ކްލަބް އީގަލްސްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ވިކްޓަރީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި އެވެ.
މިއަދު ހަވީރު ކުޅުނު މެޗުން މާޒިޔާ 7-0 ން ގައްދޫގެ މައްޗަށް ކުރި ހޯދުމުން ވިކްޓަރީއާ ޕޮއިންޓޤގެ ގޮތުން ހަމަހަމަކޮށް ލަނޑުގެ ތަފާތުން އެއްވަނައަށް ޖެހިލި އެވެ.
މާޒިޔާއަށް އެއްވަނައިގައި އޮވެވުނީ ހަތަރު ގަޑިއެއްހާއިރު އެވެ.
މިރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު ކާމިޔާބު ކުރުމާ އެކު ވިކްޓަރީން އެއްވަނަ މަގާމު އަލުން ހޯދީ ތިން ޕޮއިންޓްގެ ލީޑަކާ އެކު އެވެ. ވިކްޓަރީއަށް މިހާރު 22 ޕޮއިންޓް އެބައޮތެވެ.
މެޗުގެ އަށްވަނަ މިނެޓްގައި، ވިކްޓަރީން ލިޑް ނެގި އެވެ. އެ ޓީމުގެ ހަސަން ނަޒީމް (ޗޯޓް) އޭރިއާތެރެއަށް ނަގައިދިން ބޯޅަ ގޯލަށް ވަނީ އީގަލްސްގެ ޑިފެންޑަރެއްގެ ގައިގައި ޖެހިފަ އެވެ. ނަޒީމް މަސައްކަތް ކުރީ، އޭރިއާގެ ތެރޭގައި ހުރި އެ ޓީމުގެ ނައިޖީރިއާގެ ފޯވާޑް އަލް ހާޖީ ގެރޯ އަށް ބޯޅަ ނަގައިދިނުމަށެވެ. ގެރޯ ވެސް އެ ބޯޅަ އަށް މަސައްކަތް ކުރި އެވެ. އެކަމަކު އޭނާ ހުއްޓުވަން އުޅުމުގެ ތެރޭގައި އީގަލްސްގެ ކުޅުންތެރިޔެއްގެ ފައިގައި ޖެހިފައި ވަނީ އަމިއްލަ ބައިކޮޅަށެވެ.
ރަސްމީ މެޗު ރިޕޯޓްގައި އެ ލަނޑު ލިސްޓްކޮށްފައި ވަނީ ނަޒީމް ޖެހި ގޯލެއްގެ ގޮތުގަ އެވެ.
މެޗުގެ 20 ވަނަ މިނެޓްގައި، ވިކްޓަރީގެ ދެވަނަ ލަނޑު ވެސް އޭނާ ޖެހީ ހަމަ އެކަހަލަ ގޮތަކަށެވެ. އޭރިއާގެ ބޭރުން އަރިމަތިން ނަގައިދިން ބޯޅަ އޮޅާފައި އޭނާ ފޮނުވާލީ ގޯލްގެ މަތީ ކަނަށެވެ.
އޭގެ ފަހުން ވެސް ވިކްޓަރީން ހަމަލާތަކެއް އުފެއްދި އެވެ. ގެރޯއަށް ލަނޑެއް ޖެހުނު ކަމަށް ވެސް ހީކުރެވުނެވެ. އެކަމަކު ރެފްރީ ދެއްކީ އޮފްސައިޑް ކަމަށެވެ.