ކުރިން ވެސް ވިކްޓަރީ ހަމަލާތަކެއް އުފެއްދި އެވެ. ބައެއް ހަމަލާތައް ކީޕަރު ސާކޯޑީ ހުށިޔާރުކަމާ އެކު ދިފާއު ވެސް ކުރި އެވެ. އެކަމަކު ވިކްޓަރީގެ ހުރިހާ އެޓޭކްތަކެއް އޭނާ އަށް ވެސް ހުއްޓުވޭ ގޮތެއް ނުވި އެވެ. 

ވިކްޓަރީގެ ފަހު ދެ ލަނޑު ޖެހީ ދެވަނަ ހާފުގެ ކުރީކޮޅުގަ އެވެ. އެ ލަނޑަކީ އުޒްބެކިސްތާނުގެ ދެ ކުޅުންތެރިންގެ ކޮމްބިނޭޝަނެކެވެ.

އެ ޓީމަށް ލިބުނު ކޯނަރު، ރިޒްވާން ކުރު ޕާހެއް ދިނީ އުޒްބެކިސްތާނުގެ މިރްޖަލޯލް ކާސިމޯވް އަށެވެ. އޭރިއާގެ އަރިމަތީގައި ހުރެފައި މަތިމަތިން ހުރަސްކުރި ބޯޅަ އަށް ފުންމައިގެން އަރައި އެ ބޯޅަ ބޮލުން ޖަހައި ގޯލްގެ ތެރެއަށް ވައްދާލީ ނަގައިދިނީ ޝޯހްރުހްބެކް ޚޯލްމަތޯވް އެވެ.

އެ ޓީމުގެ ތިންވަނަ ލަނޑު، ހަސަން ނަޒީމް (ޗޯޓް) ތަނަވަސްކޮށްދިން ފުރުސަތަކުން ޖެހީ ހާޖީ ޖެރޯ އެވެ. އޭރިއާގެ އަރިމަތިން ވަދެ، ނަޒީމް އެ ބޯޅަ ގޯލް ކުރިމައްޗަށް ނަގައިދިނެވެ. ޖެރޯ ވަނީ ފަސޭހަކަމާ އެކު އެ ބޯޅަ ގޯލްގެ ތެރެއަށް ވައްދާލައިފަ އެވެ. 

މި މޮޅާ އެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހޯދާފަ އެވެ.