އޮޑި ސްޕޯޓްސްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ވިކްޓަރީން ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފި އެވެ.
އަންނަ މަހު ކުޅޭ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމަށް ވަގުތު ދިނުމުގެ ގޮތުން، އާދިއްތަ ދުވަހުގެ ކުޅޭ ދެ މެޗަށް ފަހު ލީގުގެ ކުޅުން މެދުކަނޑާލާނެ އެވެ. ވިކްޓަރީން މިރޭ ހޯދި ތިން ޕޮއިންޓާ އެކު ލީގު ބްރޭކަށް ދާނީ އެ ޓީމު އެއްވަނައިގައި އޮވެގެންނެވެ.
ވިކްޓަރީގެ ފުރަތަމަ ލަނޑު 21 ވަނަ މިނެޓްގައި ޖެހީ އަހްމަދު ރިޒުވާނެވެ. އެ ޓީމުގެ އުޒްބެކިސްތާނުގެ މިޑްފީލްޑަރު މިރްޖަލޯލް ކާސިމޯވް ތަނަވަސްކުރި ފުރުސަތަކުން ރިޒޭ ވަނީ އެއްފަހަރުން ޖަހައި ގޯލްގެ ތެރެއަށް ވައްދާލައިފަ އެވެ.
އެ ލަނޑުހަން ރިޒޭއަށް ފުރުސަތު ތަނަވަސްކޮށް ދިނުމުގައި މިރްޖަލޯލް ބޭނުން ކުރި އުކުޅު ފާހަގަކޮށްލަން ޖެހެ އެވެ. އެ ޓީމަށް ލިބުނު ކޯނަރު އޭރިއާ ތެރެއަށް ސީދާ ނެގުމުގެ ބަދަލުގައި އޭނާ ކުރު ޕާހެއް ދިނީ އޮޑީގެ އޭރިއާ ތެރޭގައި ހުރި ވިކްޓަރީގެ ހަސަން ނަޒީމް (ޗޯޓް) އަށެވެ. ނަޒީމު އެ ބޯޅަ ކޮންޓްރޯލް ކޮށްލައި މިރްޖަލޯލް އަށް ދިނެވެ. އޮޑީގެ ޑިފެންޑަރު ވިއްދާފައި ވަނިކޮށް ވެސް މިރްޖަލޯލް ވަނީ އެ ޓީމުގެ ޑިފެންސްގެ ތެރެއިން އެބޯޅަ އޭރިއާ ތެރެއަށް ނަގައިދީފަ އެވެ. ހަމަ އެއްފަހަރުން ޖަހައި ރިޒޭ ގޯލްގެ ތެރެއަށް ބޯޅަ ވައްދާލި އެވެ. އެ ބޯޅަ ދިފާއުކުރުމުގައި އޮޑީގެ ކީޕަރު މުހައްމަދު އަޝްވާނަށް ކުރެވޭނެ ކަމެއް ނެތެވެ.
މީގެ ކުރިން ކުޅުނު މެޗުތަކުގައި ވެސް މިރްޖަލޯލް ވަނީ އެ އުކުޅު ބޭނުން ކޮށްފަ އެވެ. ބިސް ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ކޯނަރު ނަގައި ކުރު ޕާހެއް ދިނެވެ. އަލުން އެ ބޯޅަ ލިބިގަނެ އޭނާ ފޮނުވާލީ މަތިމަތިންނެވެ. ބޮލުން ޖަހައި އެ މެޗުގައި ލަނޑު ޖެހީ އޭނާއާ އެއް ގައުމަކަށް ނިސްބަތްވާ ޝޯހްރުހްބެކް ޚޯލްމަތޯވް އެވެ.
ވިކްޓަރީގެ ދެވަނަ ލަނޑު ވެސް ޖެހީ ރިޒޭ އެވެ. އެ ޓީމުން ކޮމްބިނޭޝަން ޕްލޭއެއްގައި އުފެއްދި ހަމަލާގައި އެ ލަނޑު ޖަހަން ރިޒޭ އަށް ފުރުސަތު ތަނަވަސްކޮށް ދިނީ ކެޕްޓަން ނާއިޒު ހަސަން (ދާދު) އެވެ. އޭނާ ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު އޭރިއާ ތެރެއަށް ވެސް ނުވަދެ، އޭރިއާގެ ކަނާ ދިމާލުގައި ހުރެފައި ރިޒޭ ވަނީ ގޯލްގެ ދުރުކަނަށް ބޯޅަ ވައްދާލައިފަ އެވެ.
މިފަހަރުގެ ސީޒަނުގައި އަދި މިހާތަނަށް މެޗަކުން ބަލި ނުވެ އޮތް ހަމައެކަނި ޓީމަކީ ވިކްޓަރީ އެވެ. ކަޕް ވިނާސް ކަޕުން ފުރުސަތު ނުލިބުމުން އެ ޓީމުން ސީޒަން ފެށީ ލީގުންނެވެ.