29 ނޮވެމްބަރ 2025 - 08:07
ވިކްޓަރީ އަށް ދެ ލަނޑުގެ ލީޑްގެ ހިފަހައްޓާނުލެވި އީގަލްސް އަތުން 2-2 ން އެއްވަރުވެއްޖެ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގެ 20 މިނެޓް ނުވަނީސް ވިކްޓަރީން ދެ ލަނޑުގެ ލީޑެއް ނެގި އެވެ.
އެ ޓީމުގެ ފުރަތަމަ ލަނޑު، މެޗު ފެށިގެން 10 މިނެޓް ނުވަނީސް ޖެހީ ބްރެޒިލްގެ ފޯވާޑް ވްލަޑްމިއާ އެވަޓަން އެވެ. އީގަލްސްގެ އޭރިއާ ބޭރުން އޭނާ އަށް ބޯޅަ ލިބުނު އިރު އޮތީ ހުސްކޮށެވެ. ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް އޭނާ ވަނީ ފަސޭހަކަމާ އެކު ގޯލްގެ ތެރެއަށް ވެސް ބޯޅަ ފޮނުވާލީ ހަމަޖެހިލައިފަ އެވެ.
އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) އެވެ. އަބްދުﷲ މިދުހަތު ފަހްމީ (ބިޗަޑް) ނަގައި ދިން ކޯނަރު ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެން އޭނާ ވިކްޓަރީގެ ލީޑް ދެ ލަނޑަށް ފުޅާކޮށް ދިނެވެ.
އީގަލްސްގެ ދެ ލަނޑު ވެސް ޖެހީ އެ ޓީމުގެ ކެޕްޓަން އަހްމަދު ރިޒްވާން (ރިޒޭ) އެވެ. ވިކްޓަރީގެ އޭރިއާގެ ތެރެއިން އިސްމާއީލް އީސާ ގޯލް ކުރިމައްޗަށް ނަގައިދިން ބޯޅަ ވިކްޓަރީގެ ކީޕަރު މަހްމޫދު އަލް ޔޫސުފް ދިފާއު ކުރި އެވެ.
ސީރިއާގެ ކީޕަރު މަހުމޫދު ދިފާއު ކުރި ބޯޅަ ރީބައުންސްވީ އޭރިއާ ތެރެއަށެވެ. އެ ބޯޅައިގެ ނުރައްކާ ކަނޑުވާލުމުގައި އޭރިއާގެ ތެރޭގައި ތިބި ވިކްޓަރީގެ ޑިފެންޑަރުން އެކަށީގެންވާ މަސައްކަތެއް ނުކުރެވުނެވެ. ބާރަށް ދުވެފައި އައިސް ރިޒޭ އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލި އެވެ.
އީގަލްސްއިން ނަތީޖާ ހަމަހަމަ ކުރި ދެވަނަ ހާފުގަ އެވެ. އެ ލަނޑު ރިޒޭ ޖެހީ 63 ވަނަ މިނެޓްގަ އެވެ.
ވިކްޓަރީގެ އޭރިއާގެ ބޭރުން ރިޒޭ އަށް ދިން ބޯޅަ ހޯދަން ވިކްޓަރީގެ ދެ ޑިފެންޑަރުން އޭނާގެ ގާތުގައި ވިއްދި އެވެ. އޭރިއާތެރެއަށް ވަނުމުގެ ބަދަލުގައި އޭނާ ބޯޅަ ފޮނުވާލީ ގޯލްގެ ދުރު ކަނަށެވެ. ގޯލްދަނޑިގައި ޖެހިފައި ބޯޅަ ގޮސް ވަނީ ގޯލްގެ ތެރެއަށެވެ.
ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރު އީގަލްސްއިން ނިންމާލީ 13 ޕޮއިންޓާ އެކު އެވެ. ނުވަ މެޗުން ވިކްޓަރީ އަށް ހޯދުނީ އަށް ޕޮއިންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy