މި ސީޒަނުގައި މެޗަކުން ބަލި ނުވެ، ކުރިއަށް ދިޔަ އީގަލްސްއިން ނިއު ރޭޑިއަންޓާ ޖެހި 7-1 ބަލިވެއްޖެ އެވެ.
ކަޕް ވިނާސް ކަޕުން ފުރުސަތު ނުލިބުމުން، އީގަލްސްއިން މި ސީޒަން ފެށި ދިވެހި ޕްރިމިއާ ލީގުންނެވެ. މިއަދުގެ މެޗާ ހަމައަށް އެ ޓީމުން ބަލި ނުވެ ދެމެހެއްޓި ރެކޯޑަށް ނިއުއިން ނިމުން ގެނައީ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މިއީ މީގެ ކުރިން ވެސް ރާއްޖޭގެ އެހެން ކްލަބްތަކަށް ވެސް ކުޅުނު ޕާކިސްތާނުގެ ގައުމީ ކީޕަރު ސާގިބް ހަނީފް ކޮޅަށް، އެއް މެޗެއްގައި މިހާ ގިނަ އަދަދެއްގެ ގޯލް މީގެ ކުރިއަކުން ވަދެފައެއް ނުވެ އެވެ.
މެޗުގެ ކުރީކޮޅުން ފެށިގެން ނިއުއިން ވަނީ މެޗުގެ ކޮންޓްރޯލް ނަގައި، އީގަލްސްގެ ޑިފެންސަށް ބާރުބޮޑުކޮށްފަ އެވެ. ނިއުގެ ފޯވާޑުން ކަމަށްވާ، ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ)، އަލީ ފާސިރު (ސެންޓޭ) އަދި ޑޮރިއެލްޓަން ގޯމޭޒް (ޑޯރީ) ވަނީ އީގަލްސްގެ ދިފާއީ ފާރު މުޅިން ފުނޑުފުނޑުކޮށްލާފަ އެވެ.
ފުރަތަމަ 10 މިނެޓްތެރޭގައި ލީޑް ނެގި އެވެ. މެޗުގެ ނުވަވަނަ މިނެޓްގައި ސެންޓޭ ދިން ތުރޫ ބޯޅައަކުން ޑޯރި ވަނީ ނިއުއަށް ލީޑް ނަގައިދީފަ އެވެ. އޭނާ އެ ބޯޅަ ގޯލަށް ވައްދާލީ ކީޕަރު ސާގިގް ކައިރިން ނައްޓާލުމަށް ފަހު އެވެ.
މެޗުގެ 23 ވަނަ މިނެޓްގައި އީގަލްސްގެ އޭރިއާ ތެރެއިން ދަގަނޑޭއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން ސެންޓޭ ވަނީ ލީޑު ފުޅާކޮށްދީފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ދަގަނޑޭ ހުރަސްކޮށްދިން ބޯޅައަކުން ޑޯރީ ބޮލުން ޖަހައި ނިއުއަށް ތިންވަނަ ލަނޑު ޖަހައިދިނެވެ.
ދެވަނަ ހާފު ފެށިގެން ހަވަނަ މިނެޓުގައި ސެންޓޭ ތަނަވަސްކޮށްދިން ފުރުސަތަކުން އިބްރާހީމް މައިސާން ވަނީ ކީޕަރު ސާގިބްގެ ބޯމަތިން ބޯޅަ ގޯލަށް އޮއްސާލައިފަ އެވެ. އޭގެފަހުން، ކައުންޓަ އެޓޭކެއްގައި ކަނާތްފަރާތުން ވަދެ ސެންޓޭ ފޮނުވާލި ބޯޅަ ދެ ދަނޑީގައި ޖެހިފައި ގޯލަށް ވަދެ އޭނާގެ ދެވަނަ ލަނޑު ޖަހައި ދިނެވެ.
ސެންޓޭ، އެ ލަނޑު ޖެހީ އޭނާގެ އިންޑިވިޖުއަލް ހުނަރު ވަރަށް ރަނގަޅަށް ބޭޏުންކޯށްގެންނެވެ. އޭނާ ހުއްޓުވޭޏެ އެއްވެސް ގޮތެއް އީގަލްސްގެ ކުޅުންތެރިންނަކަށް ނުހޯދުނެވެ.
އީގަލްސްއަށް ސުމެއް ކަނޑުވާލަ ދިނީ މެޗުގެ 80 ވަނަ މިނެޓުގައި އެ ޓީމުގެ މިސްރުގެ ފޯވާޑް އަމީރު ޝުއައިބު އަލް ސޯދިގެވެ.
މެޗުގެ ފަހުކޮޅުގައި ނިއުގެ ޓީމުން ތަފާތު ދެއްކީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނުކުތް އީތަން އިބްރާހިމް ޒަކީ އާއި ހަސަން ރާއިފް އަހްމަދު (ހަންނަ) އެވެ. އެ ޓީމުގެ ހަތްވަނަ ރާއިފް ޖެހީ އިޓަން ފުރުސަތަކުންނެވެ. އޭގެ ކުރިން ލައިބީރިއާގެ މިޑްފީލްޑަރު އަބްދުލައި ބިލިޓީ ވަނީ ނިއުގެ ހަވަނަ ލަނޑު ޖަހައިފަ އެވެ.